ދަގަނޑޭއަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާ، އޭނާ ނިއުގައި ހުރުމަކީ ނަސީބެއް: އޮސްކާ

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: 1-5ގެ ބޮޑު ތަފާތަކުން މޮޅުވެ ނިއު ރޭޑިއަންޓުން ވަނީ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އަލީ އަޝްފާގު (ދަގަނޑޭ)އަކީ ދެކުނު އޭޝިއާގައި ހުރި އެންމެ މޮޅު ކުޅުންތެރިޔާ ކަމަށާއި، އޭނާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގައި ހުރުމަކީ ލިބޭ ވަރަށް ބޮޑު ނަސީބެއް ކަމަށް ނިއުގެ ކޯޗު އޮސްކާ ބުރުޒޮން ބުނެފިއެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ބަންގްލަދޭޝްގެ ދާކާ އަބަހާނީއާއި ދެކޮޅަށް ނިއުއިން މިއަދު ކުޅުނު މެޗު ކާމިޔާބުކުރީ 5-1ގެ ނަތީޖާއަކުންނެވެ. އެ މޮޅާއެކު ނިއު ވަނީ ގްރޫޕް ސްޓޭޖް ފަހަނައަޅައި އަނެއް ބުރަށް ދިއުމަށް ފުރުސަތު ބޮޑުކޮށްފައެވެ.

"އިއްޔެވެސް ބުނިހެން މިއީ އުނދަގޫ މެޗެއް. 60 ވަރަކަށް މިނެޓް ނެގި މުޅި މެޗު އަނހަރެމެން ކޮޅަށް އެނބުރެން. ކުޅުންތެރިންގެ މަސައްކަތާ، ދެއްކި ކުޅުމާ، ހިތްވަރު ވަރަށް ބޮޑަށް ފާހަގަކުރަން،" މެޗަށްފަހު ވާހަކަ ދައްކަމުން ނިއުގެ ކޯޗު އޮސްކާ ބުންޏެވެ.

ނިއުގެ ކޯޗު އޮސްކާ ބުރުޒޮން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އޮސްކާ ބުނީ އަދި ގްރޫޕް ސްޓޭޖު ނުނިމޭ ކަމަށާއި، ދެން އޮތް "ފައިނަލަށް" ވަރަށް ރަނގަޅަށް ތައްޔާރުވާން ޖެހޭ ކަމަށެވެ.

"އަބަދުވެސް ދައްކަމުން މި އަންނަނީ އޭއެފްސީ ކަޕަކީ އަހަރެމެންގެ މުބާރާތަކަށް ހަދާށޭ މި މަސައްކަތް ކުރަނީ. އެކަމަކު ގްރޫޕް ސްޓޭޖުވެސް އަދި ނުނިމޭ. އެންމެނަށްވެސް އެނގޭ ބެންގަލޫރުން (އައިޒޯލާ ދެކޮޅަށް މިރޭ ކުޅޭ މެޗު) މެޗު ނަގާނެކަން. އެކަމަކު މިއަދުގެ މޮޅު ފާހަގަކޮށް، ދެން އޮތް ފައިނަލް މެޗަށް އަނެއްކާވެސް ނިއު ތައްޔާރުވާންވީ. ނަތީޖާއާ އެއްވަރަށް ކުޅުނު ކުޅުމަށް ފަހުރުވެރިވޭ،" އޮސްކާ ބުންޏެވެ.

ގްރޫޕް ސްޓޭޖުގައި ނިއު ކުޅޭ ފަހު މެޗުގައި އެޓީމު ނުކުންނަން ޖެހޭނީ އިންޑިއާގައި އައިޒޯލާ ދެކޮޅަށެވެ. އޮސްކާ ބުނީ ނިއުއިން އެންމެ ވަރުގަދައަށް ކުޅޭ ދުވަހެއްގައި، މެޗުގެ ވިސްނުން ގެއްލުވާނުލާ ހިނދަކު އެޓީމު ބަލިކުރުމަކީ އުނދަގޫވާނެ ކަމެއް ކަމަށެވެ.

މިއަދުގެ މެޗުގައި ނިއުގެ އަލީ ފާސިރު (ސެންޓޭ) ތިން ގޯލް ޖަހައި ހެޓްރިކް ހެދި އިރު، އަލީ އަޝްފާގު (ދަގަނޑޭ) ވަނީ މޮޅަށް ކުޅެ ދެ ގޯލް ޖަހައިފައެވެ.

"ބޭނުންވީ ދަގޭވެސް ހެޓްރިކް ހަދަން. އެކަމަކު އޭނާ ދެ ގޯލް ޖަހައި، ސެންޓޭ ހެޓްރިކް މިހެދީ. ގައުމީ ޓީމާ އެހެން ކަންކަމާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަށް މިއީ މެސެޖެއް. ކާކުކަން ތައްޔާރަށް ހުރީ، ކާކު ކަން ތައްޔާރު ނުވެ ހުރީ. ދަގޭ އަކީ ވަރަށް ވަރަށް މޮޅު ކުޅުންތެރިއެއް،" ދަގަނޑޭގެ ކުޅުމާ ގުޅިގެން ކޯޗު ބުންޏެވެ.

ކޯޗު ބުނީ ދަގަނޑޭ އެހުރީ މިހާރު ފޯމުގެ ޕީކުގައި ކަމަށާއި އޭނާއަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމަށެވެ.

"ކުރިން ދަގޭ ކުޅުނު ބައިވަރު މެޗުތައް އަހަރެން ބެލިން. އަހަރެން ބުނާނީ ދަގޭ އެހުރީ މިހާރު އޭނާގެ ޕީކުގައޭ. އަހަންނަކަށް ނޭނގެ ދެން ދައްކަން ޖެހޭ ވާހަކައެއް. ދައްކަންވީ ވީ ވާހަކައަކީ ދަގޭއަކީ ދެކުނު އޭޝިއާގެ އެންމެ މޮޅު ކުޅުންތެރިޔާ ކަމުގެ ވާހަކަ. އަހަރެން ޓީމުގައި އޭނާ ހުރުމަކީ ލިބޭ ނަސީބެއް،" އޮސްކާ ބުންޏެވެ.

އޭއެފްސީ ކަޕްގެ ގްރޫޕް ސްޓޭޖުގައި ރާއްޖޭގެ ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި ބަނގުލަދޭޝްގެ ދާކާ އަބަހާނީ ބައްދަލުކުރި މެޗުގެ ތެރެއިން: 1-5ގެ ބޮޑު ތަފާތަކުން މޮޅުވެ ނިއު ރޭޑިއަންޓުން ވަނީ ދެވަނަ ބުރުގެ ފުރުސަތު ބޮޑުކޮށްފައި -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ކޯޗު ބުނީ ދަގަނޑޭ އިތުރުން ކީޕަރު އިމްރާން މުހައްމަދު (އިންމަ)ގެ މަސައްކަތްވެސް ފާހަގަނުކޮށް ދޫކޮށް ނުލާނެ ކަމަށެވެ.

"އަޝްފާގުގެ ވާހަކަ ދައްކާ އިރު، އިމްރާންގެ ވާހަކަވެސް ބުނެލަން އަހަރެން ބޭނުން. އިމްރާން އެ ދައްކައިދިނީ ހުރިހާ ކީޕަރުންނަށްވެސް ކިހިނެއްކަން މޮޅު ކީޕަރަކަށް ވާނީ. ޓީމުގެ ފަރާތުން ބައެއް މިސްޓޭކްތައް ފެނުނު ނަމަވެސް، ޑިފެންސުން މިސްޓޭކް ހެދި ނަމަވެސް އިމްރާން ޓީމު ސަލާމަތް ކޮށްދިނީ. އިމްރާނު ނެތް ނަމަ ތަފާތު ނަތީޖާއެއްގެ ވާހަކަ ދައްކަން ޖެހޭނީ،" އޮސްކާ ބުންޏެވެ.

އޮސްކާ ވަނީ ޓީމުގެ ތިބި ތަޖުރިބާކާރު ކުޅުންތެރިންގެ ލީޑާޝިޕާއި ކުޅުން ވަރަށް ބޮޑަށް ފާހަގަކޮށްފައެވެ. އަދި އެއާއެކު މެޗުން މޮޅުވީ މުޅި ޓީމު އެކީ އެކައްޗަކަށް ކުރި މަސައްކަތުން ކަމަށްވެސް އޮސްކާ ބުންޏެވެ.

comment ކޮމެންޓް