މިއަހަރު ވެކޭޝަންސް އެކްސްޕޯގެ ކޯ ސްޕޮންސަރަކަށް ތައިލެންޑް ޓޫރިޒަމް އޮތޯރިޓީ

މީގެ ކުރިން ބޭއްވި ވެކޭޝަން އެކްސްޕޯއެއްގެ ތެރެއިން --- ސަން ފޮޓޯ/ އަހުމަދު ޝަރުވާން

ޓްރެވަލް އިންޑަސްޓްރީއަށް އަމާޒުކޮށްގެން ހައިރައިޒުން ބާއްވާ "ވެކޭޝަންސް އެކްސްޕޯ" މިއަހަރުވެސް ބާއްވަން ނިންމައި، މިއަހަރުގެ އެކްސްޕޯގެ ކޯ ސްޕޮންސަރަކަށް ތައިލެންޑް ޓޫރިޒަމް އޮތޯރިޓީ ހަމަޖައްސައިފިއެވެ.

ވެކޭޝަންސް އެކްސްޕޯ އެންމެ ފުރަތަމަ ބޭއްވީ 2015 ވަނަ އަހަރުއެވެ. މިއަހަރަކީ މި އެކްސްޕޯ ބާއްވާ ތިންވަނަ އަހަރެވެ. އެކްސްޕޯ ބާއްވަން ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ފަހަކުން ހަތަކަށް، މާލޭގައެވެ.

މިހާތަނަށް އެފަދަ ގިނަ އިވެންޓްތަކެއް އޯގަނައިޒް ކޮށްފައިވާ ހައިރައިޒްގެ ފަރާތުން އިންތިޒާމުކުރާ އެ އެކްސްޕޯއަކީ ޓްރެވަލް މާކެޓަށް ހިދުމަތްތައް ދޭ ފަރާތްތަކުގެ ޚިދުމަތްތަކުގެ މައުލޫމާތުތައް އެއް ފުރާޅެއްގެ ދަށުން އާންމުންނަށް އަދި ފަތުރުވެރިންނަށް ފޯރުކޮށްދިނުމަށް ބާއްވާ އެކްސްޕޯއެކެވެ.

އެކްސްޕޯގެ ޒަރީއާއިން އިންބައުންޑް އަދި އައުޓްބައުންޑް ޓޫރިޒަމް ކުރިއެރުވުމާވެހޭގޮތުން އިންޓަނޭޝަނަލް އެކްސްޕާޓުންނާއެކު މަޝްވަރާކޮށްލުމުގެ ފުރުސަތުވެސް ލިބިގެންދާނެ ކަމަށް ހައިރައިޒުން ބުންޏެވެ.

މިދިޔަ އަހަރު ބޭއްވި ވެކޭޝަން އެކްސްޕޯގައި އެގްޒެބިޓަރުންގެ ގޮތުގައި ބައިވެރިވި ފަރާތްތަކުގެ ތެރޭގައި މެލޭޝިއާ ޓޫރިޒަމް، ސިންގަޕޯ ޓޫރިޒަމް އަދި އެ ހިސާބުގެ ކާމިޔާބު ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތައް ހިމެނެއެވެ. އޭގެ އިތުރުން ބައިވެރިވި އެއާލައިން ތަކުގެ ތެރޭގައި، ފްލައި ދުބާއީ، ސިންގަޕޯ އެއާލައިން، ބެންކޮކް އެއާވޭސް އަދި ރާއްޖޭގެ ދެ އެއާލައިން ކަމަށްވާ ފްލައިމީ އާއި މޯލްޑިވިއަންވެސް ވަނީ ވެކޭޝަން އެކްސްޕޯގައި ބައިވެރިވެފައެވެ.

މި އަހަރުގެ ވެކޭޝަން އެކްސްޕޯގައިވެސް ސިންގަޕޯ ޓޫރިޒަމް އާއި ސިގަޕޯ އެއާލައިން އިން ބައިވެރިވާނެ ކަމުގެ ޔަގީންކަށް ދީފައިވާ ކަމަށް ހައިރައިޒުން ބުންޏެވެ.

ވެކޭޝަން އެކްސްޕޯގައި ލަކީ ޑްރޯއާއެކު އަގުހުރި އިނާމުތަކުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކަށް ދަތުރުކޮށްލުމުގެ ފުރުސަތުވެސް ޒިޔާރަތް ކުރާ ފަރާތްތަކަށް ލިބިގެންދާނެ ކަމަށް ހައިރައިޒްއިން ބުންޏެވެ.

comment ކޮމެންޓް