ސިދާތު އާއެކު ވިކްރަމް ބަޓްރާގެ ބަޔޮޕިކްއަށް ކަރަން ތައްޔާރުވެއްޖެ

ނަވާރަސަތޭކަ ނުވަދިހަ ނުވަވަނަ އަހަރު އިންޑިއާއާއި ޕާކިސްތާނާ ދެމެދު ކުރިއަށް ދިޔަ ހަނގުރާމައިގައި އިންޑިއާ އަސްކަރިއްޔާގައި ހިމެނި، ހަނގުރާމައިގައި ދުނިޔެ ދޫކުރި އިންޑިއާގެ ހީރޯ ވިކްރަމް ބަޓްރާގެ ހަޔާތުގެ މައްޗަށް ފިލްމެއް ހަދަން ތައްޔާރުވެއްޖެއެވެ.

"ޝޭރް ޝާހް"ގެ ނަމުގައި ކަރަން ޖޯހަރުގެ ދަރްމާ ޕްރޮޑަކްޝަންސްއިން އުފައްދާ އެ ފިލްމުގެ ލީޑު ރޯލަށް ހަމަޖައްސައިފައި ވަނީ ކަރަންގެ "ސްޓުޑެންޓް" ސިދާތު މަލޯތުރާއެވެ.

ވިކްރަމް ބަޓްރާގެ ބަޔޮޕިކްއެއް ހަދަން ކަރަން ނިންމީ ހަގީގީ ވާހަކަތަކަކީ އެންމެ މޮޅު ވާހަކަތައް ކަމުގައި ގަބޫލުކުރާތީއެވެ. ފިލްމާ ގުޅޭގޮތުން ސިދާތު ބުނީ ގައުމީ ބަތަލެއްގެ ބަޔޮޕިކްއިން ފުރުސަތު ލިބުމުން ވަރަށް ބޮޑަށް އުފަލުން ހުރިކަމަށެވެ.

ސިދާތު ބުނީ ވިކްރަމް ބަޓްރާގެ ހަޔާތުން މިއަދުގެ ޒުވާނުންގެ ގިނަ އިބުރަތްތަކަކާއި ފިލާވަޅުތަކެއް ލިބިގެންދާނެ ކަމަށެވެ.

ސަންދީޕް ޗްރިވާސްތަވާ ލިޔެފައިވާ ވާހަކައެއްގެ މައްޗަށް ފިލްމު ޑައިރެކްޓުކުރާނީ ވިޝްނޫ ވަރަދަންއެވެ. މި އަހަރު ފަހުކޮޅު ފިލްމުގެ ޝޫޓިން ފަށާނެއެވެ.

ކެޕްޓަން ވިކްރަމް ބަޓްރާއަކީ އިންޑިއާގެ ތާރީޚުގައި ވެސް ފަރުބަދަ މަތީ ހިސާބުތަކުގައި އެންމެ ވަރުގަދަ އޮޕަރޭޝަންތައް ކުރިއަށް ގެންދިޔަ އޮފިސަރެވެ. ވިކްރަމް ބަޓްރާއަށް އަސްކަރިއްޔާއިން ދީފައިވާ ނަމަކީ "ޝޭރް ޝާހް" ނުވަތަ "ލަޔަން ކިންގ"އެވެ.

ވިކްރަމް ބަޓްރާގެ ހިތްވަރުގަދަ ކަމަށާއި ޤައުމަށް ކޮށްދެއްވައިފައިވާ ޚިދުމަތްތައް ފާހަގަކުރުމަށް އިންޑިއާ ސަރުކާރުން ވަނީ ޕަރަމް ވީރް ޗަކްރާ އެވޯޑު ވެސް އޭނާއަށް އަރުވައިފައެވެ. އެއީ އަސްކަރިއްޔާއަށް ޚިދުމަތް ކުރާ ފަރާތްތަކަށް ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ.

comment ކޮމެންޓް