ރާއްޖޭގައި އެންމެ ގިނަ އަންހެނުން ސަޕޯޓްކުރަނީ ޕީޕީއެމްއަށް: ރިޔާޒު

ޕީޕީއެމުން ބޭއްވި ޖަލްސާއެއްގައި ރިޔާޒު ރަޝީދު ވާހަކަފުޅު ދައްކަވަނީ -- ސަންފައިލް ފޮޓޯ

ރާއްޖޭގައި އެކި އުމުރުގެ އަންހެނުން ހިމެނޭ ގޮތަށް އެންމެ ގިނަ އަންހެނުން ސަޕޯޓްކުރަނީ ޕީޕީއެމްއަށް ކަމަށް މަޖިލީހުގެ ވިލިފުށީ ދާއިރާގެ މެމްބަރު ރިޔާޒު ރަޝީދު ވިދާޅުވެއްޖެ އެވެ.

"މަމެން ރައީސް ޔާމީނާއެކު" ގެ ނަމުގައި ތ. ވޭމަންޑޫގައި މިރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރިޔާޒު ވިދާޅުވީ މެޑަމް ފާތިމަތު އިބްރާހިމް ސިޔާސީ މައިދާނުގައި ރައީސް ޔާމީނާ އެއްސަފެއްގައި މަސައްކަތް ކުރައްވަމުން ގެންދިޔުމަކީ ސަރުކާރުން އަންހެނުންނަށް ބަހައްޓަވާ ގާތްކަން ސާފުކޮށް ފެންނަ ކަމެއް ކަމަށެެވެ.

"މިޖަލްސާއިންވެސް ވަރަށް ބައިވަރު އަންހެން ކަނބަލުން އެބަ ފެނިގެންދޭ. މިއަދު އަޅުގަނޑު ދަންނަވާނީ މިރާއްޖޭގައި ތިބި ހުރިހާ އުމުރުއްގެ އެންމެ ގިނަ އަންހެނުން ސަޕޯޓް ކުރަނީ ޕީޕީއެމް އަށޭ،" ރިޔާޒު ރަޝީދު ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ 30 އަހަރު ދުވަހުން ރާއްޖެއަށް ނުގެނެވުނު ތަރައްގީއެއް ވޭތުވެދިޔަ ހަތަރު އަހަރު ތެރޭގައި ރައީސް ޔާމީން ގެނެސްދެއްވައިފި ކަމަށެވެ. އަދި އިގްތިސާދަށް މީގެ ކުރިން އައިސްފައި ނުވާ ވަރުގެ ކުރިއެރުމެއް ރައީސް ޔާމީން ގެނެސްދެއްވި ކަމީ ފެންނަން އޮތް ހަގީގަތް ކަމަށް ރިޔާޒު ވިދާޅުވި އެވެ.

މުސްތަގުބަލެއް އޮތީ ޕީޕީއެމްއާ އެކު، ރައީސް ޔާމީނާއެކު ކަމަށް ވެސް ރިޔާޒު ވިދާޅުވި އެވެ.

"އަޅުގަނޑު ދަންނަވާނީ ތިބޭފުޅުން ތަރައްގީ ބޭނުންވާ ކަމަށް ވާނަމަ ތަރައްގީއަށް އެދޭ ނަމަ މިސަރުކާރާ އެކުގައި ތިބޭފުޅުން ތިއްބަވާށޭ،" ރިޔާޒު ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޓުއަރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވީ ވޭތުވެ ދިޔަ ހަތަރު އަހަރަކީ ރާއްޖޭގެ ތާރީޚުގައި ސިޔާސީ ގޮތުން އެންމެ އުނދަގޫ ދުވަސްވަރު ކަމަށެވެ. އެތަށް ފަހަރަކު ބަޣާވާތް ކުރަން އުޅުނު ކަމަށާއި ރައީސް ޔާމީން އަވަހާރަކޮށްލަން ވެސް އުޅުނު ކަމަށް ޒަމީރު ވިދާޅުވި އެވެ.

އެހުރިހާ ކަމަކުން އަރައިގަންނަން ރައީސް ޔާމީން މަސައްކަތް ކުރެއްވީ ސާބިތު ކަމާއެކު ކަމަށް ޒަމީރު ވިދާޅުވި އެވެ. ޒަމީރު ވިދާޅުވީ މި އަހަރު ބާއްވާ ރިޔާސީ އިންތިޚާބު ވެސް ފަސޭހަކަމާ އެކު ރައީސް ޔާމީން ކާމިޔާބު ކުރައްވާނެ ކަމަށެވެ.

comment ކޮމެންޓް