ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް ޚާއްސަ ކޮށްގެން ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ބާއްވަމުން އަންނަ ނައިޓްް މާކެޓް މި އަހަރު ބާއްވާނެ ކަމަށް ވިޔަފާރިވެރިންގެ ޖަމްއިއްޔާގެ ރައީސް އިސްމައިލް އާސިފް ވިދާޅުވެއްޖެއެވެ.
މިއަދު އާޓްގެލަރީގައި ހައިރައިޒް އިން އިންތިޒާމް ކޮށްގެން ބާއްވާ އެފްއެންޑްބީ ޝޯ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އާސިފް ވިދާޅުވީ، ރޯދަމަހާ ދިމާކޮށް މި އަހަރުގެ ނައިޓް މާކެޓް ނުފެށި ކަމުގައި ވިޔަސް މި އަހަރު ނައިޓް މާކެޓް ބާއްވާނެ ކަމަށެވެ.
ނައިޓް މާކެޓް ބާއްވާނެ ވަކި ތާރީޚެއް އަދި ކަނޑައެޅިފައި ނުވިނަމަވެސް ވަރަށް އަވަހަށް ނައިޓް މާކެޓް ބާއްވާނެ ތާރިޚެއް އިއުލާނު ކުރާނެ ކަމަށްވެސް އާސިފް ވިދާޅުވިއެވެ.
ދެހާސް ފަނަރަ ވަނަ އަހަރުން ފެށިގެން އަހަރަކު އެއްފަހަރު ނައިޓް މާކެޓް ބާއްވަން ނިންމާފައިވީނަމަވެސް މިދިޔަ އަހަރު ނައިޓްމާކެޓް ބާއްވާފައެއް ނުވެއެވެ.
މިދިޔަ އަހަރުގެ ނޮވެންބަރު މަހުގެ 15 ވަނަ ދުވަހު ނައިޓް މާކެޓް ބޭއްވުމަށް އިއުލާނު ކުރުމަށްފަހު ވިޔަފާރިވެރިންގެ ޖަމިއްޔާއިން ނައިޓްމާކެޓް ނުބާއްވާގޮތައް ނިންމީ، ހައުސިން މިނިސްޓްރީން ނައިޓްމާކެޓް ބޭއްވުމަށް އެއްބާރުލުން ނުދިނުމުން ކަމަށް އެ ޖަމްއިއްޔާއިން ބުންޏެވެ.