އެފްއޭއެމް ދެވަނަ ޑިވިޝަންގެ ދެވަނަ ސެމީ ފައިނަލްގައި ކްލަބު ޕީކޭ ބަލިކޮށް، ޖޭޖޭ ސްޕޯޓްސް ކްލަބުން ފައިނަލްގެ ދެވަނަ ޖާގަ ޔަގީން ކޮށްފިއެވެ.
ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު ފޯރި ގަދަ މެޗު ޖޭޖޭއިން ކާމިޔާބުކުރީ 2-1ގެ ނަތީޖާއަކުންނެވެ. މެޗުގެ ތިން ގޯލްވެސް ފެނިގެން ދިޔައީ ދެވަނަ ހާފްގައެވެ.
މެޗުގެ ފުރަތަމަ ހާފްގައި ދެ ޓީމުގެ ފަރާތުންވެސް ފެނިގެން ދިޔައީ ދާދި ހަމަހަމަ ކުޅުމެކެވެ. ޖޭޖޭގެ ފަރާތުންވެސް ނުރައްކާތެރި ދެ ހަމަލާއެއް ފެނިގެން ގޮސްފައިވާ އިރު، ލިބުނު ފުރުސަތުތަކުގައި ޕީކޭއިން ވެސް ވަނީ ޖޭޖޭގެ ޑިފެންސަށް ނުރައްކާ ކޮށްފައެވެ.
ފުރަތަމަ ހާފްގައި ޖޭޖޭގެ މިދުހަތު ފަހުމީ (ބިޗަޑް)ގެ އިތުރުން ބިދޭސީ ފޯވަޑް އާޑީލިއޯ ރެސީޑާގެ ހަމާލަތައް ފާހަގަކޮށްލެވުނެވެ. ޕީކޭގެ ފަރާތުން ފެނުނު އެންމެ ނުރައްކާތެރި ހަމަލާއެއް ފެނިގެން ދިޔައީ ބޯޑު ޕްރިންސްގެ ފަރާތުންނެވެ.
ދެވަނަ ހާފަށް ނުކުމެ ޖޭޖޭއިން ކުޅުން ރަނގަޅުކުރިއެވެ. ނަތީޖާއެއްގެ ގޮތުން މެޗުގެ 55 ވަނަ މިނެޓުގައި ލީޑު ނެގިއެވެ. އެޓީމަށް ލީޑު ނަގައިދިނީ މިސްރުގެ ޑިފެންޑަރު މުހައްމަދު މަގުދީއެވެ. މަގުދީ އެ ގޯލް ޖެހީ ބިޗަޑުގެ ހިލޭ ޖެހުމެއް ޕީކޭގެ ކީޕަރު ވަލީދު އިދުރީސް އަތުގައި ޖެހިފައި ނުކުތުމުން އެ ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.
ޖޭޖޭގެ ފުރަތަމަ ގޯލަށްފަހު ދެ މިނެޓުވެސް ނުވަނީސް އެޓީމުން ލީޑު ފުޅާކުރިއެވެ. ދެވަނަ ގޯލް ޖޭޖޭއަށް ކާމިޔާބުކޮށްދިނީ މެޗުގައި މޮޅަށް ކުޅުނު ބިޗަޑެވެ.
ޖޭޖޭއިން ދެ ގޯލްގެ ލީޑަކާއެކު ކުޅެމުން ދަނިކޮށް ޕީކޭއިން އުންމީދު އާކުރީ 72 ވަނަ މިނެޓުގައި ލިބުނު ޕެނެލްޓީ ކާމިޔާބުކޮށްގެންނެވެ. ޕީކޭގެ ގޯލް ކާމިޔާބުކޮށްދިނީ ބޯޑު ޕްރިންސެވެ.
ނަތީޖާގެ ފަރަގު ކުޑަކުރުމަށް ފަހުވެސް ޕީކޭއިން ވަނީ ގިނަ ހަމަލާތަކެއް އުފައްދައިފައެވެ. އެހެން ނަމަވެސް ޖޭޖޭއިން ވަނީ މޮޅަށް ޑިފެންސްކޮށް ލީޑު ހިފަހައްޓައިފައެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަންގެ ފުރަތަމަ ސެމީގައި ދިވެހި ސިފައިންގެ ކްލަބު ބަލިކޮށް، ފައިނަލްގެ ޖާގަ ހޯދީ ދަ ގްރާންޑޭ އަމިގޯސް ނިއު ޖެނެރޭޝަނެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީގެ އިތުރުން ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޕީކޭއެވެ. ދެވަނަ ގްރޫޕްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިތުރުން ދަ ގްރޭންޑް އަމިގޯސް އަދި ޒެފްރޯލެވެ.
ދެވަނަ ޑިވިޝަންގެ ފައިނަލް މެޗު އޮންނާނީ މިމަހު އަށް ވަނަ ދުވަހު ގައުމީ ފުޓުބޯޅަ ދަނޑުގައެވެ.