ރޯދަމަހުގެ ފުރަތަމަ ދުވަހަކީ މޭ 16 ނަމަ، 17 ވާ ބުރާސްފަތި ބަންދުވާނެ

ހަވީރުގެ ވަގުތު އުސްފަސްގަނޑުގައި ބަޔަކު މަޑި އަރުވަނީ: ރޯދަ މަހު މަޑި އެރުވުމަށް ގިނަ ބަޔަކު މާލޭގެ ހުސްބިންތަކަށް ޖަމާވޭ --- ސަން ފައިލް ފޮޓޯ/ މުހަންމަދު އަފްރާހް

ރަމަޟާން މަހުގެ ފުރަތަމަ ދުވަހަކީ އަންނަ މޭ މަހުގެ 16 ވަނަ ދުވަސްނަމަ، އެދުވަހާ ޖެހިގެން އަންނަ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް ހަމަޖައްސައިފިއެވެ.

ކަލަންޑަރުގައި ވާ ގޮތަށް މިއަހަރުގެ ރަމަޟާން މަހު ފެށޭނީ މޭ މަހުގެ 16 ވަނަ ދުވަހުއެވެ. އެ ދުވަސް ވާނީ ބުދަ ދުވަހަކަށެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒު އަލީ މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ކަލަންޑަރުގައި ވާ ގޮތަށް ރަމަޟާން މަހުގެ ފުރަތަމަ ދުވަސް މޭ މަހުގެ 16 ވަނަ ދުވަހަށް ވެއްޖެނަމަ، 17 މޭ ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވާފައިވާ ކަމަށެވެ.

ރައީސްގެ އެގޮތަށް ހަމަޖެއްސެވުމުން، މޭ 16 އަދި 17 ގެ އިތުރުން ހަފްތާ ބަންދު ދެ ދުވަހާއެކު، ސަރުކާރު މުވައްޒަފުންނަށް ޖުމްލަ ހަތަރު ދުވަސް ބަންދުގެ ގޮތުގައި ލިބޭނެއެވެ.

އޭގެ އިތުރުން ރަމަޟާން މަހުގެ ސަރުކާރު އޮފީސްތަކުގެ ރަސްމީ ގަޑިވެސް ރައީސް ވަނީ މިއަދު ކަނޑައަޅުއްވައިފައެވެ.

މުއާޒު ކުރެއްވި އިތުރު ޓްވީޓެއްގައި ވިދާޅުވެފައިވަނީ، ރަމަޟާން މަހާއި ޝައްވާލު މަހުގެ ފުރަތަމަ ހަތް ދުވަހު ސަރުކާރު އޮފީސްތަކުގެ މަސައްކަތު ގަޑިއަކީ ހެނދުނު 10:00 އިން މެންދުރުފަހު 2:00 ކަމުގައި ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފި ކަމަށެވެ.

އެހެންކަމުން، ސަރުކާރު މުވައްޒަފުން ރޯދަ މަހު މަސައްކަތްކުރަން ޖެހޭނީ އެންމެ ހަތަރު ގަޑިއިރެވެ.

comment ކޮމެންޓް