ކޭޝްފްލޯއަށް ދަތިނުވާ ގޮތަށް ރޯދަ އިނާޔަތްދޭން ސަރުކާރު ކުންފުނިތަކަށް އަންގައިފި

މީރާ އަދި ފިނޭންސް މިނިސްޓްރީ ހިންގަމުންދާ އިމާރާތް -- ސަން ފޮޓޯ/ ފަޔާޒް މޫސާ

ސަރުކާރު ކުންފުނިތަކުގެ މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމުގައި ކޭޝް ފްލޯއަށް ދަތިނުވާ ގޮތަށް އެ ދިނުމަށް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން މިއަދު އަންގައިފިއެވެ..

ރޯދަ މަހުގެ އިނާޔަތް ދިނުމާ ގުޅޭ ގޮތުން ޕީސީބީއިން މިއަދު ނެރުނު ސާކިއުލާއެއްގައި ބުނީ ވަޒީފާއާ ބެހޭ ގާނޫނޫގައިވާ ގޮތަށް ވަޒީފާ އަދައިކުރާ ކޮންމެ މުވައްޒަފަކަށް ރޯދަަމަހުގެ އިނާޔަތުގެ ގޮތުގައި 3،000 ރުފިޔާ ދޭންޖެހޭ ކަމަށެވެ.

މުސާރާ ހިނގާ ގޮތަށް އެއް ވަޒީފާއަށްވުރެ ގިނަ ވަޒީފާ އަދައިކުރާ މުވައްޒަފުންނަށް އިނާޔަތް ދިނުމުގައި، ހަމައެކަނި އެ މުވައްޒަފެއް އަސާސީ ގޮތުން ވަޒީފާ އަދާކުރާ ތަނަކުން ފައިސާ ދިނުމަށާއި އިތުރަށް އިނާޔަތުގެ ފައިސާ ނުދިނުމަށް ޕީސީބީން ވަނީ އެދިފައެވެ.

އެއާއެކު، ޕީސީބީއިން ބުނީ ރޯދަމަސް ފެށޭއިރު އޮފީހަށް ޚިދުމަތް ނުލިބޭ ގޮތަށް 'ޕޭ ލީވް' އަދި 'ނޯޕޭ ލީވް'ގައި ތިބޭ މުވައްޒަފުންގެ އިނާޔަތް ލިބޭ މުވައްޒަފުންގެ ތެރޭގައި ނުހިމެނޭނެ ކަމަށެވެ.

ނަމަވެސް މި ފަދަ ލީވްއެއްގައި ހުންނަ މުވައްޒަފުން ރޯދަ މަހުގެ ތެރޭގައި ޚިދުމަތަށް ނިކުމެއްޖެނަމަ އެ ދުވަހަކުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ޖެހޭ އަދަދެއް ބަލައި އިނާޔަތުގެ ފައިސާ ދޭނެ ކަމަށް އެ ސާކިއުލާގައި ބުނެއެވެ.

ޕީސީބީން ބުނީ ރޯދަ މަހުގެ ފުރަތަމަ ދުވަސް ފިޔަވައި ދެވަނަ ދުވަހުން ފެށިގެން އަލަށް ވަޒީފާދޭ މުވައްޒަފުންނަށް ވަޒީފާ އަދައިކުރަން ފަށާ ދުވަހުން ފެށިގެން ރޯދަމަހުގެ ނިޔަލަށް ޖެހޭ ފައިސާ ބަލައި އެ އަދަދަކަށް އިނާޔަތުގެ ގޮތުގައި ލިބޭނެ ކަމަށެވެ.

މީގެއިތުރުން، ރޯދަ އިނާޔަތުގެ ގޮތުގައި ސާކިއުލާގައިވާ ނަންބަރަށްވުރެ އިތުރަށް ނުވަތަ މަދުން ފައިސާ ދީފައިވާނަމަ މި މަހުގެ މުސާރަ ދޭއިރު އެބައި އެޖަސްޓުކުރަން ޖެހޭ ކަމަށް ސާކިއުލާގައިވެއެވެ.

ޕީސީބީއިން ވަނީ ރޯދަ މަހާ ގުޅުވައި މުވައްޒަފުންނަށް އިތުރު ހަދިޔާދޭނަމަ ކޭޝް ފްލޯއަށް ނުރަނގަޅު އަސަރު ނުކުރާ ގޮތަށް ދިނުމަށް އަންގައިފައެވެ.

އެހެންކަމުން، ކުންފުނިތަކުން ސާކިއުލާގައިވާ ގޮތަށް މުވައްޒަފުންނަށް ރޯދަ އިނާޔަތް ދިނުމުގައި އަމަލުކުރުމަށް ޕީސީބީއިން ވަނީ އެދިފައެވެ.

ރޯދަ އިނާޔަތުގެ ގޮތުގައި ކޮންމެ މުވައްޒަފަކަށް ވެސް ދިނުން ގާނޫނުގައި ލާޒިމްކުރާ އެންމެ ދަށް އަދަދަކީ 3،000 ރުފިޔާއެވެ. އޭގެ އިތުރަށް ވެސް ބައެއް ކުންފުނިތަކުން ފައިސާއާއި ހަދިޔާ ދެއެވެ.

comment ކޮމެންޓް