އޭސީސީއަށް ހާޒިރުވުމަށް ފުއާދު ތައުފީގަށް އަންގައިފި

އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު

އެންޓި ކަރޮޕްޝަން ކޮމިޝަން (އޭސީސީ) އިން ތަހުގީގު ކުރަމުން އަންނަ މައްސަލައަކާ ގުޅިގެން ތުހުމަތުކުރެވޭ މީހެއްގެ ހައިސިއްޔަތުން އިލެކްޝަންސް ކޮމިޝަނުގެ ކުރީގެ ރައީސް ފުއާދު ތައުފީގު އެ ކޮމިޝަނަށް ހާޒިރުވުމަށް އަންގައިފިއެވެ.

އޭސީސީއަށް ހާޒިރުވުމަށް ފުއާދު ތައުފީގަށް ފޮނުވި އަމުރުގައި ވަނީ އޭނާ އެ ކޮމިޝަނަށް ހާޒިރު ކުރަނީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން އެކުލަވާލި ގައުމީ ކޮންޕްލެއިންސް ބިއުރޯއަށް ތިން މަސްދުވަހުގެ މުއްދަތަށް މެންބަރުން ހޯދުމުގައި ކޮރަޕްޝަނަށް މަގުފަހިވާގޮތަށް އަމަލުކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް ސުވާލުކޮށް ބަޔާން ނެގުމަށެވެ.

ސްރީލަންކާގައި ދިރިއުޅުއްވަމުން ގެންދަވާ ފުއާދު ތައުފީގު އޭސީސީއަށް ހާޒިރުވުމަށް އަންގާފައި ވަނީ އަންނަ ބުދަ ދުވަހުގެ މެންދުރުފަހު 14:00 އަށެވެ.

އެކަމާ ގުޅިގެން ފުވާދު ތައުފީގު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ 2013 ވަަނަ އަހަރުގެ ރިޔާސީ އިންތިޚާބު ނިމުނު ފަހުން ހަތަރު އަހަރާއި ފަސް މަސް ފާއިތުވެގެން ދިޔައިރު ވެސް އެފަދަ ތުހުމަތެއްކޮށްފައި ނުވާ ކަމަށެވެ. ފުއާދު އެކަން ސިފަކުރެއްވީ ކުއްލި އަކަށް އުފަންވި މައްސަލައެއްގެ ގޮތުގައެވެ.

ފުއާދު ތައުފީގު އަންނަނީ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި މިހާރު މިއޮތް ޕީޕީއެމް ސަރުކާރުގެ ސިޔާސަތުތަކަށް ފާޑުވިދާޅުވެ މީސް މީޑިއާގައި ޝުއޫރު ފާޅުކުރައްވަމުންނެވެ. އިދިކޮޅު ފަރާތްތަކުން ކުރިއަށް މިއޮތް ރިޔާސީ އިންތިހާބަށް އެެއް ކެނޑިޑޭޓަކު ނެރޭނަމަ އެކަމަށް އެންމެ އެކަށީގެންވަނީ ފުއާދު ތައުފީގު ކަމަށް އިދިކޮޅު ފަރާތްތަކަށް ތާއިދުކުރައްވާ ގިނަ ބަޔަކު މީސް މީޑިއާގައި އަންނަނީ ބުނަމުންނެވެ.

comment ކޮމެންޓް