އެމްޓީސީސީ އިން މާލެ އާއި ހުޅުމާލެއާ ދެމެދު ދަތުރުތައް ބޭއްވުމަށް ބޭނުންކުރާ ޕްރީމިއަމް ލިންކް ފެރީ ފްލީޓަށް ތިން ފެރީ އިތުރުކޮށް، ދަތުރުތައް ވެސް އިތުރުކޮށްފި އެވެ.
އެމްޓީސީސީގެ ޕްރީމިއަމް ލިންކު ފެރީއަކީ އެއާކޮންޑިޝަން ކޮށްފައި ހުންނަ، އަދި އިށީނދެ ތިބުމަށް ފަސޭހަ ބޯޓުތަކެކެވެ.
މީގެ ކުރިން ކޮންމެ 30 މިނިޓަކުން އެއްފަހަރު ބާއްވާ ޕްރީމިއަމް ލިންކު ފެރީ، އޭޕްރިލް 20 ވަނަ ދުވަހުން ފެށިގެން ވަނީ ކޮންމެ 20 މިނިޓަކުން އެއްފަހަރު ބާއްވަން ފަށައިފަ އެވެ.
ބުރާސްފަތި ދުވަހުގެ ރޭ ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި އެކުންފުނީގެ ސީއީއޯ ވިދާޅުވީ، ޕްރީމިއަމް ލިންކުގެ ފްލީޓު މި އަހަރު ތެރޭގައި ބޮޑުކޮށްފައި ވާނެ ކަމަށެވެ.
"މިއަހަރު ތެރޭގައި ތިން ޕްރީމިއަމް ފެރީ ގެނެސް އޮޕަރޭޝަން މި ފެށުނީ،" ޒިޔަތު ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ޕްރީމިއަމް ފެރީގެ އަގު، އާދައިގެ ފެރީއަށް ވުރެ ބޮޑުވި ނަމަވެސް ގިނަ ފަސިންޖަރުން ޚިޔާރުކުރަނީ ޕްރީމިއަމް ފެރީ އެވެ.
"ޕްރީމިއަން ފެރީ ސާވިސް ދަތުރުތައް 30 މިނިޓުން 20 މިނިޓަށް ބަދަލުކުރާ ސަބަބަކީ، މިހާރު ސްޓެޓިސްޓިކްސް ދައްކާ ގޮތުގައި ގިނަ ބޭފުޅުން ޕްރިފާކުރަނީ ޕްރީމިއަމް ފެރީ. އެހެންވީމާ އެއަށް އިންވެސްޓްކޮށްގެން ފްރީކުއެންސީ އިތުރުކުރެވޭތޯ މި ބަލަނީ،،"
"މިއީ ލިބުނު ވަރަށް ބޮޑު ކުރިއެރުމެއް،" އަހަރީ އާންމު ޖަލްސާގައި ސީއީއޯ އިބްރާހިމް ޒިޔަތު ވިދާޅުވި އެވެ.
ޓްރާންސްޕޯޓުގެ ދާއިރާއަކީ އެމްޓީސީސީއަށް އެންމެ މާލީ ގެއްލުން ލިބޭ ވިޔަފާރި އެވެ. ސަބަބަކީ ޓިކެޓުގެ އަގު ކޮންޓްރޯލުކޮށްފައި އޮތުމުގެ އިތުރުން ތެލުގެ އަގުވެސް ހިމެނޭގޮތަށް ހިންގުމުގެ ހަރަދު ބޮޑުވުމެވެ.
އެހެން ނަމަވެސް އެމްޓީސީސީން ދަނީ ޓްރާންސްޕޯޓުގެ ދާއިރާ އިން މާލީ ފައިދާ ހޯދުމުގެ އަމާޒުގައި، ޕްރީމިއަމް ޚިދުމަތްތައް ފުޅާކުރުމަށް ވަނީ ރާވާފަ އެވެ. އެގޮތުން މިއަހަރުގެ ތެރޭގައި ދަތުރުފަތުރުގެ ނިޒާމު އޮޓޮމޭޓުކޮށް، ސްމާޓް ކާޑު ތައާރަފުކުރުމުގެ އިތުރުން ޕްރީމިއަމް ފެރީގެ ޚިދުމަތާއި ބްރިޖު ހުޅުވުމާ އެކު މާލެއާ ހުޅުމާލެއާ ދެމެދު ޕްރައިވެޓް ހަޔާ ޚިދުމަތް ފެށުމަށް ރާވާފައިވާ ކަމަށް އެމްޓީސީސީގެ އަހަރީ ރިޕޯޓުގައިވެ އެވެ.
މި އަހަރުގެ ތެރޭގައި ޑަބަލް ޑެކާ ފެރީތައް ހަދައި، ޕްރީމިއަމް ލިންކު ފެރީގެ ފްރީކުއެންސީ އިތުރުކޮށްގެން، ހުޅުމާލެ ފެރީގެ ޚިދުމަތް ފޯރުކޮށްދިނުމުގެ ހަރަދު 15 ޕަސަންޓު ކުޑަކުރަން އަމާޒުކުރާ ކަމަށް އެމްޓީސީސީން ބުންޏެވެ.