އަބްދުﷲ ރިޔާޒް އާއި ނަދީމްގެ މައްޗަށް ކުރާ ޓެރަރިޒަމް ދައުވާގެ އަޑުއެހުން ކެންސަލްކޮށްފި

އަބްދުﷲ ރިޔާޒު ކްރިމިނިލަން ކޯޓު ސަރަހައްދުގައި: އޭނާގެ އިތުރުން ނަދީމްގެ މައްޗަށް ވެސް ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފައި ---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

ޓެރަރިޒަމްގެ އަމަލެއް ކުރަން އުޅުނު ކަމުގެ ތުހުމަތުގައި ދައުވާ އުފުލާފައިވާ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް އާއި ޔުމްނާ މައުމޫންގެ ފިރިކަލުން އަހްމަދު ނަދީމްގެ މައްސަލާގައި މިއަދު ބާއްވަން ތާވަލުކުރި އަޑުއެހުންތައް ކެންސަލްކޮށްފި އެވެ.

ވަކިވަކިން ބޭއްވުމަށް ތާވަލުކޮށްފައިވާ އެ ދެ އަޑުއެހުން ކެންސަލް ކުރި ސަބަބެއް ކްރިމިނަލް ކޯޓަކުން ހާމަކޮށްފައެއް ނުވެ އެވެ.

އެ މައްސަލާގައި މީގެ ކުރިން ވަނީ އިިބްތިދާއީ އަޑުއެހުން ބާއްވާފަ އެވެ. އަބްދުﷲ ރިޔާޒް އަދި ނަދީމް ވެސް ދައުވާއަށް އިންކާރުކޮށް އެދިފައި ވަނީ ވަކީލެއްގެ ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށެވެ. އަދި ކޯޓުން ވަނީ އެ ދެ ފަރާތަށް ވެސް ވަކީލަކު އައްޔަނުކުރުމަށް ފުރުސަތު ދެއްވައިފަ އެވެ.

ރިޔާޒުގެ މައްޗަށް އުފުލާފައިވާ ޓެރަރިޒަމްގެ ދައުވާގައި ބުނެފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއް އަދި ކުރީގެ ކޮމިޝަނާ އޮފް ޕޮލިސް މަގާމު އަދާކުރެއްވި ބޭފުޅެއްގެ ގޮތުގައި ހުންނަވާ އިތުރު ބަޔަކާ ގުޅިގެން ސަރުކާރު ވައްޓާލަން ރިޔާޒު މަސައްކަތް ކޮށްފައިވާ ކަމަށެވެ.

ނަދީމަށް ދައުލަތުން އިއްވާފައިވާ ދައުވާގައި ބުނެފައި ވަނީ 2017 ވަނަ އަހަރުން ފެށިގެން ސަރުކާރު ވައްޓާލަން ރައްޔިތުންގެ މަޖިލީހުގެ މެންބަރުންތަކެއް ކުރަމުން ދިޔަ މަސައްކަތުގައި ނަދީމް ބައިވެރިވެ، ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ފާރިސް މައުމޫން އެކަމުގައި އެންގެވި އެންގުތަކާ އެއްގޮތަށް ނަދީމް އަމަލުކޮށްފައިވާ ކަމަށެވެ.

comment ކޮމެންޓް