ރާއްޖޭގައި ބާއްވަންފެށި ފުރަތަމަ ފްރެންޗައިޒް ޝޯއަކީ މޯލްޑިވިއަން އައިޑަލްއެވެ. 2016 ވަނަ އަހަރު މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ދައްކާފައިވާއިރު މިދިޔަ އަހަރު ވަނީ ދެވަނަ ސީޒަނެއް ދައްކައިފައެވެ. އައިޑަލްގެ ތިން ވަނަ ސީޒަން މިހާރު ދަނީ ކުރިއަށެވެ.
މޯލްޑިވިއަން އައިޑަލް ފަދަ ބޮޑު ޕްލެޓްފޯމެއް ރާއްޖެ ގެނައުމުގެ މަގުސަދަކަށްވާނީ ރާއްޖޭގައި ތިބި ހުނަރުވެރިންނަށް ފުރުސަތުތައް ފަހިކޮށްދީ މިއުޒިކުގެ ދާއިރާއިން ކުރިއަށް ދިއުމަށް ދޮރެއް ހުޅުވާލަދިނުމެވެ. ބޮޑު ހަރަދެެއް ކޮށްގެން މިފަދަ ބޮޑު ޝޯއެއް ކޮންމެ އަހަރަކު ބާއްވާއިރު މި ކަމުގެ މަގުސަދު ހާސިލްވޭތޯ މިއީ ގިނަ ބަޔަކު ކުރާ ސުވާލެކެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބު ކުރި ލައިޝާ އަދި ދެވަނަ ސީޒަން ކާމިޔާބު ކުރި ބޮބް --- ފޮޓޯ: ޕީއެސްއެމް
އިނގިރޭސިވިލާތުގެ ޓީވީ ޕްރޮޑިއުސަރު ސައިމަން ފުލާއާއި ފްރެމެންޓަލްމީޑިއާ ގުޅިގެން ތަރައްގީކުރި އައިޑަލް ޕްލެޓްފޯމު ދުނިޔޭގެ 46 އަށް ވުރެ ގިނަގައުމުގައި ކުރިއަށް ގެންދާއިރު ޕްލެޓްފޯމުގެ މަގުސަދަކީ ލަވަކިޔުންތެރިން ބިނާ ކުރުމެވެ.
މޯލްޑިވިއަން އައިޑަލްގެ ދެ ސީޒަނެއް ނިމި ތިންވަނަ ސީޒަނެއް ކުރިއަށްދާއިރު ލައްކަ ގިނަ ކުދިން މި ޕްލެޓް ފޯމުން ފެނިއްޖެއެވެ. ކޮންމެ ސީޒަނެއްގެ ގަދަ 10 އަށް ދިޔަ ކުދިންގެ ވާހަކަ ދައްކާނަމަވެސް މިފަހަރުގެ ސީޒަން އާއެކު 30 ކުއްޖަކު އައިޑަލް ޕްލެޓްފޯމުގެ ތެރެއިން ވަނީ އުފެދިފައެވެ.

މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަން ކާމިޔާބުކުރި ލައިޝާ --- ފޮޓޯ/ ޕީއެސްއެމް
މޯލްޑިވިއަން އައިޑަލްގެ ފުރަތަމަ ސީޒަނުގެ ޓައިޓަލް އުފުލާނީ ލައިޝާ ޖުނައިދެއެވެ. ޑޮކްޓަރަކަށް ވުމުގެ ހުވަފެނާއެކު އައިޑަލް ޕްލެޓްފޯމުގައި "ޑޮކް"ގެ ނަމުންވެސް އޭނާ އާ މުޚާތަބު ކުރިއެވެ. ޓައިޓަލް ކާމިޔާބު ކުރުމަށްފަހު ލައިޝާގެ ލަވައެއްވެސް އަޑު އިވުނެވެ. އަމިއްލަ ރާގެއްގެ ލަވައެކޭ ބުނެ ކޮޕީ ރާގެއްގެ ލަވައެއް ލައިޝާއަށް ނެރެދިނުމުން މީހުންގެ ފަޑުކިޔުން އަމާޒުވެ، އޭގެ ފަހުން ލައިޝާގެ އަޑު ވަނީ ވަރަށް މަޑުވެފައެވެ.
ދާދިފަހުން ނޫހަކަށް ދިން އިންޓަވިއުއެއްގައި ލައިޝާ ބުނީ ޕީއެސްއެމްގެ އަލްބަމް ނޫން، އޭނަގެ އަމިއްލަ އަލްބަމެއްގެ މަސައްކަތް ކުރާނެ ކަމަށެވެ.
ލައިޝާ އާއެކު ފުރަތަމަ ސީޒަންގެ ގްރޭންޑް ފިނާލޭގައި ވާދަ ކުރީ ޝަލަބީ އިބްރާހިމް އާއި މުހައްމަދު އިޝާންއެވެ. މި ދެ ފަންނާނުންނަކީ އައިޑަލްގައި ބައިވެރިވުމުގެ ކުރީންވެސް މި ފަންނުގައި ކުރިއަރަމުން އައި ދެ ޒުވާނުންނެވެ. އަދި މިހާރު މިއުޒިކް އިންޑަސްޓްރީގައި ފިޔަ ޖަހަމުން އަންނަ ދެ ތަރިންނެވެ. އާމްދަނީ ހޯދުމުގެ ގޮތުން އިޝާން އާއި ޝަލަބީ މިއުޒިކްގައި ހަރަކާތްތެރިވަމުން އަންނައިރު އައިޑަލްގެ ފުރަތަމަ ސީޒަނުގެ ގަދަ 10 އިން ވިދާލި ފަންނާނުން ބޮޑުބެރު ގުރޫޕުތަކުންނާއި މިއުޒިކް ބޭންޑުތަކުންވެސް އެބަ ފެނެއެވެ.

މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަން ކާމިޔާބުކުރި ބޮބް --- ފޮޓޯ: ޕީއެސްއެމް
މޯލްޑިވިއަން އައިޑަލްގެ ދެވަނަ ސީޒަނަށް ބަލާއިރު ޓައިޓަލް އުފުލާލީ މާފުއްޓަށް އުފަން މުހައްމަދު ތަސްނީމް (ބޮބް) އެވެ. އަމިއްލަ ރަށުގައި ބޭންޑަކާ އެކު ބޮބް އަންނަނީ މިހާރު ވެސް މިއުޒިކްގައި ހަރަކާތްތެރިވަމުންނެވެ. ނަމަވެސް ބޮޑު ޕްލެޓް ފޯމަކުން ނޫނީ ޕަބްލިކްގައި އޭނާ ޕާފޯމްކުރާތަނެއް ނުފެނެއެވެ. ތިންވަނަ ސީޒަން ލޯންޗު ކުރި ރޭ ބޮސްބް ތިން ލަވައެއް ލޯންޗްކުރިއެވެ. ނަމަވެސް ފަހުން އެއްވެސް ހަބަރެއް ނުވެއެވެ.
ކުރުކޮށް ބުނާނަމަ އައިޑަލްގެ ޓައިިޓަލް އުފުލާލި ދެ މީހުންގެ ހަބަރެއް ދަބަރެއް ނުވެއެވެ. އެ ފަންނާނުންނަށް މިކަހަލަ ބޮޑު ޕްލެޓްފޯމެއް ކާމިޔާބު ކޮށްދޭން މަސައްކަތްކުރި ފޭނުން ތިބީ މާޔޫސްކަން މަތީގައެވެ.

އައިޑަލް ކުރީ ދެ ސީޒަނުންގެ ބައެއް ބައިވެރިން ތިންވަނަ ސީޒަންގައި --- ފޮޓޯ: އައިޑަލް/ ފޭސްބުކް
މިހާރު މިވަނީ މޯލްޑިވިއަން އައިޑަލްގެ ތިންވަނަ ސީޒަން ނިމުކަމާ ގާތްވެފައެވެ. ތިންވަނަ މޯލްޑިވިއަން އައިޑަލްއަކީ ކާކުކަން އެނގޭ ވަގުތު ކުޑަތަންވަމުން އަންނައިރު އައިޑަލްއަށް ހޮވޭ މީހާއަކީ ފޭނުން މާޔޫސް ކޮށްލާ، މިއުޒިކްގެ ދާއިރާއިން ފެނިގެއްލޭ ނޫނީ އެއްގޮތަކަށް ވެސް ހަބަރެއް ނުވާ މީހަކަށް ވެއްޖެނަމަ އެއީ ފޭނުންނަށް ވެވޭ ކިހައިބޮޑު ބޭވަފާތެރިކަމެއް ހެއްޔެވެ؟
އައިޑަލް ބާއްވާ ޕީއެސްއެމްގެ ބައެއް ޕްރޮގްރާމުތަކުގައި އައިޑަލްގެ ބައެއް ބައިވެރިން މަދުމަދުން ފެނުނު ނަމަވެސް ފުރަތަމަ ސީޒަންގައި ބައިވެރިންނާ އެއްބަސްވީގޮތަށް، އެބައިވެރިންގެ ހުނަރު ކުރިއަރުވަން މަސައްކަތް ކޮށްދިންތަނެއް ވެސް ނުފެނެއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 3 ގެ ފިނާލޭގައި ވާދަކުރާ ފަސް ބައިވެރިން --- ފޮޓޯ: ޓްވިޓާ
އެހެން ކަމަށްވާނަމަ މި ޕްލެޓްފޯމުން ކޮށްދިން މަސައްކަތްތަކާއި ފޭނުންވި ގުރުބާނީގެ އަގު ވަޒަން ކޮށްދެވުނީ ހެއްޔެވެ؟ ބޮޑު ހަރަދެއް ކޮށްގެން ކުރިއަށް ގެންދާ ބޮޑު އިންޓަނޭޝަނަލް ފްރެންޗައިޒް ޕްލެޓްފޯމެއްގެ މަގުސަދު އޭރުން ހާސިލްވޭ ހެއްޔެވެ؟
ބެލުންތެރިން ބުނާ ވާހަކައެއްވެސް އެބައޮތެވެ. މާ އަވަސް އަވަހަށް މި ޝޯ ބާއްވާތީ ފޫހިވެއްޖެ ކަމުގެ ވާހަކައެވެ. ހަތަރު ލައްކަ ކިރިޔާ ހަމަވާ ގައުމެއްގައި ކޮންމެ އަހަރަކު އެއްފަހަރު ޝޯ ބާއްވާއިރު ހުނަރުވެރި، ކަމަށް ލޯބި ހުރި ބައިވެރިން ތިބޭނެތޯ ކުރާ ސުވާލެވެ. އެމެރިކާ، އިންޑިއާ ފަދަ އައިޑަލްގެ ފޯރި ގަދަ ގައުމުތަކުގައިވެސް މި ޝޯ ބާއްވަނީ ދެ އަހަރުން އެއްއަހަރު އެވެ. ކޮންމެ އަހަރަކު މޯލްޑިވިއަން އައިޑަލްގެ ސީޒަނެއް ބޭއްވުމަކީ މި ޝޯގެ މަގުަދު ފުރިހަމަވާނެ ކަމެއް ހެއްޔެވެ؟