ސުޕްރީމް ކޯޓުން ނިންމާ ކަމެއް އެކޯޓަށް އަލުން ބެލޭނެ ގާނޫނީ ހަމައެއް ރާއްޖެއަކު ނެތް: އާޒިމާ

އައިޝަތު އާޒިމާ ޝަކޫރު ސަންއަށް އިންޓަވިއު ދެއްވަނީ --- ސަން ފައިލް ފޮޓޯ

ސުޕްރީމް ކޯޓުން ކޮށްފައިވާ ހުކުމެއް އަލުން މުރާޖާކޮށް އެއަށް ބަދަލު ގެނައުމުގެ ބާރު އެކޯޓަށްވެސް ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއިން ލިބިގެން ނުވާ ކަމަށް ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ވިދާޅުވެއްޖެ އެވެ.

މިރޭ ޓީވީއެމްގެ ޕްރޮގްރާމެއްގައި ވާހަކަފުޅު ދައްކަވަމުން އާޒިމާ ވިދާޅުވީ މީގެ ކުރިން ސުޕްރީމް ކޯޓުން ނިހާއީ ހުކުމްތަކެއް އިއްވާފައި ވަނިކޮށް އެ ހުކުމްތައް އެކެއް ފެބުރުއަރީގެ އަމުރަކުން ބާތިލު ކުރީ ގާނޫނީ ނިޒާމުން ބޭރުން ކަމަށެވެ. ސުޕްރީމް ކޯޓަށްވެސް ވިޔަސް އެ ކޯޓުން ނިންމާފައި އޮތް ކަމެއް އެ ކޯޓަށް އަލުން ނުބެލޭނެ ކަމަށް އާޒިމާ ވިދާޅުވި އެވެ.

ދުނިޔޭގެ އެހެން ބައެއް ގައުމުތަކުގައި އެފަދަ ބާރުތައް ސުޕްރީމް ކޯޓަށް ގާނޫނީ އިމުގެ ތެރެއިން ދީފައި އޮތަސް ރާއްޖޭގައި އެބާރެއް ދީފައި ނެތް ކަމަށް އާޒިމާ ވިދާޅުވި އެވެ.

"ރާއްޖޭގެ ގާނޫނީ އޮނިގަނޑުގައި އެއީ ހަމަ ސީލްޑް، ނިމިފައި އޮތް ނިންމުމެކޭ ސުޕްރީމް ކޯޓުން ކޮށްފައި އޮތް ހުކުމެއް. އެހެންވީމަ ފަހުން ކުރާ އަމުރަކުންނެއް އެއެއް ޗޭންޖެއް ނުކުރެވޭނެ. އެއަށް ބަދަލުގެނައުމުގެ ބާރު ސުޕްރީމް ކޯޓަކަށް ވެސް ނުލިބޭ،" އާޒިމާ ވިދާޅުވި އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދަށް މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަ ނުކުރެވޭނެ ކަމަށް ބުނެ އާޒިމާ ވަނީ ގިނަ ވާހަކަފުޅުތަކެއް ދައްކަވާފަ އެވެ. އާޒިމާ ވިދާޅުވީ ބޭރުގެ ޖަމްއިއްޔާ ޖަމާއަތްތަކުން ރައީސް ނަޝީދަށް އިންތިޚާބުގައި ވާދަ ކުރެވެން ޖެހޭނެ ކަމަށް ބުނި ނަމަވެސް ރާއްޖޭގެ ގާނޫނީ ނިޒާމު އެކަމަށް ތަން ނުދޭ ކަމަށާއި އެހެންވީމަ އެ ފުރުސަތު ދެވެން ނެތް ކަމަށެވެ.

މީހެއްގެ ކެންޑިޑެންސީއާ މެދު ޚިޔާލުތަފާތުވުމެއް އުފެދޭ ހާލަތުގައި ގޮތް ނިންމާނީ ސުޕްރީމް ކޯޓުން ކަމަށް ގާނޫނުއަސާސީގައި ބުނެފައިވާ މާއްދާއަށް ރިއާޔަތް ކުރައްވައި އާޒިމާ ވިދާޅުވީ ފެންނަން ހުރި ކަންކަމަށް ބަލާއިރު ސުޕްރީމް ކޯޓުން އެހެން ގޮތަކަށް ނިންމަވާނެ ކަމަށް ގަބޫލު ކުރާނެ ޖާގައެއް ނެތް ކަމަށެވެ.

"ޕާޓީއަކުން ކުރިމަތިލުމަކުންނެއް ވަކި އެ ރިކުއަމެންޓެއް ފުރިހަމައެއް ނުވާނެ. ކިތަންމެ ގިނަ މީހުން ތިބި ޕާޓީއަކުން ދިޔަސް ކިތަން ގިނަ މީހުން އެންޑޯސްކޮސްގެން ދިޔަސް ގާނޫނީ ރިކުއަމެންޓް ފުރިހަމަ ވެގެން އިލެކްޝަންސްގެ ވޯޓު ކަރުދާހަށް އެމީހެއްގެ ނަން އަރާނީ،" އާޒިމާ ވިދާޅުވި އެވެ.

ރައީސް ނަޝީދަށް ވާދަ ނުކުރެވޭނެ ކަމަށް އާޒިމާ ވިދާޅުވި ނަމަވެސް ނަޝީދު މިހާރު ވަނީ އެމްޑީޕީގެ ޕްރައިމެރީގައި ވާދަކުރައްވާނެ ކަން އިއުލާނު ކުރައްވާފަ އެވެ. އަދި ކެމްޕޭންވެސް ވަނީ ފައްޓަވާފަ އެވެ.

comment ކޮމެންޓް