މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ މިމަހުގެ 10 ވަނަ ދުވަހުގެ ކުރީން ދިނުމަށް ފިނޭންސް މިނިސްޓްރީން ދައުލަތުގެ ހުރިހާ އޮފީސްތަކަށް އަންގައިފި އެވެ.
ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި، މިއަހަރުގެ ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާ ދިނުމުގައި އަމަލުކުރުމަށް ހަމަޖެހިފައިވާ ގޮތުގައި ބުނާ ގޮތުން، މިއަހަރުގެ ރޯދަ މަހުގެ އިނާޔަތުގެ ފައިސާ މުވައްޒަފުންނަށް ދޭން ހަމަޖެހިފައިވާ އެންމެ ފަހު ތާރީހަކީ 10 މޭ ކަމަށެވެ.
އެހެންކަމުން މިއަދުން ފެށިގެން، ރަމަޟާން މަހުގެ އިނާޔަތުގެ ފައިސާގެ ތަފްސީލު ތައްޔާރުކޮށް އިނާޔަތުގެ ފައިސާ ހޯދުމަށް ފިނޭންސް މިނިސްޓްރީއަށް ހުށަހަޅަންވާނެ އަމަލު ކުރުމަށް ހަމަޖެހިފައިވާ ގޮތުގައި ބުނެފައިވެ އެވެ.
ފިނޭންސް މިނިސްޓްރީން ބުނީ، ދައުލަތުގެ އެކައުންޓިން ސޮފްޓުވެއާ ބޭނުން ކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ ވައުޗަރުތައް އަންނަ އަންގާރަ ދުވަހުގެ ކުރިން ޕޯސްޓް ކުރަންޖެހޭނެ ކަމަށެވެ.
އަދި އެ ސޮފްޓުވެއާ ބޭނުން ނުކުރާ އޮފީސްތަކުން މުސާރަ ވައުޗަރުތައް އެ މިނިސްޓްރީގެ ޕޭމަންޓް ވައުޗަރު ބަލައިގަންނަ ކައުންޓަރަށް ނުވަތަ އެ އޮފީހެއްގެ ވައުޗަރުތައް ޕުރޮސެސްކުރާ ފަރާތްތަކަށް އަންނަ ހޯމަ ދުވަހުގެ ކުރިން ހުށަހަޅަންވާނެ ކަމަށެވެ.
އަދި ބުނީ، ދައުލަތުގެ އެޗްއާރު ސޮފްޓްވެއާ ބޭނުން ކުރާ އޮފީސްތަކުން އިނާޔަތުގެ ފައިސާ އަންގާރަ ދުވަހުގެ ކުރިން ސިސްޓަމަށް އަޕްލޯޑްކޮށް އިނާޔަތުގެ ފައިސާ ޕޯސްޓް ކުރުމަށެވެ.
ވަޒީބާއާބެހޭ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން، ދައުލަތުގެ އޮފީހެއްގައި ވަޒީފާ އަދާކުރާ ކޮންމެ މުސްލިމު މުވައްޒަފަަކަށް ރޯދަ މަހުގެ އިނާޔަތުގެ ގޮތުގައި ދޭނީ 3000 ރުފިޔާއެވެ.