102 އަހަރުގައި ވެސް ބޭނުމީ ފިލްމު ކުޅެން: އަމީތާބް

ސުޕަސްޓާ އަމީތާބް ބައްޗަން އަދީ ރިޝީ ކަޕޫރު އެކުގައި ފެނިގެންދާ ފިލްމު "102 ނޮޓް އައުޓް" އިއްޔެ ވަނީ ރިލީޒް ކޮށްފައެވެ.

ފިލްމުގެ ރިވިއުތައް ރަނގަޅު އިރު، ބޮކްސް އޮފީހުގައި ފިލްމަށް އެކަށީގެންވާ ރަނގަޅު ކާމިޔާބީއެއް ލިބޭނެ ކަމަށް އުންމީދު ކުރެވެއެވެ.

އުމޭޝް ޝުކްލާގެ ޑައިރެކްޓުކޮށްފައިވާ "102 ނޮޓް އައުޓް" ގައި އަމީތާބް އަދާކުރަނީ 102 އަހަރުގެ މީހެއްގެ ރޯލެވެ. ރިޝީއަކީ ފިލްމުގައި އަމީތާބްގެ ދަރިފުޅެވެ.

ފިލްމާ ގުޅޭގޮތުން ސަޕޯޓަރުންނާ ވާހަކަ ދައްކަމުން އަމީތާބް ވަނީ އެމީހުންގެ ބައެއް ސުވާލުތަކަށް ޖަވާބު ދީފައެވެ. އެގޮތުން 102 އަހަރު ވަންދެން ދުނިޔޭގައި ހުރެއްޖެ ނަމަ ކުރަން ބޭނުންވަނީ ކޮން ކަމެއްތޯ އެކަކު ވަނީ އަމީތާބާ ސުވާލުކޮށްފައެވެ.

އެ ސުވާލަށް ޖަވާބު ދެމުން އަމީތާބް ބުނީ އުމުރުން އެހާ ދުވަސް ވާއިރު، ދުޅަހެޔޮ ސިއްހަތެއްގައި ހުރެއްޖެ ނަމަ ބޭނުންވަނީ އެކްޓު ކުރަން ކަމަށެވެ.

"102 ނޮޓް އައުޓް"އަކީ ގިނަ ދުވަސްތަކަކަށް ފަހު އަމީތާބްއާއި ރިޝީ އެކުގައި ފެނިގެންދާ ފުރަތަމަ ފިލްމެވެ. ދެ މީހުން އެކުގައި އެންމެ ފަހުން ފެނިގެން ގޮސްފައި ވަނީ 1991 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "އަޖޫބާ" އިންނެވެ.

އަމީތާބްއާއި ރިޝީ ވަނީ "ނަސީބް"، "ކަބީ ކަބީ" އަދި "އަމަރް އަކްބަރް އެންތަނީ" ފަދަ ފިލްމުތަކުގައި މަސައްކަތް ކޮށްފަ އެވެ. ނަމަވެސް ދެ މީހުން މީގެ ކުރިން ފެނިގެން ގޮސްފައި ވަނީ ދެބެންގެ ގޮތުގައެވެ. އެހެންކަމުން މިއީ ވަރަށް ތަފާތު ފިލްމަކަށް ވާނެ ކަމަށް ބެލެވެއެވެ.

comment ކޮމެންޓް