އިނގިރޭސި ޕްރިމިއާ ލީގުގައި އޮލިވިއާ ޖިރޫގެ ލަނޑުން ލިވަޕޫލް ބަލިކޮށް، ޗެލްސީން ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާއާ ދެމެދު އޮތް ފަރަގު ދެ ޕޮއިންޓަށް ކުޑަކޮށްފިއެވެ.
އަމިއްލަ ދަނޑުގައި ރޭ ކުޅުނު ލީގު މެޗުގައި ލިވަޕޫލްގެ މައްޗަށް ޗެލްސީން ކުރި ހޯދީ 1-0ގެ ނަތީޖާއަކުންނެވެ. އެ ނަތީޖާއާ ގުޅިގެން ލީގުގެ ގަދަ ހަތަރެއްގެ ޖާގައެއް ހޯދުމުގެ ފުރުސަތު ޗެލްސީއަށް އަދިވެސް އޮންނާނެއެވެ.
ޕްރިމިއާ ލީގު ތާވަލުގެ ހަތަރުވަނައިގައި އޮތް ޓޮޓެންހަމްއަށް 36 މެޗުން 71 ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް ޗެލްސީއަށް 36 މެޗުން ލިބިފައިވަނީ 69 ޕޮއިންޓެވެ. ރޭގެ މެޗުން ބަލިވި ލިވަޕޫލް އޮތީ ކުޅުނު 37 މެޗުން ލިބުނު 72 ޕޮއިންޓާއެކު ތާވަލުގެ ތިންވަނައިގައެވެ.
ރޭ ކުޅުނު މެޗުގައި ޗެލްސީން ލަނޑުޖެހުމުގެ ކުރިން ދެ ޓީމުން ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން ލިވަޕޫލްގެ ރޮބާޓޯ ފަމީނޯއާއި އެޓީމުގެ ސާޑިއޯ މާނޭ އަދި ޗެލްސީގެ ޖިރޫއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ.
މެޗުގައި ޗެލްސީން ޖެހި ލަނޑު ފެނިގެންދިޔައީ 32 ވަނަ މިނެޓުގައެވެ. ވިކްޓާ މޮސެސް ނަގައިދިން ހުރަހަކުން ޗެލްސީއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ޖެނުއަރީ ޓްރާންސްފާގައި އާސެނަލް ދޫކޮށް ޗެލްސީއާ ގުޅުނު ފްރާންސް ފޯވަޑް ޖިރޫއެވެ. އޭނާ ވަނީ ޕެނަލްޓީ އޭރިއާ ތެރޭ ހުރެ ބޮލުން ފޮނުވާލި ހަމަލާ، ގޯލުގެ ތެރެއަށް އަމާޒުކޮށްލައިފައެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޗެލްސީ ކުރީގައި އޮވެގެންނެވެ.
މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅުގައި ޗެލްސީއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް ޗެލްސީގެ ޖިރޫއާއި އެޑެން ހަޒާޑްއަށް ލިބުނު ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ. އޭގެ ތެރެއިން ހަޒާޑް ފޮނުވާލި ހަމަލާގެ ހުރަހަކަށްވީ ލިވަޕޫލްގެ ކީޕަރު ލޮރިސް ކެރިއަސްއެވެ.
މެޗުގެ ދެވަނަ ހާފުގައި ލިވަޕޫލަށް ވެސް ލަނޑުޖަހާނެ ފުރުސަތުތަކެއް ތަނަވަސްކޮށްފައިވެއެވެ. އެގޮތުން އެލެކްސެންޑާ އާނޯލްޑްއާއި ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ދެވަނަ ހާފުގައި ކުޅެން ނުކުތް ޑޮމިނިކް ސޮލާންކޭއަށް ލިބުނު ފުރުސަތެއް ފާހަގަކޮށްލެވެއެވެ. މެޗު ނިމެނިކޮށް ލިވަޕޫލުން ކުޅުން ވަރުގަދަކޮށް، ލަނޑެއް ކާމިޔާބުކުރުމަށް މަސައްކަތްތަކެއް ކުރި ނަމަވެސް، އެކަމަށް ހުރަސްއެޅީ ޗެލްސީގެ ވަރުގަދަ ޑިފެންސް ލައިނެވެ.