ނޭމާއާ އެކު ޑެނީލޯއާއި ޓައިސަން ހިމަނައި، ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑު އިއުލާންކޮށްފި

ވޯލްޑް ކަޕް ކޮލިފައިންގައި ޕެރޫއާއި ބްރެޒިލް ބައްދަލުކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

ނޭމާއާ އެކު ޑެނީލޯއާއި ޓައިސަން ހިމަނައި، ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑު އިއުލާންކޮށްފި އެވެ.

ރަޝިއާގައި އަންނަ މަހު ފަށާ ވޯލްޑް ކަޕް 2018ގެ ސްކޮޑަށް ނަގާނެ 23 ކުޅުންތެރިންގެ ސްކޮޑުން ޖާގަ ޔަގީންވާ 16 ކުޅުންތެރިއެއްގެ ނަން، މިދިޔަ ފެބްރުއަރީ މަހު ބްރެޒިލްގެ ކޯޗު ޓިޓޭ ވަނީ އިއުލާންކޮށްފަ އެވެ.

ޕެރިސް ސެއިންޓް ޖާމައިން (ޕީއެސްޖީ)ގެ ތަޖުރިބާކާރު ރައިޓް ބެކް ޑެނީ އަލްވޭސްއަށް ޖާގައެއް ލިބޭނެކަމުގެ ޔަގީންކަން ކުރިން އޮތް ނަމަވެސް، މިދިޔަ ހަފްތާގައި ޕީއެސްޖީއަށް ކުޅެމުންދަނިކޮށް އޭނާގެ ކަކުލަށް ލިބުނު ބޮޑު އަނިޔާ އަކާ ގުޅިގެން ސްކޮޑުން ވަނީ އުނިކުރަން ޖެހިފަ އެވެ.

ޕީއެސްޖީގެ ޑިފެންޑަރު އަލްވޭސްގެ ބަދަލުގައި ސްކޮޑުން ޖާގަ ދީފައި ވަނީ މެންޗެސްޓާ ސިޓީގެ ރައިޓް ބެކް ޑެނީލޯއަށެވެ. ފުރަތަމަ 11 އިން ޖާގަ ހޯދުމަށް ޓަކައި ޑެނީލޯ ވާދަކުރަންޖެހޭނީ ކޮރިންތިއަންސްގެ ފެގްނާއާ އެވެ.

ކުރިން ވެސް ބެލެވުނު ގޮތަށް ޔުވެންޓަސްގެ ފޯވަޑް ޑަގްލަސް ކޮސްޓާއާއި ޝަކްތާރު ޑޮނެސްކްގެ މިޑްފީލްޑަރު ފްރެޑްއަށް ވަނީ ސްކޮޑުން ޖާގަ ދީފަ އެވެ. ކޮސްޓާއާއި ނޭމާއާއި ގެބްރިއަލް ޖީސަސް އަދި ރޮބާޓޯ ފާމީނޯއާއެކު ފޯވަޑުންގެ ތެރޭގައި ދެން ހިމެނެނީ ޝަކްތާރުގެ ޓައިސަން އެވެ.

ސެންޓްރަލް ޑިފެންސްއިން ޓިޓޭ ވަނީ ގްރެމިއޯގެ ޕެޑްރޯ ޖެރޮމެލްއަށް ޖާގަ ދީފަ އެވެ. އޭނާއާ އެކު ދެން ސެންޓްރަލް ޑިފެންސްގައި ހިމެނެނީ މާކިއުނިއޯސްއާއި ތިއާގޯ ސިލްވާ އަދި މިރޭންޑާ އެވެ.

ގޯލްކީޕަރުންގެ ފައިނަލް ޖާގަ ލިބިފައިވަނީ ކޮރިންތިއަންސްގެ ކީޕަރު ކަސިއޯއަށެވެ. އޭނާއާ އެކު ދެން ހިމެނެނީ އެއް ނަމްބަރު ކީޕަރުގެ ގޮތުގައި ހިމެނޭ އެލިސަންއާއި އެޑަސަން އެވެ.

ފައިނަލް ސްކޮޑުގެ ކުޅުންތެރިން ބްރެޒިލްގެ ޓެރެސޮޕޮލިސްގެ ގްރަންޖާ ކޮމަރީގައި ކޭމްޕް ކުރުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 21 ވަނަ ދުވަހު އެވެ. ބްރެޒިލްގައި އެއް ހަފްތާގެ ޓްރޭނިން ކުރިއަށް ގެންދިއުމަށް ފަހު އިނގިރޭސިވިލާތުގެ ލަންޑަނަށް ދިއުމަށް ހަމަޖެހިފައި ވަނީ މިމަހުގެ 27 ވަނަ ދުވަހު އެވެ.

ޔޫއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ވާދަކުރާ ބްރެޒިލްގެ ގައުމީ ޓީމުގައި ހިމެނޭ ކުޅުންތެރިން ޓީމާ ގުޅުމަށް ހަމަޖެހިފައި ވަނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

ޗެމްޕިއަންސް ލީގު ފައިނަލް މެޗަށް ފަހު ލަންޑަންގައި ބްރެޒިލް ޓީމު ފަރިތަކުރުމަށް ފަހު، ބްރެޒިލް ގްލޯބަލް ޓުއާގެ ތެރެއިން އަންނަ މަހުގެ ތިން ވަނަ ދުވަހު ލިވަޕޫލްގެ އެންފީލްޑް ސްޓޭޑިއަމްގައި ކްރޮއޭޝިއާއާ ދެކޮޅަށް އެކުވެރިކަމުގެ މެޗެއް ކުޅޭނެ އެވެ. އެ މެޗަށް ފަހު އެނބުރި ލަންޑަނަށް ގޮސް، ޖޫން އަށްވަނަ ދުވަހާ ހަމައަށް އެ ސިޓީގައި ހޭދަކުރާނެ އެވެ. އެއަށް ފަހު ބްރެޒިލް ޓީމު ދަތުރުކުރާނީ އަންނަ މަހުގެ 10 ވަނަ ދުވަހު އޮސްޓްރިއާއާ ދެކޮޅަށް ކުޅޭ އެކުވެރިކަމުގެ މެޗަށް ވިއެނާއަށެވެ.

ވޯލްޑް ކަޕާ ކުރިމަތިލުމަށް ބްރެޒިލް ސްކޮޑު، ރަޝިއާއަށް ދިއުމަށް ހަމަޖެހިފައި ވަނީ އަންނަ މަހުގެ 11 ވަނަ ދުވަހު އެވެ. މުބާރާތުގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި އަންނަ މަހުގެ 17 ވަނަ ދުވަހު ނުކުންނަން ޖެހޭނީ ސްވިޒަލޭންޑާ ދެކޮޅަށެވެ.

ބްރެޒިލްގެ ވޯލްޑް ކަޕް ސްކޮޑު:

ގޯލްކީޕަރުން - އެލިސަން (ރޯމާ)، އެޑަސަން (މެންޗެސްޓާ ސިޓީ)، ކަސިއޯ (ކޮރިންތިއަންސް).

ފުލް ބެކުން – މާސެލޯ (ރެއާލް މެޑްރިޑް)، ޑެނީލޯ (މެންޗެސްޓާ ސިޓީ)، ފިލިޕޭ ލުއިސް (އެތުލެޓިކޯ މެޑްރިޑް)، ފެގްނާ (ކޮރިންތިއަންސް).

ސެންޓާ ބެކުން – މާކުއިނިއޯސް (ޕީއެސްޖީ)، ތިއާގޯ ސިލްވާ (ޕީއެސްޖީ)، މިރޭންޑާ (އިންޓަ މިލާން)، ޕެޑްރޯ ޖެރޮމެލް (ގްރެމިއޯ).

މިޑްފީލްޑަރުން – ވިލިއަން (ޗެލްސީ)، ފެނާންޑީނިއޯ (މެންޗެސްޓާ ސިޓީ)، ޕައުލީނިއޯ (ބާސެލޯނާ)، ކަސެމީރޯ (ރެއާލް މެޑްރިޑް)، ފިލިޕް ކުޓީނިއޯ (ބާސެލޯނާ)، ރެނޭޓޯ އޮގަސްޓޯ (ބެއިޖިންގް ގުއޯން)، ފްރެޑް (ޝަކްތާރު).

ފޯވާޑުން – ނޭމާ (ޕީއެސްޖީ)، ގެބްރިއަލް ޖީސަސް (މެންޗެސްޓާ ސިޓީ)، ރޮބާޓޯ ފާމީނޯ (ލިވަޕޫލް)، ޑަގްލަސް ކޮސްޓާ (ޔުވެންޓަސް)، ޓައިސަން (ޝަކްތާރު).

comment ކޮމެންޓް