މިދިޔަ އަހަރު އެސްޓީއޯއަށް 211 މިލިއަން ރުފިޔާގެ ފައިދާއެއް

އެސްޓީއޯގެ 2016ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން -- ސަން ފޮޓޯ/ ފަޔާޒު މޫސާ

ސަރުކާރާ ރައްޔިތުން ހިއްސާވާ ކުންފުނި ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ)އަށް މިދިޔަ އަހަރު 211 މިލިއަން ރުފިޔާގެ ފައިދާއެއް ލިބިއްޖެއެވެ.

އެސްޓީއޯއިން މިއަދު އާންމުކުރި އެ ކުންފުނީގެ މިދިޔަ އަހަރުގެ މާލީ ތަފާސް ހިސާބުތައް ދައްކާގޮތުން ޓެކުހަށް ކެނޑުމަށްފަހު އެސްޓީއޯގެ މިދިޔަ އަހަރުގެ ސާފު ފައިދާއަށް 211 މިލިއަން ރުފިޔާ ލިބުނު ނަމަވެސް މިއީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 26 އިންސައްތައިގެ ދަށްވުމެކެވެ.

މި ތަފާސް ހިސާބުތަކަށް ބަލާއިރު ހުސްވި އަހަރު އެ ކުންފުންޏަށް ވަނީ އާމްދަނީގެ ގޮތުގައި 7.5 ބިލިއަން ރުފިޔާ ލިބިފައެވެ. މި އާމްދަނީ އަކީ 2016 ވަނަ އަހަރާ އަޅާ ބަލާއިރު 1.1 ބިލިއަން ރުފިޔާގެ އިތުރުވުމެއް (18 ޕަސެންޓް ގެ އިތުރުވުމެއް) ކަމަށް އެސްޓީއޯއިން ބުނެއެވެ.

އެސްޓީއޯއަށް މިދިޔަ އަހަރު ލިބުނު އަމްދަނީ އޭގެ ކުރީ އަހަރާ އަޅާ ބަލާއިރު އިތުރުވެފައިވަނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ދިއުމާއި އެސްޓީއޯއިން ވިއްކި ތެލުގެ އަގަށް ބަދަލުގެނައުމާއި، ތެޔޮ ވިއްކި ޢަދަދު އިތުރުވެފައިވުމާއި، އަދި އެހެނިިހެން ވިޔަފާރިތަކުން ލިބުނު އާމްދަނީވެސް އިތުރުވެފައިވާތީ ކަމަށް އެސްޓީއޯ އިން ބުނެއެވެ.

މިދިޔަ އަހަރު އެސްޓީއޯއިން ވިއްކި ތެލުގެ ޢަދަދު އޭގެ ކުރީ އަހަރާ އަޅާބަލާއިރު 2.9 އިންސައްތަ އިތުރުވެފައިވާކަމަށް އެކުންފުނިން ބުނެއެވެ. އަދި 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރުން ފެށިގެން އަހަރު ނިމުމާއި ހަމައަށް، ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 25 އިންސައްތަ އުފުލުނު ކަމަށާއި މަވެސް މިމުއްދަތުގެ ތެރޭގައި އެސްޓީއޯއިން ވިއްކާ ތެލުގެ ބާވަތްތަކުގެ އަގު ބޮޑުކޮށްފައިވާނީ 12 އިންސައްތަ ކަމަށްވެސް އެކުންފުނިން ބުންޏެވެ.

ކުންފުންޏަށް ލިބުނު އާމްދަނީ އިތުރުވެފައިވީ ނަމަވެސް، ކުންފުންޏަށް ލިބުނު ޖުމްލަ ފައިދާ ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު 37 މިލިއަން ރުފިޔާ ދަށްވެފައެވެ. މިއީ 3.8 އިންސައްތައިގެ ދަށްވުމެކެވެ. ތެލުގެ ވިޔަފާރިން ލިބުނު ޖުމްލަ ފައިދާ އޭގެ ކުރީއަހަރާއި އަޅާބަލާއިރު 76 މިލިއަން ރުފިޔާ ދަށްވެފައިވީނަމަވެސް، ތެޔޮ ނޫން އެހެނިހެން ވިޔަފާރިތަކުން އެސްޓީއޯއަށް ލިބުނު ޖުމްލަ ފައިދާ ވަނީ 39 މިލިއަން ރުފިޔާ އިތުރުވެފައެވެ.

ޕްރޮވިޝަން އަދި ޑިޕްރިސިއޭޝަން ނުހިމަނާ، އެސްޓީއޯގެ ހިންގުމުގެ ޚަރަދު، 2017 ވަނަ އަހަރު ވަނީ އޭގެ ކުރީ އަހަރާއި އަޅާބަލާއިރު ހުރީ ގާތްގަނޑަކަށް އެއްވަރެއްގައި ހިފެހެއްޓިފައެެވެ. ނަމަވެސް މިޚަރަދުތައް ހިމަނައިގެން ހިންގުމުގެ ޚަރަދުތައް ވަނީ 25 މިލިއަން އިތުރުވަފެއެވެ. މިއީ 2016 ވަނަ އަހަރާ އަޅާބަލާއިރު ތިން ޕަސެންޓުގެ އިތުރުވުމެކެވެ. ޕްރޮވިޝަން އިތުރުވުމުގެ މައިގަނޑު ސަބަބަކީ 2017 ވަނަ އަަހަރު، އޭގެ ކުރީ އަހަރާ އަޅާބަލާއިރު ރިސީވަބަލް އިމްޕެއާމަންޓް، 27 މިލިއަން ރުފިޔާ އިތުރުވުންކަމަށް އެސްޓީއޯ އިން ބުންޏެވެ.

މިއަހަރު އެސްޓީއޯއަށް ލިބިފައިވާ ފައިދާއިން ޙިއްޞާއަކަށް 55 ރުފިޔާ ބެހުމަށް، އަހަރީ ޢާންމު ޖަލްސާއަށް ހުށަހެޅުމަށް، އެސްޓީއޯގެ ޑިރެކްޓަރުންގެ ބޯޑުންވަނީ ނިންމަވާފައެވެ. މިއީ މިދިޔަ އަހަަރު ބެހި ފައިދާ އަށްވުރެ އިތުރު އަދަދެކެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ބާޒާރުގައި ތަކެތީގެ އަގުތައް އެއް މިންގަނޑެއްގައި ހިފަހައްޓައި، ޙިއްޞާދާރުންނަށް އެކަށީގެންވާ ފައިދާއެއް ހޯދައިދިނުން ކަމަށެވެ.

comment ކޮމެންޓް