ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް ހިލޭ ބަހަން ސަރުކާރުން ނިންމި، 10 ކިލޯ ބާސްމަތީ ހަނޑުލާއި، 10 ކިލޯ ފުށް ބެހުމުގެ މަސައްކަތް މިއަދު ފަށައިފިއެވެ.
މި ކަމާ ގުޅިގެން އެސްޓީއޯއިން ރޭ ނެރުނު ބަޔާނެއްގައި ބުނީ މި މަސައްކަތް ކުރުމަށް މިހާރު އެސްޓީއޯއިން ތައްޔާރުވެފައިވާކަމަށެވެ. އަދި މިހާރު އެ ކަމަށް ބޭނުންވާ ކާޑުގެ ބާވަތްތައް ގުދަން ކުރެވިފައިވާކަމަށް ވެސް ބުންޏެވެ.
މާލޭގައި ކާޑު ބެހުމުގެ މަސައްކަތް ހިނގާނީ މާލޭ ސިޓީ ކައުންސިލުގެ ބެލުމުގެ ދަށުންނެވެ. މިއަދުން ފެށިގެން 16ވަނަ ދުވަހުގެ ނިޔަލަށް މާލޭގައި ކާޑު ބެހުން ކުރިއަށް ދާނެއެވެ. ނަމަވެސް މުލަ ރޯދަ ދުވަހާއި ހުކުރު ދުވަހު ކާޑު ބެހުން ކުރިއަކަށް ނުދާނެއެވެ.
މާލޭގައި ކާޑު ދޫކުރާނެ ގަޑިތަކަކީ، ހެނދުނު 10:00 އިން ހަވީރު 16:00 އާއި ރޭގަނޑު 20:30 އިން 23:00 އަށެވެ. ރޯދަމަހު އެ މަސައްކަތް ކުރިއަަށްދާނީ ހެނދުނު 09:30 އިން މެންދުރުފަހު 13:00 އަށެވެ. ރޭގަނޑު 21:00 އިން 23:30އަށެވެ.
ކާޑު ދޫކުރަން ހަމަޖެހިފައިވަނީ ދިވެހިންނަށް އެކަންޏެވެ. މިގޮތުން ދޫކުރާނީ ކަރަންޓް މީޓަރުގެ ނަންބަރަށް ބެލުމަށްފަހު، ބަލާ އަންނަ މީހާގެ ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑުގެ ނަންބަރު ނޯޓު ކުރުމަށް ފަހުއެވެ.
މާލޭގައި ކާޑު ބަހާ ތަންތަން:
- ގަލޮޅު ދަނޑު
- ސިިޓީ ކައުންސިލުގެ އާންމު ޚިދުމަތްތަކާ ބެހޭބައި
- ސޯޝަލް ސެންޓަރު
- ވިލިމާލެ/ބިއްރި މިސްކިތް ހޯލު
- ހުޅުމާލެ ފޭސް އެކެއް - އުމަރު ޒާހިރު ބިލްޑިން
- ހުޅުމާލެ ފޭސް ދޭއް - ހިޔާ ޓަވަރު 10 ޔޫތު ސެންޓަރު
ރަށްރަށަށް ކާޑުގެ ބާވަތްތައް ފޮނުވުމުގެ މަސައްކަތް މިހާރު ފަށައިފައިވާއިރު ރަށްރަށުގައި އެ ކަން ކުރާނީ ކައުންސިލުގެ ބެލުމުގެ ދަށުންކަމަށް ވެސް އެސްޓީއޯއިން ބުންޏެވެ.
ރޯދަ މަހާ ދިމާކޮށް ކޮންމެ ގޭބީސީއަކަށް 10 ކިލޯ ހަނޑުލާއި، 10 ކިލޯ ފުށް ބަހަން ނިންމެވީ ރައީސް ޑރ. މުޙައްމަދު މުއިއްޒެވެ. އެމަނިކުފާނު މިފަދައިން ވިދާޅުވީ، ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރާއްޖެ ވަޑައިގެން ނޫސްވެރިންނާ ބައްދަލުކުރައްވާ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ހުންނަވައެވެ.
އޭގެ ކުރިން އެ މަނިކުފާނު ވިދާޅުވީ، ހަނޑޫ، ހަކުރު، ފުށް ފަދަ ޒަރޫރީ ތަކެތި ގެނައުމުގައި އެއް ގައުމަކަށް ބަރޯސާވުމުގެ ބަދަލުގައި އެހެން ގައުމުތަކުން ވެސް އެ ތަކެތި ގެންނަން މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.