ސައުތުހެމްޓަން ސްވަންސީ ބަލިކުރުމުން ވެސްޓް ބްރޮމް ރެލިގޭޓް ވެއްޖެ

ސައުތުހެމްޓަނާއި ސްވަންސީ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އޭޕީ

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ސައުތުހެމްޓަންއާއި ސްވަންސީ ވާދަކުރި މެޗުން ސައުތުހެމްޓަން މޮޅުވުމާއެކު ވެސްޓް ބްރޮމް ރެލިގޭޓް ވެއްޖެއެވެ.

ރޭ ސްވަންސީގެ ދަނޑުގައި ކުޅުނު މެޗުން ސައުތުހެމްޓަން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ. މެޗުގެ 72 ވަނަ މިނެޓުގައި ސައުތުހެމްޓަންގެ ހަމައެކަނި ގޯލް އެޓީމަށް ކާމިޔާބުކޮށްދިނީ މަނޯލޯ ގަބިއަޑީނީއެވެ.

އެ ނަތީޖާއާއެކު ސްވަންސީއަށް ވަނީ ރެލިގޭޝަންގެ ބިރު ހީވެފައެވެ. ސައުތުހެމްޓަންއަށް ވަނީ ސަލާމަތްވުމުގެ ބޮޑު ޔަގީން ކަމެއް ލިބިފައެވެ.

މިހާތަނަށް ކުޅުނު 37 މެޗުން ސައުތުހެމްޓަންއަށް 36 ޕޮއިންޓް ލިބޭ އިރު، އެޓީމު އޮތީ 16 ވަނައިގައެވެ. ލީގުގެ 17 ވަނައިގައި އޮތް ހަޑަލްސް ފީލްޑަށް ބާކީ ދެ މެޗު އޮތް އިރު، އެޓީމު ސަލާމަތްވުމުގެ ފުރުސަތު ބޮޑެވެ.

ސްވަންސީން 18 ވަނައިގައި އޮތީ 37 މެޗުން 33 ޕޮއިންޓާއެކުގައެވެ. ސްވަންސީން ދެން އޮތް މެޗުން މޮޅުވި ނަމަވެސް ސައުތުހެމްޓަންއާ ދެމެދު އޮތް ބޮޑު ފައިދާ ގޯލްގެ ތަފާތާއެކު އެޓީމަށް ސަލާމަތްވުން ދުރެވެ. ސްވަންސީން ސަލާމަތްވާން އޮތީ ހަޑަލްސް ފީލްޑް ދެން އޮތް ދެ މެޗުން ބަލިވެގެންނެވެ.

ތާވަލުގެ 19 ވަނައިގައި އޮތް ވެސްޓް ބްރޮމްއަށް 37 މެޗުން 31 ޕޮއިންޓް ލިބިފައިވާ އިރު، އިނގިރޭސި ޕްރިމިއާ ލީގުގައި އަށް އަހަރު ހޭދަކުރުމަށްފަހު އެޓީމު ވަނީ ރެލިގޭޓްވެފައެވެ.

ވެސްޓް ބްރޮމްގެ އިތުރުން ދެން މި ސީޒަންގެ ރެލިގޭޝަން ޔަގީން ވެފައިވާ ޓީމަކީ ތާވަލުގެ ފުލުގައި އޮތް ސްޓޯކް ސިޓީއެވެ.

ވެސްޓް ބްރޮމްގެ ކޯޗު މި ސީޒަންގައި ތިން ފަހަރެއްގެ މަތިން ބަދަލުވެފައިވާ އިރު، އެޓީމަށް ފުރަތަމަ އިރުޝާދު ދިނީ ޓޯނީ ޕިއުލިސްއެވެ. އޭނާ ފޮނުވާލުމަށްފަހު އެލެން ޕާޑިއު ޓީމާ ހަވާލުވި ނަމަވެސް ނަތީޖާތަކަށް ބަދަލެއް ނާދެއެވެ.

މިދިޔަ އޭޕްރީލް މަހު ޕާޑިއުވެސް ފޮނުވާލުމަށްފަހު ދެން ޓީމާ ހަވާލުވީ ކެއާޓޭކާ ކޯޗު ޑަރެން މޯރެވެ. އޭނާ ޓީމާ ހަވާލުވިފަހުން ކުޅުނު ފަސް މެޗުން 11 ޕޮއިންޓް ހޯދައިފައިވާ އިރު، މިދިޔަ މަހުގެ ޕްރިމިއާ ލީގުގެ އެންމެ މޮޅު ކޯޗަކަށްވެސް ހޮވުނީ އޭނާއެވެ.

ސީޒަންގައި ވެސްޓް ބްރޮމްއަށް ދިމާވި އެންމެ ބޮޑު އެއް މައްސަލައަކީ ގޯލް ނުޖެހުމުގެ މައްސަލައެވެ. އެ މައްސަލައަށް ހައްލު ހޯދުމަށް ލިވަޕޫލްގެ ޑެނިއަލް ސްޓްރަޖި ލޯން އެއްބަސްވުމެއްގެ ދަށުން އަދި ޖޭ ރޮޑްރިގޭޒް ފުލް ޓްރާންސްފާގައި ގެންދިޔަ ނަމަވެސް އެޓީމުގެ ފަރާތުން ތަފާތު ފެނިފައެއް ނުވެއެވެ.

comment ކޮމެންޓް