އާއިލީ ލޯތްބާއި ސަޤާފީ އާދަކާދަތައް ދައްކުވައިދޭ ފިލްމުތައް އުފެއްދުމުގައި މަޝްހޫރު ޑައިރެކްޓަރު ސޫރަޖް ބަރްޖާތިޔާގެ އެންމެ ފަހުގެ ފިލްމު 'ޔޭ ޕްރޭމް މޯލް ލިޔާ'އިން އުއްމީދުކުރި ކަހަލަ ޖަޒުބާތީ ވާހަކައެއް ގެނެސްދެވިފައިނުވާ ކަމަށް ފިލްމު ބެލި ގިނަ ބަޔަކު ބުނެފިއެވެ.
މަޤުބޫލު ފިލްމީ ތަރިން ކަމަށްވާ އަޔޫޝްމާން ކުރާނާ އާއި ޝަރްވާރީ ވާގް މުހިންމު ރޯލުތަކުން ފެނިގެންދާ މި ފިލްމުގައި ސޫރަޖް ވަނީ އޭނާގެ ކުރީގެ ފިލްމުތަކާ ޚިލާފަށް، ކައިވެންޏާއި އާއިލީ ދިރިއުޅުމުގެ ޒަމާންވީ އުސޫލުތަކާ މެދު ސުވާލު އުފައްދާފައި ކަމަށް ގިނަ ބަޔަކު ވަނީ އެއްބަސްވެފައެވެ. ހަމައެއާއެކު ޒަމާނީ ވިސްނުމެއް ގެނައުމަށް ކުރި މި މަސައްކަތުގައި ބެލުންތެރިންގެ ހިތްތަކާ ކުޅެލާ ފަދަ ޖަޒުބާތީ އަސަރެއް އުފެއްދުމުގައި ފިލްމު ވަނީ ނާކާމިޔާބުވެފައި ކަމަށްވެސް ބެލުންތެރިން އަންނަނީ ބުނަމުންނެވެ.
ކުރީގެ ފިލްމުތަކުގައި ފިރިހެނުންގެ ބާރުވެރިކަމާއި އަންހެނުންގެ ކިޔަމަންތެރިކަން ދެއްކި ނަމަވެސް، ސޫރަޖްގެ މި އާ ފިލްމުގައި އަންހެން ކުދިންނަކީ ބުނާ ކޮންމެ ބަހަކަށް ހިމޭނުން ބޯލަނބައިގެން ތިބޭ ބައެއް ނޫނެވެ. އޭގެ ބަދަލުގައި، އަމިއްލަ ޚިޔާލު ފާޅުކޮށް، ގޮތް ނިންމުމުގެ މިނިވަންކަން އަންހެނުންނަށް އޮވެއެވެ. މިއީ ޑައިރެކްޓަރުގެ ވިސްނުމަށް އައި ހެޔޮ ބަދަލެއް ނަމަވެސް، އޭނާގެ ޒަމާނީ ޚިޔާލުތައް އަދިވެސް ބިނާވެފައިވަނީ ހަމަ އެ ބޯދާ އާއިލީ އޮނިގަނޑުގެ ތެރޭގައި ކަމަށް ފިލްމު ރިވިއުކުރި ބެލުންތެރިންގެ ތެރެއިން އެއްބަޔަކު އިއްތިފާގުވެއެވެ.
މި ފިލްމުގައި އަޔޫޝްމާން ކުރާނާ އަދާކުރަނީ ބަރްޖާތިޔާގެ ފިލްމުތަކުގެ ރަމްޒެއް ކަމަށްވާ 'ޕްރޭމް' ގެ ރޯލެވެ.
ފިލްމު ޑައިރެކްޓަރު ސޫރަޖް ބަރްޖާތިޔާ އަދި ފިލްމީ ތަރިން ކަމަށްވާ އަޔޫޝްމަން އާއި ޝަރުވަރީ--ފޮޓޯ/މިޑްޑޭގާތްގަނޑަކަށް ދެ ގަޑިއިރާއި ބައިގެ މި ދިގު ފިލްމު ކުރިއަށްދާ ވަރަކަށް ބެލުންތެރިން ފޫހިކޮށް ވާހަކައިގެ މައިގަނޑު މައްސަލަ ހައްލުނުވެ އޮއްވައި، އާ ކަންތައްތަކެއް ތައާރަފުކުރަމުން ދިއުމުގެ ސަބަބުން ފިލްމުގެ ނިމުމާ ހަމައަށް ދާއިރު އޭގެ އަސަރު ކެނޑިގެންދާ ކަމަށް އެއްބަޔަކު ވަނީ ބުނެފައެވެ. އަޔޫޝްމާން އާއި ޝަރްވާރީގެ ޖޯޑު ސްކްރީނުން ފެންނަލެއް ހިތްގައިމުވެފައި، ދެ ތަރިންގެ އެކްޓިން ރަނގަޅު ނަމަވެސް، އެ ދެމަފިރިންގެ ދިރިއުޅުމަށް ދިމާވާ ދަތިތައް ބެލުންތެރިންނަށް އިހުސާސްކޮށްދިނުމުގައި ސްކްރީންޕްލޭ ބަލިކަށިވެފައިވާ ކަމަށް ބެލުންތެރިން ބުނެފައިވެއެވެ.
މީގެ އިތުރުން، އަނޫޕަމް ޚޭރް، ސުޕްރިޔާ ޕާތަކް، އަދި ސީމާ ޕާހްވާ ފަދަ ކުޅަދާނަ ތަރިން ފިލްމުގައި ހިމެނުނު ނަމަވެސް، އެ ތަރިންގެ ހުނަރު ދައްކާލާނެ އެކަށީގެންވާ ފުރުސަތެއް ފިލްމު ނުދޭ ކަމަށާއި ސޫރަޖްގެ ކުރީގެ ފިލްމުތަކުގެ އެންމެ ބޮޑު އެއް ބާރު ކަމަށްވާ މިއުޒިކް ވެސް މި ފިލްމުގައި ބޭނުންކޮށްފައިވަނީ ވަރަށް އާދައިގެ ގޮތަކަށް ކަމަށް ބެލުންތެރިން ވަނީ ބުނެފައެވެ.
ޖުމްލަކޮށް ބަލާއިރު، 'ޔޭ ޕްރޭމް މޯލް ލިޔާ' އަކީ ހެޔޮ ނިޔަތެއްގައި، ޒަމާނީ މެސެޖެއް ދިނުމަށް އުފައްދާފައިވާ ފިލްމެއް ނަމަވެސް، މާ ގިނަ ކަންތައްތަކެއް އެއްފަހަރާ ގެނެސްދޭން އުޅުމުގެ ސަބަބުން އޮޅުންބޮޅުންވެފައިވާ، އަދި ސޫރަޖްގެ ފިލްމުތަކުން އާންމުކޮށް ފެންނަ ފުން ޖަޒުބާތީ އަސަރު ގެއްލިފައިވާ ފިލްމެއްގެ ގޮތުގައި ގިނަބަޔަކު ވަނީ ސިފަކޮށްފައެވެ.
އިއްޔެ ސިނަމާތަކުގައި ދައްކަންފެށި މި ފިލްމަށް ފެށުމެއްގެ ގޮތުން ބޮކްސް އޮފީހުގައި ލިބިފައިވަނީ އެންމެ ހަތަރު ކްރޯޑު ރުޕީސްގެ އާމްދަނީއެކެވެ.