އެފްއޭއެމް ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތުގެ ގްރޫޕް ދޭއްގައި އިއްޔެ ކުޅުނު މެޗު މަހިބަދޫ ސްޕޯޓްސްއިން ކާމިޔާބުކޮށްފިއެވެ.
އިއްޔެގެ މެޗަށް ނުކުތް އިރު ދެޓީމަށްވެސް އޮތީ ސެމީގެ ފުރުސަތު ގެއްލިފައެވެ. އެ ގްރޫޕުން ސެމީއަށް ދަތުރުކޮށްފައިވާ ދެ ޓީމަކީ ޖޭޖޭ ސްޕޯޓްސް ކްލަބާއި ދަ ގްރޭންޑް އަމީގޯސް ނިއު ޖެނެރޭޝަން (ދަ ގޭންގް)އެވެ. އެ ދެ ޓީމުގެ ތެރެއިން އެއްވަނަ ޓީމު އެނގޭނީ މިއަދު އޮންނަ ގްރޫޕް ސްޓޭޖުގެ ފަހު މެޗުންނެވެ.
އިއްޔެ ކުޅުނު މެޗު މަހިބަދޫން ކާމިޔާބުކުރީ 6-3ގެ ނަތީޖާއަކުން ޒެފްރޯލް ބަލިކޮށްގެންނެވެ.
މެޗުގެ ފުރަތަމަ ދެ ގޯލް ޖެހީ ޒެފްރޯލުންނެވެ. ޒެފްރޯލަށް އެ ދެ ގޯލްވެސް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ހެނާންޑޭޒް އަވީލާހޯސޭއެވެ.
ދެ ގޯލްގެ ލީޑަކާއެކު ޒެފްރޯލުން ހާފް ނިންމާލަން ދިޔަ ނަމަވެސް، ހާފްގެ ފަހުކޮޅުގައި މަހިބަދޫން ވަނީ ފުލުފުލުގައި ދެ ގޯލް ޖަހައި ނަތީޖާ ހަމަހަމަކޮށްފައެވެ. އަދި ހާފް ނިމެން މިނެޓަކަށް ވެފައި ވަނިކޮށް އެޓީމުން ލީޑުވެސް ނެގިއެވެ. މަހިބަދޫގެ އާދަމް ޝާހިރު ދެ ގޯލް ޖެހި އިރު، އަނެއް ގޯލް ކާމިޔާބުކުރީ އާދަމް ފަހުމާނެވެ.
މެޗުގެ 71 ވަނަ މިނެޓުގައި ހެނާންޑޭޒްގެ ތިންވަނަ ގޯލާއެކު ޒެފްރޯލުން އަނެއްކާވެސް ނަތީޖާ ހަމަހަމަކުރިއެވެ.
އެހެން ނަމަވެސް މެޗު ނިމެން ދަނިކޮށް މަހިބަދޫން ވަނީ ފުލުފުލުގައި ތިން ގޯލް ޖަހައިފައެވެ. މަހިބަދޫގެ ގޯލްތައް ޖަހައިދިނީ ޝުއައިބް ސައީދާއި މުހައްމަދު ޖުނައިދު އަދި އެ ޓީމުގެ ތިންވަނަ ގޯލްވެސް ޖެހި ފަހުމާނެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖުގައި ކުޅުނު ތިން މެޗުންވެސް ޒެފްރޯލް ބަލިވެފައިވާ އިރު، މަހިބަދޫއަށް މޮޅުވެވުނީ އިއްޔެގެ މެޗުން އެކަންޏެވެ.
މިއަހަރުގެ ދެވަނަ ޑިވިޝަން ފުޓުބޯޅަ މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް އެކެއްގައި ހިމެނެނީ ކުޑަހެންވޭރު ޔުނައިޓެޑާއި ބީޖީގެ އިތުރުން ދިވެހި ސިފައިންގެ ކްލަބާއި ކްލަބް ޕީކޭއެވެ.
ދެވަނަ ގްރޫޕްގައި ހިމެނެނީ ޖޭޖޭ ސްޕޯޓްސް ކްލަބާއި މަހިބަދޫ ސްޕޯޓްސް ކްލަބުގެ އިތުރުން ދަ ގޭންގް އަދި ޒެފްރޯލެވެ.
ގްރޫޕް އެކެއްގެ އެއްވަނަ ޓީމުގެ ގޮތުގައި ދިވެހި ސިފައިންގެ ކްލަބު ސެމީއަށް ދަތުރުކޮށްފައިވާ އިރު، އެ ގްރޫޕުން ދެވަނަ ޓީމަކަށް ސެމީއަށް ދިޔައީ ޕީކޭއެވެ.
ދެވަނަ ޑިވިޝަންގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗު މާދަމާ އޮންނާނެއެވެ. އެ މެޗުގައި ޖޭޖޭ ނުކުންނާނީ ދަ ގޭންގާ ދެކޮޅަށެވެ.