އދ. އަތޮޅުގައި އޮންނަ އަމާޔާ ކުޑަ ރަށް މޯލްޑިވްސް ރިސޯޓުން އެ އަތޮޅު ދިގުރަށުގައި ދިރިއުޅޭ އޯޓިޒަމް ހުންނަ ކުދިންނަށް ރިސޯޓް މާހައުލު ތަޖުރިބާ ކޮށްލުމުގެ ފުރުސަތެއް ދީފިއެވެ.
އޭޕްރިލް ދެވަނަ ދުވަހު ދުނިޔޭގައި ފާހަގަކުރާ އޯޓިޒަމާމެދު މީހުން އަހުލުވެރިކުރުމުގެ ދުވަހާ ގުޅިގެން އެ ރިސޯޓުގެ ހިއުމަން ރިސޯސް ޓީމުގެ އިސްނެގުމަކަށް ބޭއްވި ހަރަކާތުގައި ހަރަކާތުގައި އދ. ދިގުރަށް ސްކޫލުގައި ކިޔަވަމުންދާ އޯޓިޒަމް ހުންނަ ހަތަރު ކުއްޖަކާއި އެކުދިންގެ ބެލެވެރިން ބައިވެރިވިއެވެ. މި ޕްރޮގްރާމުގައި ފެސިލިޓޭޓަރެއްގެ ގޮތުގައި ހަރަކާތްތެރިވީ އެ ރިސޯޓުގެ ކިޑްސް ކްލަބުގެ މެނޭޖަރު ނީވެސް ކަންޓަޕޭއެވެ.
އޭގެ އިތުރުން ދިގުރަށް ކައުންސިލުގެ ނައިބު ރައީސް މުހައްމަދު ޝިރުހާން އަދި ދިގުރަށް ސްކޫލުގެ ގައިޑެންސް ކައުންސެލާ ސާބިޔާ އަބްދުލް ރަޝީދު ބައިވެރިވެވަޑައިގަތެވެ.

ރިސޯޓް މާހައުލު ތަޖުރިބާ ކޮށްލުމަށް އަމާޔާ ކުޑަ ރަށް މޯލްޑިވްސް ރިސޯޓުން އދ. ދިގުރަށުގައި އުޅޭ އޯޓިޒަމް ކުދިންނަށް ދިން ފުރުސަތުގެ ތެރެއިން --- ފޮޓޯ/ އަމާޔާ ކުޑަ ރަށް މޯލްޑިވްސް
އަމާޔާ ކުޑަ ރަށް މޯލްޑިވްސްއިން ބުނީ، މިދިޔަ އާދީއްތަ ދުވަހު އެކުދިން ރިސޯޓަށް ގެންގޮސް އެ ރިސޯޓުގެ އެކި ޑިޕާޓްމަންޓުތަކުން ކުރާ މަސައްކަތްތައް ކުދިންނަށް ދައްކާލައިފާ ކަމަށެވެ.
އަދި ރިސޯޓުގައި ހުރި ވަސީލަތްތަކާއެކު ރިސޯޓް މާހައުލު އެކުދިން ތަޖުރިބާ ކުރި ކަމަށް އެ ރިސޯޓުން ބުނެއެވެ.
އަމާޔާ ކުޑަ ރަށުގެ ޖެނެރަލް މެނޭޖަރު މިޝޭލް އާމްސްޓުރޯންގު ވިދާޅުވީ، މިފަދަ ހަރަކާތެއް ހިންގުމަށް ވަކި ހާއްސަ މަހަކަށް މަޑުކުރަން ނުޖެހޭނެ ކަމަށާއި އެ ރިސޯޓުން ހިންގި ހަރަކާތަކީ ވެސް އެއްފަހަރު ބޭއްވުމަށްފަހު ނިންމާލާނެ ހަރަކާތެއް ނޫން ކަމަށެވެ.

ރިސޯޓް މާހައުލު ތަޖުރިބާ ކޮށްލުމަށް އަމާޔާ ކުޑަ ރަށް މޯލްޑިވްސް ރިސޯޓުން އދ. ދިގުރަށުގައި އުޅޭ އޯޓިޒަމް ކުދިންނަށް ދިން ފުރުސަތުގެ ތެރެއިން --- ފޮޓޯ/ އަމާޔާ ކުޑަ ރަށް މޯލްޑިވްސް
އަދި ވިދާޅުވީ، ރަށު މުޖުތަމައުތަކަށް އެހީވެ އެއްބާރުލުން ދިނުމުގައި އެ ރިސޯޓުން އަބަދުވެސް މަސައްކަތް ކުރާނެ ކަމަށެވެ.
އޯޓިޒަމް ކުދިންނަށް އަމާޔާ ކުޑަ ރަށް ރިސޯޓުން ފަހިކޮށްދިން ފުރުސަތު ނިންމާލުމުގެ ގޮތުން އެކުދިންނަށް ވަނީ ހަދިޔާއާ ސެޓްފިކެޓް ވެސް ދީފައެވެ.
މި ހަރަކާތް ހިންގުމުގައި މުހިންމު ދައުރެއް އަދާކުރި އަމާޔާ ކުޑަރަށުގެ މުވައްޒަފު އަހުމަދު ޝަރީފް ބުނީ، އެ ހަރަކާތް ހިންގުމަށް މަގުފަހިކޮށްދިނީތީ ރިސޯޓުގެ މެނޭޖްމެންޓުގެ އިތުރުން، ޑރ. އާއިޝަތު ރަފިއްޔާއާއި މޯލްޑިވްސް އެސޯސިއޭޝަން އޮފް ފިޒިކަލް ޑިސްއޭބަލްސް (އެމްއޭޕީޑީ)އަށް ޝުކުރު އަދާކުރާ ކަމަށެވެ.
ސީޕްލޭނުގައި ނުވަތަ ޑޮމެސްޓިކް ފުލައިޓެއްގައި 25 މިނެޓުން އަދި ސްޕީޑް ބޯޓެއްގައި ނަމަ ގާތްގަނޑަކަށް 10 މިނެޓާއި 20 މިނެޓުން ދެވޭ އަމާޔާ ކުޑަ ރަށް މޯލްޑިވްސް އަކީ ކޮންމެ ކޮޓަރިއެއްގައި ވެސް އަމިއްލަ ޕޫލެއް ހިމެނޭ ގޮތަށް 51 ވިލާ ހިމެނޭ ރިސޯޓެކެވެ.