ބިޕާޝާ އާއި ކަރަން އެކުގައި ފިލްމަކުން؟

ހިތްގައިމު ބޮލީވުޑް ޖޯޑު ބިޕާޝާ ބާސޫ އަދި ކަރަން ސިންގް ގްރޯވަރު އެކުގައި ފިލްމަކުން ފެނިގެންދާން އުޅޭ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ބިޕާޝާ ފިލްމަކުން ނުފެންނަތާ މިހާރު ތިން އަހަރު ވެއްޖެ އެވެ. ނަމަވެސް މީޑިއާ ރިޕޯޓުތައް ތެދު ކަމުގައިވާ ނަމަ، ބިޕާޝާގެ ސަޕޯޓަރުންނަށް މިއީ އުފާވެރި ޚަބަރަކަށް ވާނެ އެވެ.

ކައިވެންޏަށް ފަހު ފިލްމީ ދާއިރާ އިން ބްރޭކެއް ނެގި ބިޕާޝާ މިހާރު މިވަނީ ބޮޑު ސްކްރީނަށް އެނބުރި އައުމަށް ތައްޔާރުވެފަ އެވެ.

ޚަބަރުތައް ބުނާ ގޮތުން، އެ ފިލްމުގައި ބިޕާޝާ ފެނިގެން ދާނީ ލީޑު ރޯލުންނެވެ. އަދި ފިލްމުގައި ކަރަން ވެސް ފެނިގެން ދާނެ ކަމަށް ރިޕޯޓުތައް ބުނެ އެވެ.

ފިލްމާ ބެހޭ މާ ގިނަ މައުލޫމާތުތަކެއް ހާމަކޮށްފައި ނުވި ނަމަވެސް، އަންނަ ހަފްތާގައި ފިލްމުގެ ޝޫޓިން ފަށާނެ ކަމަށްވެ އެވެ. ފިލްމުގެ ބޮޑު ބައެއް ޝޫޓު ކުރަން ހަމަޖެހިފައި ވަނީ ލަންޑަން ގަ އެވެ.

ބިޕާޝާ އާއި ކަރަން ވަނީ 2015 ވަނަ އަހަރު ރިލީޒް ކުރި ފިލްމު "އެލޯން" ގައި އެކުގައި ފެނިގެން ގޮސްފަ އެވެ.

ދެމީހުން ކައިވެނި ކުރީ 2016 ވަނަ އަހަރުގެ އޭޕްރީލްގަ އެވެ. އަދި ކައިވެންޏަށް ދެ އަހަރު ފުރުން ފާހަގަ ކުރުމަށް ދެމީހުން މިހާރު ތިބި ގޯއާ ގަ އެވެ.

comment ކޮމެންޓް