ގްރޫޕްގެ ދެވަނަ ޓީމުގެ ގޮތުގައި ޕީކޭ ސެމީއަށް

ޕީކޭއާއި ބީޖީ އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

އެފްއޭއެމް ދެވަނަ ޑިވިޝަންގެ ގްރޫޕް އެކެއްގެ ދެވަނަ ޓީމުގެ ގޮތުގައި ކްލަބު ޕީކޭ ސެމީއަށް ދަތުރުކޮށްފިއެވެ.

މާފަންނު އެއް ނަންބަރު ޓާފްގައި އިއްޔެ ކުޅުނު މެޗުގައި ޕީކޭއިން ބީޖީ ބަލިކުރީ 5-1ގެ ނަތީޖާއަކުންނެވެ.

އިއްޔެގެ މެޗަކީ ގްރޫޕް އެކެއްގެ ފަހު މެޗެވެ. ގްރޫޕް އެކެއްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދިވެހި ސިފައިންގެ ކްލަބު ސެމީއަށް ދަތުރުކުރީ ތިން މެޗުން ހަ ޕޮއިންޓާ އެކުގައެވެ.

ގްރޫޕް އެކެއްގެ ދެވަނަ ޕީކޭއަށް ލިބެނީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓާއެކުގައެވެ. ތިން ވަނައިގައި ކުޑަ ހެންވޭރު އޮތީ ކުޅުނު ތިން މެޗުން ތިން ޕޮއިންޓާއެކުގައެވެ. ތާވަލުގެ ފުލުގައި ބީޖީ އޮތީ މެޗަކުން މޮޅުނުވެވިއެވެ.

އިއްޔެ ކުޅުނު މެޗުގައި ޕީކޭގެ ގޯލްތައް ކާމިޔާބުކޮށްދިނީ ބޯޑު ޕްރިންސް، ހުސައިން ފަޔާޒް، ހުސައިން އަފްޒަލްގެ އިތުރުން ޝިފާޒް އާދިލް އަދި އިބްރާހީމް މައިޝަންއެވެ.

ޕީކޭއާއި ބީޖީ އިއްޔެ ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

މެޗުގައި ބީޖީން ޖެހި ހަމައެކަނި ގޯލް، އެޓީމަށް ކާމިޔާބުކޮށްދިނީ އަހުމަދު ވަހީދެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަންގައި އަށް ޓީމު ވާދަކުރާ އިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ.

ގްރޫޕް ދޭއްގައި ހިިމެނޭ ޖޭޖޭ ސްޕޯޓްސް ކްލަބާއި ދަ ގޭންގްވެސް ސެމީ ޔަގީން ކޮށްފައިވާ އިރު، އެ ގްރޫޕްގެ އެއްވަނަ ޓީމު ޔަގީން ވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުންނެވެ.

ދެވަނަ ޑިވިޝަންގެ މެޗެއް މިއަދުވެސް އޮންނާނެއެވެ. މިއަދު އޮންނަ މެޗުގައި ވާދަކުރާނީ ކްލަބު ޒެފްރޯލާއި މަހިބަދޫ ސްޕޯޓްސްއެވެ.

comment ކޮމެންޓް