ޖުމްލަ 18 ސްކޫލަކުން 400 އަށްވުރެ ގިނަ ދަރިވަރުންނާއެކު ދިރާގު އިންޓަރ ސްކޫލް ބައިކް ޓޯނަމެންޓް 2018، މާދަމާ ފެށުމަށް ބައިކް މޯލްޑިވްސްއިން ތައްޔާރުވެއްޖެއެވެ.
ރާއްޖޭގެ ސްކޫލްތަކަށް އަމާޒުކޮށްގެން ހުޅުމާލޭ ރޭސިންގ ޓްރެކްގައި ބައިކް މޯލްޑިވްސްއިން ބާއްވާ ބައިކް ޓޯނަމެންޓަކީ ދެ ދުވަހުގެ މުއްދަތަށް ކުރިއަށްގެންދާ މުބާރާތެކެވެ. އެހެންކަމުން އެ މުބާރާތް އަންނަ ހޮނިހިރު ދުވަހު ނިމިގެންދާނެއެވެ.
ހުޅުމާލޭ ރޭސިން ޓްރެކްގައި މާދަމާގެ އިވެންޓައް ކުރިއަށްދާނީ ހެނދުނު 7:00 އިން ފެށިގެން 10:00 އަށެވެ. އަދި ހޮނިހިރު ދުވަހުގެ އިވެންޓްތައް ކުރިއަށްދާނީ ހެނދުނު 7:00 އިން ފެށިގެން ހަވީރު 5:00 އަށެވެ. އެ މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައިވަނީ ހޮނިހިރު ދުވަހުގެ ހަވީރު 5:00 ގައެވެ.
އެ މުބާރާތުގައި ތަފާތު 34 ރޭހެއް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިރު، މުބާރާތް ކުރިއަށްދާނީ ހަތަރު އުމުރުފުރާއަކަށް ބަހާލައިގެންނެވެ. އެއީ، 14 އަހަރުން ދަށް، 16 އަހަރުން ދަށް، 18 އަހަރުން ދަށް އަދި 21 އަހަރުން ދަށުގެ އުމުރުފުރާއެވެ. ކޮންމެ އުމުރުފުރާއެއްގައި ވެސް އަންހެން އަދި ފިރިހެން ބައި ކުރިއަށްދާނީ ވަކިވަކިންނެވެ.
މީގެ އިތުރުން "ފަން" އިވެންޓެއްގެ ގޮތުގައި މުބާރާތް ކުރިއަށް ދާއިރު، 12 އަހަރުން ދަށުގެ ކުދީންނަށް ވެސް ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.
އިންޓަރ ސްކޫލް ބައިކް ޓޯނަމެންޓްގެ ޓައިޓަލް ސްޕޮންސަރަކީ ދިރާގެވެ. އެ މުބާރާތުގެ އިތުރު ޕާޓްނަރުންގެ ތެރޭގައި ބްރަދާސް ކޭޓަރިންގއާއި، ސިޓީ ރައިޑް އަދި އިލާ މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް ވެސް ހިމެނެއެވެ.
އެ މުބާރާތުގައި ބައިވެރިވެފައިވާ ސްކޫލްތައް:
- އަމީނިއްޔާ ސްކޫލް
- މަޖީދިއްޔާ ސްކޫލް
- ދަރުމަވަންތަ ސްކޫލް
- އަހުމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް
- ތާޖުއްދީން ސްކޫލް
- ޖަމާލުއްދީން ސްކޫލް
- ކަލާފާން ސްކޫލް
- ހުޅުމާލޭ ރެހެންދި ސްކޫލް
- ގޭޓް ވޭ އިންޓަނޭޝަނަލް ސްކޫލް
- ގާޒީ ސްކޫލް
- އެކްސެލް އިންޓަނޭޝަނަލް ސްކޫލް
- ބިލަބޮންގް ހައި އިންޓަނޭޝަނަލް ސްކޫލް
- ސެންޓަރ ފޯރ ހަޔަރ ސެކަންޑަރީ އެޑިއުކޭޝަން (ސީއެޗްއެސްއީ)
- އިސްކަންދަރު ސްކޫލް
- ގިޔާސުއްދީން އިންޓަނޭޝަނަލް ސްކޫލް
- އިމާދުއްދީން ސްކޫލް
- ހިރިޔާ ސްކޫލް
- އަލް މަދްރަސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާ