ބޭރު ފައިސާއާ ބެހޭ ގަވާއިދު ތަންފީޒުކުރުން މުހިންމު ކަމަށް، ވިޔަފާރިވެރިންގެ ޖަމިއްޔާއިން މިއަދު ބުނެފިއެވެ.
ބޭރު ފައިސާއާ ބެހޭ ގަވާއިދުގެ ދަށުން ޑޮލަރު މާރުކުރަން މަޖުބޫރުކުރުމާއެކު ބައެއް ވިޔަފާރިވެރިން އެކަމުގެ ކަންބޮޑުވުންތައް ދަނީ ފާޅުކުރަމުންނެވެ. ނަމަވެސް އެކަން ބަދަލު ނުކުރާނެ ކަމަށާއި އެ ގަވާއިދު އޮންނާނީ އެގޮތަށް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވަނީ ވިދާޅުވެފައެވެ.
"ސަން" އާ ވާހަކަދައްކަވަމުން ވިޔަފާރިވެރިންގެ ޖަމިއްޔާގެ ނައިބު ރައީސް އިސްމާއިލް އާސިފް ވިދާޅުވީ، އެ ޖަމިއްޔާއިން ރައީސް މުއިއްޒުގެ ނިންމެވުމަށް 100 ޕަސެންޓް ތާއީދުކުރާ ކަމަށެވެ.
"ދެން އަޅުގަނޑުމެން ދެކޭ ގޮތުގައި ރައީސަކު ނިންމުންތައް ނިންމަވަންޖެހޭނީ މުޅި ގައުމަށް ބަލާފަ. ވަކިވަކި އިންޑަސްޓްރީއަކަށް ބަލާފައެއް ނޫން،" އާސިފް ވިދާޅުވިއެވެ.
އެހެންނަމަވެސް އާސިފް ވިދާޅުވީ މިވަގުތު އެ ގަވާއިދާ ގުޅިގެން އެ ޖަމިއްޔާގެ ވެސް ކަންބޮޑުވުންތަކެއް އެބަހުރި ކަމަށެވެ. ކަންބޮޑުވުންތަކުގެ ތަފްސީލު ހިއްސާނުކުރި ނަމަވެސް މަރުކަޒީ ބޭންކު، އެމްއެމްއޭއާއި ސަރުކާރުގެ އެހެނިހެން މުއައްސަސާތަކާ ހިއްސާކޮށް، އެ ކަންބޮޑުވުންތައް ހައްލުކުރުމުގެ މަސައްކަތް މިހާރުވެސް ކުރަމުންދާ ކަމަށް އާސިފް ވިދާޅުވިއެވެ.
"ވިސްނަންޖެހޭނެ އަޅުގަނޑުމެންގެ ގައުމު މިއޮތީ ކުރިން އޮތް ހާލަތެއްގައެއް ނޫން. ދަރަންޏެއްގަ މިއޮތީ. ޑޮލަރުގެ އިޝޫއަކީ އަޅުގަނޑުމެން ވަރަށް ކަންބޮޑުވާ މައްސަލައެއް. އަޅުގަނޑުމެންނަކީ 100 ޕަސެންޓު، ހުރިހާ އެއްޗެއް ކަހަލަ ގޮތަކަށް އިމްޕޯޓުކުރާ ބައެއް. އެހެންވީމަ ޑޮލަރަކީ ވަރަށް މުހިންމު އެއްޗެއް ވިޔަފާރިވެރިންނަށް،" އާސިފް ވިދާޅުވިއެވެ.
އާސިފް ވިދާޅުވީ ގިނައިން އުޅެނީ ޓްރޭޑް ކުރާ މީހުން ކަމަށާއި ޑޮލަރު އަގުބޮޑުުކުރުމާ އެކި ދުވަހު އެކި އަގުގައި ޑޮލަރު ލިބެން ހުރުމަކީ ވަރަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި ޑޮލަރު ބޭނުންކޮށްގެން ނޫނީ ބޭރުން އެއްޗެއް ނުގެނެވޭއިރު، އެ މައްސަލަ ދަރަނި ކުޑަކުރެވިގެން ނޫނީ ހައްލުނުކުރެވޭނެ ކަމަށް އާސިފް ވިދާޅުވިއެވެ.
ޑޮލަރު މާރުކުރުމުގެ ގަވާއިދުގައި ވާގޮތުން، ކެޓަގަރީ "އޭ"ގައި ހިމެނޭ ފަތުރުވެރިކަމުގެ ޚިދުމަތްދޭ ތަންތަނަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 އެމެރިކާ ޑޮލަރުގެ ރޭޓުން އެ މަހެއްގައި އައިސްފައިވާ ޖުމުލަ ފަތުރުވެރިންނަށް ޖެހޭ އަދަދު އެ މަހަށްފަހު ހިނގާ ތިންވަނަ މަހުގެ 28ވަނަ ދުވަހުގެ ކުރިން ބޭންކަށް މާރުކުރަން ވާނެއެވެ.
"އޭ" ކެޓަގަރީގައި ހިމެނެނީ ގްރީން ޓެކްސް ދައްކަންޖެހޭ ޓޫރިސްޓުން އަންނަ ތަންތަނުގެ ތެރޭގައި ހިމެނޭ ރާއްޖޭގައި ހިންގާ ޓޫރިސްޓު ރިސޯޓުތަކާއި އިންޓަގްރޭޓެޑް ޓޫރިސްޓު ރިޒޯޓުތަކާއި ރިޒޯޓު ހޮޓާތަކެވެ. ގެސްޓް ހައުސްތައް ފަދަ އަނެއް ކެޓަގަރީތަކުން މާރުކުރަން ޖެހެނީ އެ ތަނުން ހިދުމަތް ހޯދާ ޓޫރިސްޓެއްގެ ބޮލަކަށް 25 ޑޮލަރެވެ.
ރޭ ރައީސް ވިދާޅުވީ ފަތުރުވެރިކަމުގެ ދާއިރާއިން މިދިޔަ އަހަރު ޖުމްލަ އާމްދަނީގެ ގޮތުގައި 4.5 ބިލިއަން ޑޮލަރު ލިބިފައި ވާކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ބޭންކުތަކަށް މާރުކުރީ އޭގެ 1.5 ޕަސަންޓުކަން ރައީސް ފާހަގަކުރެއްވިއެވެ. އެކަމުގެ ނަތީޖާއެއްގެ ގޮތުން ސަރުކާރުގެ ކުންފުނިތަކަށް ވެސް ޑޮލަރު ހޯދަންޖެހެނީ ބްލެކް މާކެޓުން ކަމަށާއި އެ ކަމުގެ ސަބަބުން ރާއްޖޭގައި ޑޮލަރުގެ އަގު އުފުލިގެންދިއުމަށް މަގުފަހިވެގެންދާކަން ރައީސްގެ ވާހަކަފުޅުގައި ރޭ ފާހަގަކުރެއްވިއެވެ.