ވިޔަފާރިވެރިންނަށް ފުރުސަތު ފަހިކޮށްދިނުމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން އިފްތިތާހުކޮށްފި

އެމްޓީއޭ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަންފޮޓޯ/ އަމަން ލަތީފް

ރާއްޖޭގެ ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތައް ފަހިކޮށްދިނުމަށް މޯލްޑިވްސް ޓްރޭޑް އެސޯސިއޭޝަން (އެމްޓީއޭ)ގެ ނަމުގައި ޖަމިއްޔާއެއް އިފްތިތާހުކޮށްފިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްޓީއޭގެ ވަގުތީ ރައީސް އަދި ކުރީގެ މަޑުއްވަރީ ދާއިރާގެ މެންބަރު މުޙައްމަދު އަމީތު ވިދާޅުވީ، ރާއްޖެއަށް ކުރިމަތިވެފައިވާ ބޮޑެތި ގޮންޖެހުންތައް ގުޅިފައި ހުރީ އިގްތިސާދީ މައްސަލަތަކާ ކަމަށެވެ.

ރާއްޖޭގައި ހުރި މައްސަލަތަކަށް ހައްލު ހޯދައިދިނުމަށް ޖަމިއްޔާތައް ގާއިމުކޮށްފައި ހުންނަކަން ފާހަގަކުރައްވައި އަމީތު ވިދާޅުވީ އެމްޓީއޭ އުފެއްދުމުގެ މަގްސަދަކީ ސިޔާސީ ފަރާތްތަކާއި ރައްޔިތުންނާއި ވިޔަފާރިވެރިންނާ ގުޅިގެން މަސައްކަތްކުރާނެ ޖަމިއްޔާއެއް ހޯދައިިދިނުން ކަމަށެވެ.

"އަޅުގަނޑުމެންގެ ބޭނުމަކީ ވިޔަފާރިވެރިންނަށް މިނިވަން ޕްލެޓްފޯމެއް ހޯދަދިނުން. އެ ބޭފުޅުންނަށް ދިމާވާ ގޮންޖެހުންތަކުން އަރައިގަތުމަށް ވާކާލާތުކުރެވޭނެ މާހައުލެއް ތަނަވަސްކޮށްދިނުން. ހަމައެއާއެކު ރާއްޖެއާއި ރާއްޖޭން ބޭރުން ވިޔަފާރިތަކަށް ފުރުސަތު ފަހިކޮށްދިނުން،" އަމީތު ވިދާޅުވިއެވެ.

އެމްޓީއޭ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަންފޮޓޯ/ އަމަން ލަތީފް

މީގެ ކުރިން ވިޔަފާރީގެ ދާއިރާއިން މަސައްކަތްކޮށް ވަކާލާތު ކުރާނެ ޕްލެޓްފޯމުތަކެއް ނެތްކަމަށް އޭނާ ވިދާޅުުވިއެވެ.

ނަމަވެސް އެމްޓީއޭ މެދުވެރިކޮށް ވިޔަފާރިވެރިންނަށް ގިނަ ފުރުސަތުތައް ފަހިވެގެންދާނެކަން އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލެ ސިޓީ މޭޔަރު އާދަމް އާޒިމް ވިދާޅުވީ، އެމްޓީއޭ މެދުވެރިކޮށް މާލެ މާރުކޭޓުތަކުގައި ބިދޭސީން ހަރަކާތްތެރިވާތީ ވިޔަފާރިވެރިން އެކަމާ ކަންބޮޑުވުން ފާޅުކުރާ ކަމަށެވެ.

"މުޅި އެގްރޯނެޓް އެމީހުންގެ އަތް މައްޗަށް ދިޔައީ ކީއްވެގެންތޯ. އުފައްދަނީ އެ މީހުން. ގެންނަނީ އެމީހުން. އަނެއްކާ ތޮށި ގަނޑު މަތިން އޭތި ގަންނަނީ އެ މީހުން. ގޮޅީގައި ބަހައްޓައިގެން އެކަން ކުރަނީ ވެސް ގާތްގަނޑަކަށް ހަމަ އެ މީހުން. އެކަމަކު ގޮޅި މި އިންނަނީ ދިވެއްސެއް އަތުގައި،" އާޒިމް ފާހަގަކުރެއްވިއެވެ.

އެމްޓީއޭ އިފްތިތާހުކުރުމަށް ބޭއްވި ރަސްމިއްޔާތުގެ ތެރެއިން ---- ސަންފޮޓޯ/ އަމަން ލަތީފް

އިތުރަށް ވާހަކަަދައްކަވަމުން އާޒިމް ވިދާޅުވީ، ބިދޭސީ މަސައްކަތްތެރިން ނުލައި ރާއްޖޭގެ އިގްތިސާދު ނުހިންގޭނެ ކަމަށާއި ނަމަވެސް ބިދޭސީން ގެންގުޅުމަށް ހަރުދަނާ ނިޒާމެއް ގާއިމުކުރަން ޖެހިފައިވާ ކަމަށެވެ.

އެހެންވެ މިކަމަށް ކަމާ ބެހޭ އިދާރާތަކުން ސަމާލުވާން ޖެހޭ ކަމަށް މޭޔަރު އާޒިމް ވިދާޅުވިއެވެ.

ރާއްޖޭގެ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަނެ ދިވެހި އިގްތިސާދު ކުރިއެރުވުމަށް ވިޔަފާރިވެރިންނަށް މިނިވަން މާހައުލެއް ގާއިމުކޮށްދޭނެ ކަމަށް އެމްޓީއޭ އިން ބުނެއެވެ.

comment ކޮމެންޓް