އާޓިފިޝަލް ބީޗް ބޮޑުކޮށް ޒަމާނީ ފެންވަރަކަށް ތަރައްގީކުރަން އެމްޓީސީސީއަށް

ހެންވޭރު އާޓިފިޝަލް ބީޗު --

މާލޭ އިރުމަތީ ފަރާތުގައި އޮންނަ "އާޓިފިޝަލް ބީޗް" ބޮޑުކޮށް ޒަމާނީ ފެންވަރަށް ތަރައްގީކުރަން މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އަށް ހަވާލު ކޮށްފި އެވެ.

އާޓިފިޝަލް ބީޗް ތަރައްގީ ކުރަން މިއަދު ބަޔަކާ ހަވާލުކޮށްފައިވާއިރު، މާފަންނުގައި ތަރައްގީ ކޮށްފައިވާ ރަސްފަންނު ގޮތަށް އެތަން ތަރައްގީ ކުރާނެ ކަމަށް 2016 ވަނަ އަހަރުގެ ތެރޭގައި ސަރުކާރުން ބުނެފައިވެއެވެ. ކުރިން ހައުސިން މިނިސްޓަރު ވިދާޅުވީ، އާޓިފިޝަލް ބީޗް ތަރައްގީ ކުރަން ރާވާފައިވަނީ ކާނިވާ ސަރަހައްދު ހިމެނޭ ގޮތަށް ކަމަށެވެ.

ހައުސިން މިނިސްޓްރީގައި މިއަދު ބޭއްވި ސޮއި ކުރުމުގެ ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ، އާޓިފިޝަލް ބީޗު ވެސް ރަސްފަންނު ފަދަ ތަފާތު އަދި ރީތި ކޮންސެޕްޓަކަށް ތަރައްގީ ކުރަން ނިންމާފައިވާ ކަމަށެވެ.

އެގޮތުން މިހާރު ރަސްފަންނުގައި ހުންނަ ގޮތަށް ކުޑަތަކާއި ހޮޅުއަށްޓާއި އުނދޯލިގެއާއި އައުޓް ޑޯ ޖިމްގެ އިތުރުން އެ ސަރަހައްދާ ގުޅޭ މިންވަރަކަށް ކެފޭތައް ވެސް ހުންނާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.

އެމްޓީސީސީއަށް އެ މަސައްކަތްތައް ނިންމަން ދިނީ ފަސް މަސް ދުވަހެވެ. މިއަދުގެ ރަސްމިއްޔާތުގައި އެމްޓީސީސީގެ ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވީ، އެ މުއްދަތުގެ ތެރޭގައި މަސައްކަތް ނިންމައި ހައުސިން މިނިސްޓްރީއާ ހަވާލުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، އާޓިފިޝަލް ބީޗް ތަރައްގީ ކުރާ މަޝްރޫއަށް ޖުމްލަ 13 މިލިއަން ރުފިޔާ ހަރަދު ވާނޭ ކަމަށެވެ. އޭގެ ތިން މިލިއަން ރުފިޔާ އަކީ އެ މަޝްރޫއު ހަވާލު ކޮށްފައިވާ އެމްޓީސީސީގެ ސީއެސްއާރުގެ ދަށުން ހިލޭ ދޭ އަދަދެކެވެ.

ނަމަވެސް އެހެން ކުންފުނިތަކުގެ ސީއެސްއާރުގެ ދަށުން ތަފާތު މަޝްރޫއުތައް އެތަނަށް އަންނާނެ ކަމަށް މިނިސްޓަރު މުއިއްޒު ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ، އާޓިފިޝަލް ބީޗް ތަރައްގީ ކުރުމަށް އެތަނުގައި ހުރި ކެފޭތައް ބަންދުކުރަން ދިން ނޯޓިސް ހަމަވެފައިވާ ކަމަށެވެ. އަދި ސަރުކާރުން ފައިސާ ދޭން ނުޖެހޭނެ ގޮތަކަށް އެ ކެފޭތައް ހިންގާ ފަރާތްތަކާއެކު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށް ވިދާޅުވިއެވެ.

comment ކޮމެންޓް