މާލީ އިދާރާތަކަށް ލައިސަންސް ދޭ އިރު، އެކުންފުނިތައް ރާއްޖޭގެ ހިއްސާގެ ބާޒާރުގައި ލިސްޓުކުރުމަކީ ލާޒިމުކަމެއް ކަމުގައި ހަމަޖައްސާނެކަމަށް މަރުކަޒީ ބޭންކުގެ ގަވަރުނަރު އަހްމަދު ނަސީރު ވިދާޅުވެއްޖެއެވެ.
މޯލްޑިވްސް އިސްލާމިކް ބޭންކުން ރޭ ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަ ދައްކަވަމުން ގަވަރުނަރު ނަސީރު ވިދާޅުވީ ރާއްޖޭގައި އޮޕަރޭޓުކުރާ ހުރިހާ ބޭންކުތަކާއި އެމްއެމްއޭއިން ލައިސަންސް ނަގައިގެން ގާއިމުކުރާ އެހެނިހެން މާލީ އިދާރާތަކަކީ ލިސްޓުކޮށްފައި ހުންނަ ތަންތަން ކަމުގައި ހެދުމަކީ އެމްއެމްއޭގެ އަމާޒެއް ކަމަށެވެ.
"އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ ދިވެހި ރާއްޖޭގައި އޮޕަރޭޓުކުރާ ހުރިހާ މާލީ އިދާރާތަކަކީވެސް ވީހާވެސް ބޮޑަށް ޓްރާންސްޕޭރަންޓް އަދި އާންމުނަށް އެ ވިޔަފާރީގައި ހިއްސާވުމުގެ ފުރުސަތު އޮތް އިދާރާތަކަކަށް ހެދުން. ވީމާ އަޅުގަނޑުމެން އެ މަގުން ކުރިއަށްދާނެކަން ދަންނަވަން،" ނަސީރު ވިދާޅުވިއެވެ.
އެގޮތުން، ކުރިއަށް އޮތް ތަނުގައި އަލަށް އުފައްދާ މާލީ އިދާރާތައް ލިސްޓުކުރުން ލާޒިމުކުރުމުގެ އިތުރުން މިހާރު އޮޕަރޭޓުކުރާ ބޭންކުތަކާއި މާލީ އިދާރާތަކަށް މުއްދަތެއް ދީގެން ލިސްޓުކުރުވާނެކަމަށް ގަވަރުނަރު ވިދާޅުވިއެވެ.
ގަވަރުނަރު ވިދާޅުވީ މިކަން ހަމަޖައްސާނީ އެމްއެމްއޭގެ ގަވައިދުތަކަށް ގެންނަ ބަދަލެއްގެ ތެރެއިން ކަމަށެވެ.
މާލީ އިދާރާތަކުގެ ތެރޭގައި ބޭންކިންގް އަދި ނޮން ބޭންކިންގް އިދާރާތައް ހިމެނެއެވެ.
މިވަގުތު ހިއްސާގެ ބާޒާރުގައި ލިސްޓުކޮށްފައިވާ މާލީ އިދާރާތަކަކީ ބޭންކް އޮފް މޯލްޑިވްސްގެ އިތުރުން އަމާނާ ތަކާފުލް މޯލްޑިވްސް އަދި ހައުސިންގް ޑިވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން (އެޗްޑީއެފްސީ)އެވެ.