އިންޑިއާ މައްސަލަ ހައްލުކުރުމުގައި މަޝްވަރާ އިސްކުރަން ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފި

ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އިންޑިއާ ސަފީރު-- ފޮޓޯ: އެލީޒް

ރާއްޖެއާއި އިންޑިއާއާ ދެމެދު މިވަގުތު އުފެދިފައިވާ މައްސަލަ ހައްލުކުރުމުގައި މަޝްވަރާ އިސްކުރަން ދިވެހި ވިޔަފާރިވެރިންގެ ޖަމިއްޔާއިން ގޮވާލައިފިއެވެ.

މިކަމާ ގުޅިގެން ވިޔަފާރިވެރިންގެ ޖަމިއްޔާއިން އިއްޔެ ނެރުނު ބަޔާނެއްގައި ވަނީ، ރާއްޖެ ބޮއިކޮޓްކުރަން ގޮވާލާ އިންޑިއާއިން މިވަގުތު ކުރިއަށް ގެންދާ ކެމްޕެއިން އެ ޖަމިއްޔާއިން ކުށްވެރިކުރާ ކަމަށެވެ. އަދި އެކަމުގެ ސަބަބުން ރާއްޖެއާމެދު މީހުންގެ މެދުގައި ނުރަނގަޅު ތަސައްވުރެއް އުފައްދާނެކަން ގަބޫލުކުރާކަމަށް ވެސް އެ ބަޔާނުގައި ވެއެވެ.

އެ ބަޔާނުގައި ވަނީ، މި މައްސަލަ ހައްލުކުރުމަށް މިދަނޑިވަޅުގައި މަޝްވަރާތައްކުރަން، ރާއްޖޭގެ ކުރިމަގަށް މަސައްކަތްކުރާ ޖަމިއްޔާއެއްގެ ހައިސިއްޔަތުން ގޮވާލާ ކަމަށެވެ.

މީގެ އިތުރުން އެ ބަޔާނުގައި ވަނީ، އެ ޖަމިއްޔާއިން ތާއިދުކުރަނީ ހުރިހާ އެންމެނާ ވެސް ރަނގަޅު ގުޅުމެއް ބޭއްވުމަށް ކަމަށް ބުނެފައެވެ. އަދި ގައުމުގެ މުސްތަގްބަލަށްޓަކާ އިހުތިރާމާއި މަޝްވަރާގެ މަތިން ކަންކަން ހައްލުކުރުމުގެ މުހިންމުކަން ފާހަގަކޮށްފައިވެއެވެ.

މި މައްސަލަ ފެށުނީ، އިންޑިއާއިން އެ ގައުމުގެ ލަކްޝަދުވީޕްގެ ފަތުރުވެރިކަން ޕްރޮމޯޓުކުރަން ފެށުމާ އެކު، މީސްމީޑިއާގައި ބައެއް ދިވެހީންނާއި އިންޑިއާ މީހުން އަރައިރުންވާން ފެށުމުންނެވެ. އޭގެ ތެރެއަށް ދިވެހި ސަރުކާރުގެ ބައެއް އިސް މަގާމުތަކުގައި ތިއްބެވި ބޭފުޅުން ވަނުމާއެކު މައްސަލަ އިތުރަށް ހޫނުވެ ބައިނަލްއަގުވާމީ ނޫސްތަކުގެ ސަމާލުކަމަށް ވެސް އެކަން އައީއެވެ.

އެ އަރާރުމުގެ ތެރެއިން އިންޑިއާގެ ފަތުރުވެރިން ރާއްޖެ ނައުމަށް ގޮވާލާ ކެމްޕެއިން ފެށިއެވެ.

މިދިޔަ އަހަރު ރާއްޖެއަށް އެންމެ ގިނަ ފަތުރުވެރިން އައިސްފައިވަނީ ވެސް އިންޑިއާއިންނެވެ. އެއީ ޖުމްލަ 209،198 ފަތުރުވެރިންނެވެ.

comment ކޮމެންޓް