ފުލުހުންގެ ބަންދުގައި ހުންނެވި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް، އޭޑީކޭ ހޮސްޕިޓަލުން ފަރުވާ ދިނުމަށްފަހު ދޫނިދުއަށް ގެންގޮސްފިއެވެ.
ރައީސް މައުމޫނު އޭޑީކޭ ހޮސްޕިޓަލަށް ގެނައިކަން އެމަނިކުފާނުގެ ގާތް ބޭފުޅަކު ވަނީ 'ސަން' އަށް ކަށަވަރު ކޮށްދެއްވައިފައެވެ. ފަރުވާ ދެމުންދަނީ އޭޑީކޭގެ އީއެންޓީ ޑިޕާޓްމެންޓުން ކަމަށްވެސް ބުންޏެވެ.
ނަމަވެސް ފަރުވާ ދީފައިވަނީ ކޮން ކަމަކަށް ކަމެއް ސާފެއް ނުވެއެވެ.
"އޭޑީކޭގެ އެއްވަނަ ބުރީގައި ރައީސް މައުމޫނަށް ފަރުވާ ދެމުން ދަނީ. އެއްވެސް މީހަކަށް ނުވަދެވޭ،" އޭނާ ބުންޏެވެ.
My father @maumoonagayoom brought to ADK to see the doctor. Am here with my mother hoping to see him and get news.
— Yumna Maumoon (@yumna_maumoon) May 11, 2018
ރައީސް މައުމޫނަށް "ބިނައިން ޕެރޮކްސިމަލް ޕޮޒިޝަނަލް ވާޓިގޯ" ޖެހި އަބަދުވެސް މީހަކު ކައިރީ ބަހައްޓަން ޑޮކްޓަރުން ވަނީ ލަފާ ދެއްވައިފައެވެ.
އާއިލާއިންނާއި ރައީސް މައުމޫނުގެ ވަކީލުން ވަނީ ތަކުރާރުކޮށް އެމަނިކުފާނު ގޭ ބަންދަށް ބަދަލުކޮށްދޭން އެދިވަޑައިގެންފައެވެ. ނަމަވެސް ގޭ ބަންދަށް ބަދަލު ކުރެވެން ނެތް ކަަމަށް ކޯޓުން ވަނީ ނިންމައިފައެވެ.
ރައީސް މައުމޫނު ބަންދުކޮށްފައިވަނީ އެމަނިކުފާނުގެ ކޮއްކޯފުޅު، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަން ވައްޓާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތުގައެވެ. އެ މައްސަލާގައި ރައީސް މައުމޫގެ މައްޗަށް ވަނީ ދެ ދައުވާއެއްވެސް އުފުލައިފައެވެ.
ޝަރީއަތްތައް ކުރިއަށް ގެންދަން ކްރިމިނަލް ކޯޓުގައި ތާވަލުކުރި ނަމަވެސް ސިއްހީ ހާލަތު ގޯސްވެ ޝަރީއަތްތަކަށް ރައީސް މައުމޫނަށް ހާޒިރުވެޑައިނުގެންނެވެއެވެ.