ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ދަ ގޭންގް ފުރަތަމަ ޑިވިޝަނަށް

ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދި ދަ ގޭންގުން ޓްރޮފީ އުފުލާލަނީ --- ސަން ފޮޓޯ/ ފަޔާޒް މޫސާ

އެފްއޭއެމް ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި ދަ ގްރާންޑޭ އަމީގޯސް ނިއު ޖެނެރޭޝަން (ދަ ގޭންގް) ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓް ވެއްޖެއެވެ.

މިއަދު ހަވީރު ގައުމީ ފުޓުބޯޅަ ދަނޑުގައި ދަ ގޭންގާއި ޖޭޖޭ ސްޕޯޓްސް ކްލަބު ވާދަކުރި ދެވަނަ ޑިވިޝަންގެ ފައިނަލް މެޗު، ދަ ގޭންގުން ކާމިޔާބުކުރީ ޕެނެލްޓީ ޖަހައިގެންނެވެ.

މެޗުގެ ފުރިހަމަ ވަގުތު ހަމަވި އިރު، 0-0ގެ ނަތީޖާއަކުން އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ޖެހި ޕެނެލްޓީ ދަ ގޭންގުން ކާމިޔާބުކުރީ 3-1ގެ ނަތީޖާއަކުންނެވެ. ޕެނެލްޓީގައި ދަ ގޭންގްގެ ކީޕަރު އިޔާން އަބްދުލް އަލީމް ވަނީ ދެ ޕެނެލްޓީ މަތަކޮށްފައެވެ.

މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ދެ ޓީމުގެ ފަރާތުންވެސް ފެނިފައިވަނީ އެޓޭކިން ކުޅުމެކެވެ.

ފުރަތަމަ ހާފްގައި ޖޭޖޭގެ ހޮލެންޑް ފޯވަޑް، އާޑީލިއޯ ރެސިޑާއަށް ގޯލް ޖަހާނެ ރަނގަޅު ފުރުސަތެއް ލިބިގެން ގޮސްފައިވާ އިރު، ދަ ގޭންގުންވެސް ވަނީ ގޯލް ޖަހާނެ ފުރުސަތުތައް ފަހިކޮށްފައެވެ. އެގޮތުން އަހުމަދު އަޖުވަދާއި އަހުމަދު ހަލީމްގެ ހަމަލާތައްވެސް ފާހަގަކޮށްލެވުނެވެ. އަޖުވަދުގެ ހަމަލާ ގޯލާ އަމާޒުނުވެ ދިޔަ އިރު، އަހުމަދު ހަލީމްގެ ދެ ހަމަލާގެވެސް ހުރަހަކަށްވީ ޖޭޖޭގެ ނޭޕާލް ކީޕަރު، ކާކީ އަރުޕަންއެވެ.

ދެވަނަ ހާފްގައިވެސް ފެނިގެން ދިޔައީ ފޯރިގަދަ ކުޅުމެކެވެ. ޖޭޖޭގެ ފަރާތުން ހާފްގެ ކުރީ ކޮޅުގައި ރަނގަޅު ދެ ހަމަލާއެއް ފެނިގެން ގޮސްފައިވެއެވެ. މިދުހަތު ފަހުމީ (ބިޗަޑު)ގެ ނުރައްކާތެރި ދެ ހަމަލާގެވެސް ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި ދަ ގޭންގްގެ ކީޕަރު އިޔާންއެވެ.

ޖޭޖޭއަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ ހަމައެކަނި ބިޗަޑެވެ. ދަ ގޭންގަށް ޕެނެލްޓީ ކާމިޔާބުކޮށްދިނީ އިބްރާހީމް އަބްދުﷲއާއި އަބްދުﷲ މުހައިމިނާއި އަބްދުﷲ ފައުޒާނެވެ.

މިއަދުގެ ފައިނަލަށް މެޗަށްފަހު ދެވަނަ ޑިވިޝަންގެ ނިންމުމުގެ ރަސްމިއްޔާތު ބާއްވައިފައިވާ އިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އެމްޕީއެލްގެ ސީއީއޯ އިބްރާހީމް އަބްދުލް ރައްޒާގު ހަލީމެވެ.

މުބާރާތުގެ ޗެމްޕިއަން ޓީމަށް ތަށްޓާއި މެޑަލް ދީފައިވާ އިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ދަ ގޭންގްގެ ޒާހިދު އިބްރާހީމެވެ. އެންމެ މޮޅު ގޯލް ކީޕަރަކަށް ހޮވުނީ ދަ ގޭންގްގެ އިޔާން އެވެ.

ފުޓުބޯޅަ އޮނިގަނޑަށް މިއަހަރު އެފްއޭއެމްއިން ގެނައި ބަދަލާއެކު ދެވަނަ ޑިވިޝަން ޗެމްޕިއަން ޓީމު ފުރަތަމަ ޑިވިޝަނަށް އޮޓޮމެޓިކުން ކޮލިފައިވާ އިރު، ރަނަރަޕް ޓީމަށް ޕްލޭ އޮފް ކުޅެން ލިބޭނެއެވެ.

ޕްލޭ އޮފްގައި ކުޅޭނީ މާލޭ ލީގުގެ ރެލިގޭޝަނަށް ދާ ޓީމުތަކާ ދެކޮޅަށެވެ.

ދަ ގޭންގަކީ ދެވަނަ ޑިވިޝަނަށް އައީ 2016 ވަނަ އަހަރުގެ ތިން ވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައިގެންނެވެ.

comment ކޮމެންޓް