ހޮޓެލިއާ ސަމިޓާ އެކު ޓްރެވަލް ޓްރޭޑް މޯލްޑިވްސް ފެއާ ބަނޑޮހުގައި ފަށައިފި

ޓީޓީއެމް ހޮޓެލިއާ ސަމިޓްގެ ތެރެއިން -- ފޮޓޯ/ މޯލްޑިވްސް ގެޓްއަވޭސް

ރާއްޖޭގެ މާކެޓިން އަދި ޕީއާރް ކުންފުނި މޯލްޑިވްސް ގެޓްއަވޭސް އިން ބާއްވާ ބައިނަލްއަގްވާމީ ޓްރޭޑް ފެއާ "ޓްރެވަލް ޓްރޭޑް މޯލްޑިވްސް" މިއަދު ފަށައިފި އެވެ.

ޓްރެވެލް ޓްރޭޑް މޯލްޑިވްސް ފެށީ އެ ފެއާގެ ފުރަތަމަ ހަރަކާތްކަމުގައިވާ ހޮޓެލިއާ ސަމިޓް އާ އެކުގަ އެވެ. އެ ސަމިޓް ބާއްވަމުން ދަނީ ބަޑޮސް އައިލޭންޑް ރިސޯޓްގަ އެވެ. ސަމިޓް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދެވެ.

ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި އިކޮނޮމިކް މިނިސްޓަރު ސައީދު ވިދާޅުވީ ރާއްޖޭގައި ޓުއަރިޒަމްގެ ދާއިރާގެ އިތުރު އީޖާދުތައް ތައާރަފް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން ދުނިޔޭގެ ފުރަތަމަ ކަނޑު އަޑީގެ ކޮޓަރިއެއް ރާއްޖޭގެ ރިސޯޓެއްގައި އަޅާ ވާހަކަ އަށް ނިސްބަތް ކުރައްވަމުން މިނިސްޓަރު ވިދާޅުވީ މިފަދަ އާ ކަންތައްތައް ރާއްޖެއަށް އަންނަމުން ދަނީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާ އަށް އޮތް އިތުބާރު ބޮޑުވަމުން އަންނާތީ ކަމަށެވެ.

ޓީޓީއެމް ހޮޓެލިއާ ސަމިޓްގެ ތެރެއިން -- ފޮޓޯ/ މޯލްޑިވްސް ގެޓްއަވޭސް

ހޮޓެލިއާ ސަމިޓް ފެށުމުގެ ރަސްމިއްޔާތުގައި މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓުއަރިޒަމް އިންޑަސްޓްރީ (މަޓީ)ގެ ސެކްރެޓަރީ ޖެނެރަލް އަދި ކްރައުން ކޮމްޕެނީގެ ޑިރެކްޓަރު އަހްމަދު ނަޒީރު (ކްރައުން ނަޒީރު) ވިދާޅުވީ ރާއްޖޭގެ ފަތުރުުވެރިކަމުގެ ދާއިރާގެ މުސްތަގްބަލް ވަރަށް އުޖާލާ ކަމަށެވެ. އަދި އިންޑަސްޓްރީގެ ސްޓޭކްހޯލްޑަރުންނާ މަޝްވަރާކޮށްގެން ހައްލު ހޯދައިދޭނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ހޮޓެލިއާ ސަމިޓް މިއަދު މެންދުރާ ހަމައަށް ކުރިއަށްދާއިރު ތަފާތު މައުލޫމާތުތަކަށް ޕްރެޒެންޓޭޝަން އާއި ޕެނަލް ޑިސްކަޝަންތައް ކުރިއަށް ދާނެ އެވެ. އެގޮތުން ޗައިނާ ފަތުރުވެރިން ރާއްޖޭގައި ފަތުރުވެރިންގެ ސަލާމަތާ ރައްކާތެރިކަން، ސަރުކާރުން ގެންގުޅޭ ޓުއަރިޒަމް ސިޔާސަތުތައް، އެއާޕޯޓާއި ވައިގެ ދަތުރުފަތުރު، ޑެސްޓިނޭޝަން މާކެޓިން އަދި ހޮޓެލް ރެވެނިއު އާއި ހޮޓެލް އޮޓޯމެއޮން ފަދަ މައުލޫމާތުތައް ހިމެނެ އެވެ.

ހޮޓެލިއާ ސަމިޓްގައި ސަރުކާރުގެ ކުންފުނިތަކުގެ އިސްވެރިންނާއި އޮފިޝަލުންގެ އިތުރުން ޓުއަރިޒަމް ދާއިރާގެ އިސްވެރިންނާއި ރިސޯޓްތަކުގެ ޖެނެރަލް މެނޭޖަރުން ދަނީ ބައިވެރިވަމުންނެވެ.

މިއަދު ބަޑޮސްގައި ބާއްވާ ސަމިޓް އަށް ފަހު މާދަމާ އިން ފެށިގެން މާލޭގައި ޓީޓީއެމް ފެއާގެ އެހެނިހެން ކޮމްޕޯނަންޓްތައް ކުރިއަށްދާނެ އެވެ. އެގޮތުން ވިޔަފާރިވެރިންނާ ހޮޓަލިއަރުންގެ ބައްދަލުވުންތަކާއި މޯލްޑިވްސް ސަޕްލަޔާ އެކްސްޕޯ އާއި ޓީޓީއެމް ގާލާ އޮންނާނެ އެވެ.

comment ކޮމެންޓް