ޕްރިމިއަރ ލީގުގައި ލަމްޕާޑަށް ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ފަސް މިޑްފީލްޑަރުން

ޗެލްސީގެ ކުރީގެ މިޑްފީލްޑަރު ފްރޭންކް ލަމްޕާޑަށް ކުރިމަތިވި އެންމެ ވަރުގަދަ މިޑްފީލްޑަރަކީ ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވެން ޖެރާޑް-- ފޮޓޯ: ލިވަޕޫލް

ޗެލްސީގެ ލެޖެންޑް ފްރޭންކް ލަމްޕާޑަށް، އިނގިރޭސި ޕްރިމިއަރ ލީގުގައި އޭނާ ހޭދަކުރި ދުވަސްތަކުގައި ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ފަސް މިޑްފީލްޑަރުންގެ ވާހަކަ އޭނާ ކިޔައިދީފިއެވެ.

ލަމްޕާޑް ވަނީ، ހުޅަނގު ލަންޑަނަށް ނިސްބަތްވާ ޗެލްސީގައި 13 އަހަރު ހޭދަކޮށްފައެވެ. އެގޮތުން އެ ކްލަބުގައި ތިން ފަހަރު ޕްރިމިއަރ ލީގު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުވެސް ކާމިޔާބުކޮށްފައި ވާއިރު، އޭނާ ވަނީ ދުނިޔޭގެ އެންމެ މޮޅެތި ކުޅުންތެރީންނާ ކުރިމަތިލައިފައެވެ.

ޕްރިމިއަރ ލީގުގައި ލަމްޕާޑު ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ފަސް މިޑްފީލްޑަރުންގެ ލިސްޓުގެ އެންމެ ކުރީގައި އޮތީ، ލިވަޕޫލްގެ ކުރީގެ ކެޕްޓަން ސްޓީވަން ޖެރާޑެވެ. އެއަށް ފަހު އޭނާ ދެން ނެގީ މެންޗެސްޓާ ސިޓީގެ ޔާޔާ ޓޫރޭއެވެ. އަދި އެއަށް ފަހު، މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ތަރި ރޯއީ ކީން، އާސެނަލްގެ ކުރީގެ ތަރި ޕެޓްރިކް ވިއެރާ އަދި ޔުނައިޓެޑްގެ ކުރީގެ ތަރި ޕައުލް ސްކޯލްސްއެވެ.

"އަހަރެންގެ ކެރިއަރުގައި ކުރިމަތިލާން ޖެހުނު އެންމެ ވަރުގަދަ ފަސް މިޑްފީލްޑަރުންގެ ތެރޭގައި ޔާޔާ ޓޫރޭ ހިމެނޭ. ސަބަބަކީ އޭނާ އެންމެ ރަނގަޅަށް ކުޅުނު ދުވަސްވަރު އޭނާއަކީ އަމިއްލަ ބާރުގައި މެޗަށް ނުފޫޒުފޯރުވޭ ފެންވަރުގެ ކުޅުންތެރިއެއް،" ބީބީސީއަށް ލަމްޕާޑު ބުންޏެވެ.

"ސްޓީވަން ޖެރާޑަކީ ޝައްކެއްވެސް ނެތް ގޮތުގައި އަހަރެންނާ ދެކޮޅަށް ކުޅުނު އެންމެ މޮޅު މިޑްފީލްޑަރު. އޭނާ އެއް ފެންވަރެއްގައި އެތައް އަހަރަކު ހިފަހައްޓާލި. ދެން ޔާޔާއާއެކު ހަމަ އެ ލިސްޓުގައި ރޯއީ ކީން، ޕެޓްރިކް ވިއެރާ، އަދި ޕައުލް ސްކޯލްސް ހިމެނޭ."

comment ކޮމެންޓް