ހަވާއީގެ އަލިފާން ފަރުބަދައެއް ގޮވާތީ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވަނީ

ހަވާއީގައި ގޮވަމުންދާ އަލިފާން ފަރުބަދަ ---

ޕެސިފިކް ކަނޑުގައި އޮންނަ، އެމެރިކާގެ ޖަޒީރާ ސްޓޭޓު ހަވާއީގެ އަލިފާން ފަރުބަދައެއް ގޮވަން ފެށުމާ އެކު، އެ ފަރުބަދަ ކައިރީގައި ދިރިއުޅޭ މީހުން ރައްކާތެރި ހިސާބުތަކަށް ބަދަލުވާން ފަށައިފިއެވެ.

ހަވާއީ ޖަޒީރާގައި ހިމެނޭ އެންމެ ބޮޑު ރަށް ނުވަތަ "ދަ އައިލެންޑް އޮފް ހަވާއީ" ގުދުރަތީ ގޮތުން އުފެދިފައި އޮންނަނީ ގުޅިފައިވާ ފަސް އަލިފާން ފަރުބަދައިގެ މައްޗަށެވެ. އެއީ މައުނާ ކިއާ، މައުނާ ލޮއާ، ކޮހާލާ، ހުއަލާލައި އަދި ކިލައުވެއާ ކިޔާ ފަސް ފަރުބަދައެވެ.

އޭގެ ތެރެއިން ގޮވަން ފެށީ ރަށުގެ އިރު ދެކުނުގައި އޮންނަ ކިލައުވެއާ އަލިފާން ފަރުބަދައެވެ. އިއްޔެ އެ ފަރުބަދަ ގޮވަންފެށީ މިދިޔަ ހަފްތާގެ ތެރޭގައި ކުދިކުދި ލޮޅުންތަކެއް ވެސް އެރަށަށް ގެނައުމަށްފަހުގައި ކަމަށް ޔޫއެސް ޖިއޮލޮޖިކަލް ސާވޭއިން ބުނެއެވެ. އަދި މިއަދު ހެނދުނު ރިކްޓާ މިންގަނޑުން 5.0 މެގްނިޓިއުޑުގެ ބިންހެލުމެއްވެސް އެސަރަހައްދަށް އައި ކަމަށް ޖޮއިލޮޖިކަލް ސާވޭއިން ބުނެއެވެ.

ކިލައުވެއާ އަލިފާން ފަރުބަދައިން ޖައްވުގެ ތެރެއަށް ދުމާއި އަޅި، އަދި ފަރުބަދައާ ކައިރި ސަރަހައްދުތަކަށް އަލިފާން ފެތުރެމުންދާ އިރު، ފަރުބަދައާ ކައިރީގައި ދިރިއުޅޭ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ބަދަލުވުމަށް އަންގާފައިވާ ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރެއެވެ. އެހިސާބުގައި 10،000 އެއްހާ މީހުން ދިރިއުޅޭ ކަމަށް ރޮއިޓާސްއިން ރިޕޯޓުކުރެއެވެ.

އެސަރަހައްދުގައި ދިރިއުޅޭ ބައެއް މީހުން ބުނާ ގޮތުގައި، ފަރުބަދައިން އަލިފާން ނުކުންނަމުން ދިޔައީ ފައްވާރަކުން ފެން އަރުވާ ފަދައިންނެވެ.

ކިލައުވެއާ އަލިފާން ފަރުބަދަ ގޮވާތާ މިހާރު 30 އެއްހާ އަހަރު ވެދާނެއެވެ.

comment ކޮމެންޓް