އާސެނަލުން ވޯލްޑް ކަޕްގެ ކުރިން އެޓީމާ ހަވާލުވާނެ ކޯޗަކު އިއުލާން ކުރާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
އާސެނަލްގެ ކޯޗުކަމުގެ މަގާމުގައި މިވަގުތު ހުރި އާސެން ވެންގާ، 22 އަހަރު ޓީމުގައި ހޭދަކުރުމަށްފަހު މި ސީޒަން ނިމުމުން ކްލަބު ދޫކޮށްލާނެއެވެ. ވެންގާގެ މަގާމަށް ކޯޗަކު ހޯދަން އާސެނަލުން ފަށައިފައިވާ އިރު، ޖޫން މަހު ރަޝިޔާގައި އޮންނަ ވޯލްޑް ކަޕްގެ ކުރިން ކޯޗަކު އިއުލާން ކުރާނެ ކަމަށް ރިޕޯޓުތައް ބުނެއެވެ.
އާސެނަލްގެ ކޯޗު ކަމުގެ މަގާމަށް ދެން އަންނާނެ ކޯޗަކާ ގުޅިގެން މީޑިއާގައި ތަފާތު ވާހަކަތައް ދެކެވެމުންދާ އިރު، ކުރިން ބާސެލޯނާގެ ކޯޗު ލުއިސް އެންރިކޭއާއި ޔުވެންޓަސްގެ ކޯޗު މަސިމިލިއާނޯ އަލެގްރީވެސް އެ މަގާމަށް އަތުވެދާނެ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެއެވެ.
މީގެ އިތުރުންވެސް އާސެނަލަށް ކުރިން ކުޅުނު އެޓީމުގެ ލެޖެންޑްގެ ޕެޓްރިކް ވިއެރާއާއި މެންޗަސްޓާ ސިޓީގެ ކޯޗު ޕެޕް ގާޑިއޯލާގެ އެސިސްޓެންޓް ކޯޗު މިކޭލް އާޓެޓާއަކީވެސް އާސެނަލްގެ ކޯޗުކަމަށް އައިސްދާނެ ކޯޗުން ކަމަށް މީޑިއާތައް ބުނެއެވެ.
އާސެނަލްއާއެކު އޭނާ ހޭދަކުރި ފުރަތަމަ ދުވަސްތައް ވަރަށް ކާމިޔާބެވެ. ހާއްސަކޮށް ވެންގާ ފާހަގަކޮށްލެވުނީ އާސެނަލަށް އާމްދަނީ އިތުރުކޮށް، އެއް ލެވެލްއެއްގައި އިނގިރޭސި އެންމެ މަތީ ފުޓުބޯޅައިގައި އާސެނަލްގެ ނަން ހަރުކޮށްލި މީހެއްގެ ގޮތުގައެވެ.
ވެންގާއާއެކު އާސެނަލުން ވަނީ 2004-2003 ވަނަ އަހަރުގެ ލީގު، މެޗަކުން ބަލިނުވެ ނަގައިފައެވެ. ޕްރިމިއާ ލީގުގެ މި އެރާގައި އާސެނަލަކީ ބަލިނުވެ ލީގު ނެގި ހަމައެކަނި ޓީމެވެ.
އާސެނަލާއެކު ވެންގާ ހޭދަކުރި ރަންް ދުވަސްތައް މަޑުޖެހިލީ އެހާ ހިސާބުންނެވެ. އެގޮތުން 2005 ވަނަ އަހަރުގެ އެފްއޭ ކަޕް އުފުލާލި ފަހުން އެޓީމަށް ދެން ތަށްޓެއް ލިބުނީ ނުވަ އަހަރު ފަހުންނެވެ. އަދި 2004 ވަނަ އަހަރަށްފަހު ވެންގާއާއެކު އާސެނަލަށް ލީގުވެސް ކާމިޔާބު ކުރެވިފައެއް ނުވެއެވެ.
އެންމެފަހުން އާސެނަލުން ކުޅުނު ހޯމް މެޗުގައި އެޓީމުން ވަނީ ވެންގާއަށް ހާއްސަ ވަދާއެއް ދީފައެވެ.