މަޖިލިސް މެންބަރުންތަކަކާއި ފަނޑިޔާރުންނަށް ރިޝްވަތު ދީގެން ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުން ޔުމްނާ މައުމޫންގެ ބަޔާން ފުލުހުން ނަގައިފިއެވެ.
މިއަދު ހަވީރު ފުލުސް އޮފީހަށް ހާޒިރުވެވަޑައިގެން ބަޔާން ދެއްވުމަށްފަހު ޔުމްނާ ވިދާޅުވީ، އޭނާގެ މައްޗަށް ކުރަނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތު ކަމަށާއި އެ ތުހުމަތުުތަކަށް އިންކާރު ކުރައްވައި ބަޔާން ދެއްވާފައިވާނެ ކަމަށެވެ. އަދި ޖިނާއީ އެއްވެސް ކުށެއް އެއްވެސް އިރެއްގައި ކޮށްފައި ނުވާނެކަން ވެސް ފުލުހުންނަށް ދެންނެވި ކަމަށް ޔުމްނާ ވިދާޅުވިއެވެ.
އެކަމާ ގުޅިގެން ޔުމްނާގެ ގާނޫނީ ވަކީލް މޫސާ ސިރާޖް ވިދާޅުވީ މިއަދުގެ ތަހްގީގުގައި ޔުމްނާގެ އަތުލިއުމުގެ ސާމްޕަލެއް ދިނުމަށް ފުލުހުން އެދުނު ކަމަށާއި ނަމަވެސް ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ވާ ގޮތުން އަތުލިއުމެއް ހޯދޭނީ ކޯޓު އަމުރެއް އޮވެގެން ކަމަށް އޮތުމުން ޔުމްނާގެ ފަރާތުން އެކަމަށް އިންކާރުކޮށްފައިވާނެ ކަމަށެވެ.
"ފަނަރަވަނަ ދުވަހުގެ 4:30 އަށް މިހާރު ހޭންޑް ރައިޓިން ސާމްޕަލް ދިނުމަށް ފުލުސް އޮފީހަށް ދިއުމަށް އަޅުގަނޑުމެނަށް ޗިޓް ލިބިފައި ވަނީ،" ސިރާޖް ވިދާޅުވިއެވެ.
ޔުމްނާގެ މައްޗަށް ކުރާ ތުހުމަތަކީ އެއްވެސް އޮއްޓަރެއް ނެތް ތުހުމަތުތަކެއް ކަމަށް ސިރާޖް ވިދާޅުވިއެވެ. އަދި އެ ތަހުގީގަކީ ސިޔާސީ ގޮތުން ދަތިކުރުމަށް ކުރާ ކަމެއްގެ ގޮތުގައި ސިރާޖް ވަނީ ސިފަކުރައްވާފައެވެ.
ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުގައި ޔުމްނާ މައުމޫން ފުލުސް އޮފީހަށް ހާޒިރުކޮށްފައިވާއިރު ބައްޕާފުޅު ރައީސް މައުމޫން އިތުރުން އެކަމަނާގެ ފިރިކަލުން މުހައްމަދު ނަދީމާއި، ކޮއްކޯފުޅު ދިއްގަރު ދާއިރާގެ މެންބަރު އަހްމަދު ފާރިސް މައުމޫން ވެސް ހުންނެވީ ބަންދުގައެވެ. އެ ފަރާތްތަކުގެ މައްޗަށް ވެސް ވަނީ ގާނޫނީ ސަރުކާރު ވައްޓާލަން އުޅުނު ކަމުގެ ތުހުމަތުކޮށް ޝަރީއަށް ފަށައިފައެެވެ.