ނުސައިރު ޔާސީން ނުވަތަ "ނާސް"އަކީ އިސްރާއީލަށް އުފަން ފަލަސްތީނު ޒުވާނެކެވެ. ދުނިޔޭގެ އެކި ގައުމުތަކަށް ޒިޔާރަތްކޮށް، އެތަންތަނުގެ ރައްޔިތުންނާ ބައްދަލުކޮށް، ސަގާފަތާއި ތަންތަން ބަލާލައި އެތަންތަނާ ގުޅޭ ކުރު ވީޑިއޯ ހަދާ މި ޓްރެވަލް ބްލޮގަރަކީ ސޯޝަލް މީޑިއާގައި މަޝްހޫރު ފަރާތެކެވެ.
ދުނިޔޭގެ 30 އަށް ވުރެ ގިނަ ގައުމުތަކަށް ދަތުރުކުރަމުން ގޮސް، ނާސް އެންމެ ފަހުން މިވަނީ ދިވެހިރާއްޖެ އަތުވެފަ އެވެ.
ގާތްގަނޑަކަށް 700 އަށް ވުރެ ގިނަ، "ވަން މިނިޓް ވީޑިއޯ" ހެދި ނާސް، އޭނާ ހިންގާ "ނާސް ޑެއިލީ" ފޭސްބުކް ޕޭޖުގައި އިއްޔެ ބުނެފައި ވަނީ އޭނާ ރާއްޖޭގައި ހަ ދުވަސް ހޭދަކުރާނެ ކަމަށެވެ.
"އަހަރެން ރާއްޖެއަށް އައީ ހަ ދުވަހަށް. އޭގެ ތެރެއިން ހަތަރު ދުވަސް ރިސޯޓުތަކުގައި، އަދި ދެ ދުވަސް [މާލެ] ސިޓީގައި،" ނާސް ބުންޏެވެ.
ނާސްގެ ވީޑިއޯތަކުގައި، އޭނާ ދާ ކޮންމެ ގައުމެއްގެ ވެސް ގިނަ އަދަދެއްގެ އާންމު ރައްޔިތުން ހިމަނަ އެވެ. ހަމަ އެފަދައިން ދިވެހީން ވެސް ހިމެނޭ ގޮތަށް ވީޑިއޯ ހަދަން ބޭނުންވާ ކަމަށް ނާސް ފޭސްބުކްގައި ބުންޏެވެ.
"އަހަރެން ވަރަށް ބޮޑު ބޭނުން މެއި 18 ވަނަ ދުވަހު [ރާއްޖޭގެ ރައްޔިތުންނާ] ބައްދަލުކޮށްލައި، ވީޑިއޯއެއް ހަދަން،"
ނާސް ބުނި ގޮތުގައި އޭނާ ދިވެހި އާންމު ރައްޔިތުންނާ އެކު ވަގުތު ހޭދަކުރަން ހަމަޖެހިފައި ވަނީ މެއި 18 ވާ ހުކުރު ދުވަހު މެންދުރު ފަހު 3:00 އިން ހަވީރު 4:30 އަށް، ޖުމްހޫރީ މައިދާނުގަ އެވެ.
ނާސް ރާއްޖެ އައުމާ ގުޅިގެން ގިނަ އަދަދެއްގެ ދިވެހީން ވަނީ ސޯޝަލް މީޑިއާގައި އޭނާއާ ބައްދަލުކުރުމުގެ ޝައުގުވެރިކަން ފާޅުކޮށްފަ އެވެ. އަދި މާލެއަށް ކުރާ ޒިޔާރަތުގައި މާލޭގެ އެކި ތަންތަން ދައްކައިދޭނެ ކަމަށް ބުނެ ވެސް ގިނަ ބަޔަކު އޭނާގެ ފޭސްބުކް ޕޯސްޓަށް ކޮމެންޓް ކޮށްފައިވެ އެވެ.
"މަޝްހޫރު ސެލެބްރިޓީއެއް ރާއްޖެ އައުމަށް ވުރެ ނާސް އައުމުން އަހަރެން މާ އެކްސައިޓެޑް ވެއްޖެ،" ކޮމެންޓެއްގައި ބުނެފައިވެ އެވެ.
"ރާއްޖެއަށް މަރުހަބާ. ދިވެހި ފްލައިބޯޑަރުންނާ އެކު ވަގުތުކޮޅެއް ހޭދަކޮށްލައި، ހައިޑްރޯސްޕޯޓްސް ތަޖުރިބާކޮށްލައި އުދުހިލަން އަހަރެމެންނާ އެކު އާދޭ،" އެހެން ކޮމެންޓެއްގައި މީހަކު ބުނެ އެވެ.
މީގެ އިތުރުން ގިނަ އަދަދެއްގެ ދިވެހީން ކޮމެންޓްސް މެދުވެރިކޮށް ނާސްއަށް ފޮނުވި މެސެޖުތަކުގައި ބުނި ގޮތުގައި ހަގީގީ ދިވެހިރާއްޖެ ތަޖުރިބާ ކޮށްލެވޭނީ އަތޮޅުތެރޭގެ މީހުން ދިރިއުޅޭ ރަށަކަށް ޒިޔާރަތްކުރުމުންނެވެ.
ސޮފްޓްވެއާ އިންޖިނިއަރެއްގެ ވަޒީފާ އަދާކުރަމުން ދިޔަ ނާސް، ވަޒީފާ ދޫކޮށްލުމަށް ފަހު ދުނިޔޭގެ އެތަން މިތަނަށް ދަތުރުކުރަން ފެށީ 2016 ވަނަ އަހަރުގެ އޭޕްރިލް މަހުގެ ތެރޭގަ އެވެ.