ބޮޑު ތަފާތަކުން ސިފައިންގެ ކްލަބު ބަލިކޮށް، ދަ ގްރޭންޑް އަމިގޯސް ފައިނަލަށް

މިއަދު ދަ ގްރޭންޑް އަމިގޯސްއާއި ދިވެހި ސިފައިންގެ ކްލަބު ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލް ފުރަތަމަ މެޗުގައި ބޮޑު ތަފާތަކުން ދިވެހި ސިފައިންގެ ކްލަބު ބަލިކޮށް، ދަ ގްރޭންޑް އަމިގޯސް ނިއު ޖެނެރޭޝަން ސްޕޯޓްސް ކްލަބުން ފައިނަލްގެ ފުރަތަމަ ޖާގަ ޔަގީން ކޮށްފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މިއަދު ހަވީރު ކުޅުނު މެޗު، ދަ ގްރޭންޑް އަމިގޯސްއިން ކާމިޔާބުކުރީ 4-0ގެ ނަތީޖާއަކުންނެވެ.

މެޗުގެ ކުރީ ކޮޅުގައިވެސް ރަނގަޅު ހަމަލާތައް އުފެއްދީ ދަ ގްރޭންޑް އަމިގޯސްއިންނެވެ. އެގޮތުން އަހުމަދު ހަލީމް (އައްމަޑޭ)އާއި ޒާހިދު އިބްރާހީމްއަށް ލިބުނު ފުރުސަތުތައް ފާހަގަކޮށްލެވުނެވެ.

ފުރަތަމަ ހާފްގައި ސިފައިންގެ ޓީމުގެ ފަރާތުން ވެސް ނުރައްކާތެރި ހަމަލާއެއް ފެނިގެންދިޔައެވެ. ސިފައިންގެ ޓީމުގެ ކުރިއަށް ކުޅޭ އިލިއާ އޮޓްރޮޝްކޯ ފޮނުވާލި ހަމަލާ ދިފާއުކުރީ ދަ ގްރޭންޑް އަމިގޯސްގެ ކީޕަރު އިޔާން އަބްދުލް އަލީމެވެ.

ހާފް ނިމުމުގެ ކުރިން ދަ ގްރޭންޑް އަމިގޯސްއިން ވަނީ ލީޑު ނަގައިފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި އެޓީމަށް ލީޑު ނަގައިދިނީ ޒާހިދު އިބްރާހިމެވެ.

މިއަދު ދަ ގްރޭންޑް އަމިގޯސްއާއި ދިވެހި ސިފައިންގެ ކްލަބު ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ދެވަނަ ހާފްގައިވެސް ވަރުގަދައަށް ކުޅުން ފެށީ ދަ ގްރޭންޑް އަމިގޯސްއިންނެވެ. އެގޮތުން މެޗުގެ 58 ވަނަ މިނެޓުގައި ދަ ގްރޭންޑް އަމިގޯސްއިން އަހުމަދު އަޖުވަދުގެ ރީތި ގޯލުން ލީޑު ފުޅާކުރިއެވެ. އަދި 66 ވަނަ މިނެޓުގައި އަބްރާހީމް އަބްދުﷲގެ ގޯލުން ލީޑު އިތުރަށް ފުޅާކޮށް ކުޅެމުން ދިޔަ ދަ ގްރޭންޑް އަމިގޯސްއިން ހަތަރުވަނަ ގޯލް ޖެހީ 82 ވަނަ މިނެޓުގައެވެ. އެ ގޯލަކީ ޑިފެންޑަރު ހުސައިން ޝަރީފް (އޮންލީ) ކާމިޔާބުކޮށްދިން ގޯލެކެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކުރިއަށްދަނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީގެ އިތުރުން ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޕީކޭއެވެ. ދެވަނަ ގްރޫޕްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިތުރުން ދަ ގްރޭންޑް އަމިގޯސް އަދި ޒެފްރޯލެވެ.

ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ދިވެހި ސިފައިންގެ ކްލަބު ސެމީއަށް ދަތުރުކުރި އިރު، އެ ގްރޫޕުން ދެވަނަ ޓީމަކަށް ސެމީއަށް ދިޔައީ ޕީކޭއެވެ. ގްރޫޕް ދޭއްގެ އެއްވަނަ ލިބުނީ ޖޭޖޭ ސްޕޯޓްސް ކްލަބަށެވެ. ދެވަނަ ލިބުނު ދަ ގްރޭންޑް އަމިގޯސް މިއަދު ވަނީ ގްރޫޕް އެކެއްގެ އެއްވަނަ ޓީމު، ދިވެހި ސިފައިންގެ ކްލަބު ބަލިކޮށްފައެވެ.

ދެވަނަ ޑިވިޝަންގެ ސެމީ ފައިނަލްގެ ދެވަނަ މެޗު މާދަމާ އޮންނާނެއެވެ. ވާދަކުރާނީ ޖޭޖޭ ސްޕޯޓްސްއާއި ކްލަބު ޕީކޭއެވެ. ގައުމީ ފުޓްބޯޅަ ދަނޑުގައި ކުޅޭ އެ މެޗު ފަށާނީ ހަވީރު 4:00 ގައެވެ.

comment ކޮމެންޓް