މަޝްހޫރު ވާހަކަ ލިޔުންތެރިޔާ މަރިޔަމް މޫސާ (މަރީ)ގެ ފުރަތަމަ ފީޗާ ފިލްމު "ތިޔަ ލޯތްބާ ދުރަށް"ގެ އިތުރު ޝޯ އެއް މިރޭ ލަންކާގައި އަޅުވައި ރޯދަ އަށް ފަހު ފިލްމު އަތޮޅު ތެރޭގައި އެޅުވުމަށް އަމާޒު ހިފައިފި އެވެ.
ފިލްމުގެ ޑައިރެކްޓަރު މަރީ ސަން އަށް ބުނީ މިރޭ ލަންކާ ގަޑިން 21:00ގައި ލަންކާގެ މައުންޓްލަވަނިއާ ސިޓީ ސިނަމާގައި ޝޯއެއް އަޅުވާނެ ކަމަށާއި އެ ޝޯ ވެސް ގާތްގަނޑަކަށް ހައުސްފުލް ވެފައިވާ ކަމަށެވެ.
މިރޭގެ ޝޯ އަށް ފަހު ތަރުހީބު ލިބޭ ވަރަކުން ލަންކާގައި އިތުރު ޝޯއެއް ބާއްވަން ޖެހިދާނެ ކަމަށް ވެސް އޭނާ ބުންޏެވެ.
ރޯދަ މަހަށް ފަހު ރާއްޖޭގެ އަތޮޅު ތެރޭ ފިލްމު ދެއްކުމަށް ހަމަޖެހިފައިވާ ކަމަށާއި ރަށްރަށުގައި ފިލްމު އެޅުވުމަށް ޝައުގުވެރިވާ ފަރާތްތަކުން 7900789 އަށް ގުޅުއްވާ އެކަން ހަމަޖެއްސުމަށް މަރީ ބުންޏެވެ.
ފިލްމުގެ ލީޑް ރޯލުން ފެނިގެން ދިޔައީ ކުޅަދާނަ ބަތަލު އަހުމަދު އަޒްމީލް (އަޒޭ) އާއި ކުރިއަރަމުން އަންނަ ބަތަލާ މަލީހާ ވަހީދު (މަލް)ގެ އިތުރުން ލަންކާގެ ބަތަލާއެއް ކަމަށްވާ އުދޭނީ އެވެ. ފިލްމުގެ ކާސްޓުންގެ ގޮތުގައި މަރިޔަމް ޝަހްޒާ އާއި އޭނާގެ ފިރިމީހާ އަލީ އަމަން ވެސް ހިމެނެ އެވެ. ފިލްމުގެ ހާއްސަ ފެނިލުމަކުން އިސްމާއިލް ޖުމައިހް (ޖުމާ) ވެސް ވަނީ ފެނިގެން ގޮއްސަ އެވެ.
ފިލްމުގެ ކެމެރާމަން އަކީ އަލީ ރަޝީދު (ގޮޅާ އައްޔަ) އެވެ. ތިޔަ ލޯތްބާ ދުރަށް ފިލްމުގެ ހުރިހާ މަންޒަރެއް ޝޫޓްކޮށްފައި ވަނީ ސްރީލަންކާގަ އެވެ.
ފުރަތަމަ ނަޒަރުން ލޯބިވެވި އެ ލޯބި ހޯދަން ކުރާ ބުރަ މަސައްކަތް ފިލްމުން ދައްކުވައިދެ އެވެ.
"ތިޔަ ލޯތްބާ ދުރަށް"ގައި ކުރީގެ މަޝްހޫރު ލަވަކިޔުންތެރިޔާ އަލީ ރަމީޒްގެ ދެ ލަވަ އެއް ހިމެނެ އެވެ.