ބްރިޖާ ގުޅޭ މަޝްވަރާތަކެއް ކުރެއްވުމަށް ހައުސިން މިނިސްޓަރު ޗައިނާއަށް

މިނިސްޓަރު މުއިއްޒު ވާހަކަ ދައްކަވަނީ--- ފޮޓޯ: ހައުސިން މިނިސްޓްރީ/ޓްވިޓާ

ޗައިނާ މޯލްޑިވްސް ފްރެންޑްޝިޕް ބްރިޖް އާ ގުޅޭ މަޝްވަރާތަކެއް ކުރެއްވުމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ޗައިނާއަށް ފުރާވަޑައިގެންފިިއެވެ.

ޗައިނާ ދަތުރުފުޅުގެ ކުރިންް ދައުލަތުގެ މިޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ވިދާޅުވީ، މި ދަތުރުފުޅުގައި އެގައުމުގެ އިސްވެރިންނާއެކު ބައްދަލުވުންތައް ބާއްވަވާނެ ކަމަށާއި މި ބައްދަލުވުން ތަކުގައި، ދެގައުމުގެ ސަރުކާރު ގުޅިގެން ކުލަގަދަކޮށް ބްރިޖު ހުޅުވުމުގެ މަޝްވަރާތައް ކުރައްވާނެ ކަމަށެވެ.

"މިއީ ދެގައުމުގެ ރައީސުންގެ ދެމެދުގައި އޮތް ގުޅުންވެސް ރަމްޒުކޮށްދޭ މަޝްރޫއަކަށް ވާއިރު، މަޝްރޫއުގެ ނިމުން ވަރަށް ކުލަގަދަކޮށް ފާހަގަ ކުރުމަކީ ކުރަން ޖެހޭނެ ކަމެއް ކަމަށް ޗައިނާއިންވެސް އަދި އަޅުގަނޑުމެންވެސް ގަބޫލުކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ، ބްރިޖު ހުޅުވާ ރަސްމިއްޔާތަކީ ދެގައުމުގެ ސަރުކާރު އެކުގައި ބާއްވާނެ ކުލަގަދަ ރަސްމިއްޔާތަކަށް ވެގެންދާނެ ކަމަށެވެ.

ތާވަލާ އެއްގޮތަށް ބްރިޖުގެ މަސައްކަތް ކުރިއަށް ގެންގޮސް އޮގަސްޓްގެ ނިޔަލަށް ބްރިޖްގެ މަސައްކަތް ނިންމާލެވޭނެ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖުގެ މަސައްކަތްތަކަށް ބަލާއިރު މާލޭ ކޮޅުން ބްރިޖުގެ ހުރިހާ ތަނބެއް ގުޅާލެވިފައިވާކަމަށް މިނިސްޓަރު ވަނީ މިދިޔަ ހަފްތާގައި ވިދާޅުވެފައެވެ. އެގޮތުން ބްރިޖުގެ މައި ތަނބުތަކާ ހަމައަށް މާލޭކޮޅުން ހުރި ހުރިހާ ތަނބެއް ކޮންކްރީޓް ބްރިޖް ޑެކް އަޅައި، ގުޅުވައި ނިމިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ބްރިޖުގެ މަސައްކަތަށް ބަލާއިރު މިހާރު ކުރިއަށްދަނީ ބްރިޖުގެ މައިތަނބުތަކާ ގުޅާލާ ސްޓީލް ބޮކްސް ގާޑާތައް ހަރުކުރުމުގެ މަސައްކަތެވެ. އެ މަސައްކަތް މާޗް މަހު ފަށާފައިވާ އިރު ޖުލައި މަހުގެ ނިޔަލަށް މަސައްކަތް ނިންމާލެވޭނެ ކަމަށް ހައުސިން މިނިސްޓަރު އޭރު ވަނީ ވިދާޅުވެފައެވެ.

އެ މަސައްކަތް ނިމުމުން ބްރިޖުގައި ތާރުއެޅުމާއި ލައިޓް ހަރުކުރުމުގެ މަސައްކަތް ކުރާނެ ކަމަށް ވެސް މިނިސްޓަރު އޭރު ވިދާޅުވިއެވެ.

މީގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު މުއިއްޒު ވިދާޅުވީ އަންނަ ރިޔާސީ އިންތިހާބުގެ ކުރިން ބްރިޖް މަތިން މީހުން ދަތުރު ކުރަން ފަށާނެ ކަމަށެވެ.

ބުރިޖު އެޅުމަށް ޖުމްލަ 300 މިލިއަން ޑޮލަރު (4626 މިލިއަން ރުފިޔާ) ޚަރަދުވެއެވެ. އެ ފައިސާގެ ތެރެއިން 100 މިލިއަން ޑޮލަރަކީ ޗައިނާ ސަރުކާރުގެ ހިލޭ އެހީ އެވެ. އަދި 170 މިލިއަން ޑޮލަރު ޗައިނާ އިން ދޭނީ ލޯނު އެހީގެ ގޮތުގައެވެ. އެ ލޯނުގެ އިންޓްރެސްޓަކީ ދެ ޕަސެންޓެވެ. ބުރިޖް އެޅުމަށް ދިވެހި ސަރުކާރުން 30 މިލިއަން ޑޮލަރު ޚަރަދުކުރާނެ ކަމަށް ފައިނޭންސް މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ބްރިޖްގެ ދިގުމިނުގައި 1.39 ކިލޯ މީޓަރު، އަދި ބުރިޖްގެ ފުޅާ މިނުގައި 20 މީޓަރު ހުންނާނެ އެވެ. ބްރިޖުގައި ހަތަރު ފުރޮޅުލީ އުޅަދު ދުއްވާ ދެ ލޭނާއި ސައިކަލު ދުއްވާ ދެ ލޭނާއި ބައިސްކަލު ދުއްވާ ލޭނަކާއި ހިނގާފައިދާ މީހުންނަށް ވަކި ލޭނެއް ވެސް އޮންނާނެ ކަމަށް ހައުސިން މިނިސްޓްރީ އިން ވަނީ ބުނެފައެވެ.

ބްރިޖާ ގުޅިގެން ހަދަން ޖެހޭ މަގުތައް ހެދުމުގެ މަސައްކަތް މާލެ އާއި ހުޅުލެ އަދި ހުޅުމާލޭ ކޮޅުން ވެސް ބާރަށް ކުރިއަށްދާއިރު ބްރިޖުގެ މަތިން ދަތުރުކުރާ މީހުންނަށް ބަހުގެ ހިދުމަތް ދިނުމަށް އެމްޕީއެލް އިން އަންނަނީ ތައްޔާރު ވަމުންނެވެ.

comment ކޮމެންޓް