އެންމެ ފަސް އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް އެއްވެސް ރައީސަކަށް ފުރިހަމަކޮށެއް ނުދެވޭނެ ކަމަށް ރައްޔިތުން މަޖިލީހުގެ ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފް ވިދާޅުވެއްޖެއެވެ.
"އަހުންވެސް ރައީސް ޔާމީނާއެކު"ގެ ނަމުގައި ޕީޕީއެމުން ހއ. އިހަވަންދޫގައި ބޭއްވި ޖަލްސާގައި އަލީ އާރިފް ވިދާޅުވީ، ވެރިކަމަށް ވަޑައިގަންނަވަން ރައީސް ޔާމީން މެނިފެސްޓޯގެ ޒަރިއްޔާއިން ވާހަކަތަކެއް ގެންނަވާފައި ހުއްޓާލެއްވީ ނޫން ކަމަށެވެ.
އޭގެ ބަދަލުގައި، އުމްރާނީ ގޮތުންނާއި އިޖްތިމާއީ އަދި އިގްތިސާދީ ގޮތުން ވެސް ރާއްޖޭގެ ތާރީހު ނުދެކޭވަރުގެ ހަލުވިމިނެއްގައި އިންތިހާއަށް ގިނަ ކަންތައްތަކެއް ރައީސް ޔާމީން ގެންނަވައިފި ކަމަށް އޭނާ ވިދާޅުވިއެވެ.
އަދި ވިދާޅުވީ، އެންމެ ފަސް އަހަރު ދުވަހަކީ ރާއްޖޭގެ އިތުރުން ދުނިޔޭގެ އެއްވެސް ގައުމެއްގެ ރައްޔިތުން ބޭނުންވާ ހުރިހާ ކަމެއް ރައީސަކަށް ކޮށްދެވޭނެ މުއްދަތެއް ނޫންކަމަށެވެ.
"އެންމެ ފަސް އަހަރު ދުވަހުގެ ތެރޭގައި ހުރިހާ ކަމެއް، ދިވެހި ރައްޔިތުން ކީއްކުރަންތޯ ދުނިޔޭގެ އެއްވެސް ބަޔަކު ބޭނުންވާ ހުރިހާ ކަމެއް އެރަށެއްގައި ހުންނަވާ ރައީސަކަށް ނުކޮށްދެވޭނެ ބީދައިން، އަޅުގަނޑުމެންނަކީ މާބޮޑު އާމްދަނީއެއް ލިބޭ ގައުމެއް ނޫން މިއީ. އެހެންނަމަވެސް ލިބޭ އެއްޗަކުން ފުއްދަމުން، ފުދެމުން، ނުފުދެމުންދާ ހާލަތުގައިވެސް ރައްޔިތުންނަށް ބޭނުންވާ ލައްކަ ގިނަ ކަންތައްތައް ކޮށްދެއްވައިފި،" އަލީ އާރިފް ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ދިވެހިންނަކީ ކިޔަމަންތެރި، ޝުކުރުވެރިވާން ދަންނަ ބައެއް ނަމަވެސް ޒާތެއްގެ ޑިމޮކްރަސީއަކާ ހެދި ދިވެހިން އެކަކު އަނެކަކާ ބީރައްޓެހި ކޮށްފި ކަމަށެވެ. އަދި އެ މަޅީގައި ދިވެހީން ނުޖެހުމަށް އަލީ އާރިފް ގޮވާލެއްވިއެވެ.
ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައްޔިތުން މަޖިލީހުގެ ބާރަށު ދާއިރާގެ ޕީޕީއެމް މެމްބަރު އިބްރާހިމް ސުޖާއު ވިދާޅުވީ، ރައީސް ޔާމީނާއެކު ކުރަނީ އާދައިގެ ކުޑަ މަސައްކަތެއް ނޫން ކަމަށާއި މި ކުރަނީ މާތްވެގެންވާ އިސްލާމްދީން ހިމާޔަތް ކުރުމުގެ މަސައްކަތް ކަމަށެވެ.
ނަމަވެސް އެކަމަށް ބައިވަރު ގޮންޖެހުންތައް ކުރިމަތިވާ ކަމަށް ސުޖާއު ވިދާޅުވިއެވެ. އަދި ވިދާޅުވީ، ރާއްޖެ ސަލާމަތުގެ އައްސޭރިއަށް ގެންދިއުމުގެ ބުރަ ޒިންމާ އަދާކޮށްފައި އޮންނާނީ ހއ. އަތޮޅުން ކަމަށާއި އެހެންކަމުން ރާއްޖޭގެ ގައުމިއްޔަތާއި ދީން ހިމާޔަތްކުރުމަށް ރައީސް ޔާމީނާއެކު ބައިވެރިވާންޖެހޭ ކަމަށެވެ.
މާތް ވެގެންވާ އިސްލާމްދީން ހިމާޔަތް ކުރެވެން އޮތީ ސުޖާއު ވިދާޅުވި ގޮތުގައި، ރައީސް ޔާމީން ދެ ވަނަ ދައުރަކަށް އިންތިހާބު ކޮށްގެންނެވެ.
ޖަލްސާގައި ހޯރަފުށީ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއިލް ވިދާޅުވީ، މާޒީގައި ސަރުކާރުތަކެއް އައިސް ގޮސްފި ކަމަށެވެ. ނަމަވެސް މިހާރު ދަރިންނަށް އުއްމީދު ކުރަން ދަސްވެ، އުއްމީދަކީ ކޮބައިކަން ވިސްނިއްޖެ ކަމަށާއި މި ސަރުކާރުގެ ހަތަރު އަހަރާ ދުވަސްކޮޅުގެ ތެރޭގައި ކުރި އުއްމީދު ހާސިލްވެގެން ގޮސްފި ކަމަށެވެ.
"ހަގީގަތުގައި ރައީސް ޔާމީނަށް އަދި އެއްދައުރު ދޭން މަޖުބޫރުކަން އަޅުގަނޑުމެންގެ މި މާޒީގެ ހަތަރު އަހަރުގެ ތެރޭގައި ހިނގައިދިޔަ ކަންތައްތަކުން ރައްޔިތުންނަށް ގަބޫލުކުރަންޖެހޭނެ. 2018ގައި ލިބެމުން އަންނަ ފުރުސަތު ރައްޔިތުން ފުރިހަމަ ގޮތުގައި ނުކޮށްފިނަމަ ރައްޔިތުން އެކަމާ ހިތާމަ ކުރަންޖެހޭނެ،" މުހައްމަދު އިސްމާއިލް ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ، ހއ. އިން ފެށިގެން ނ. އަތޮޅާ ހަމައަށް ހިމެނޭ ހަތަރު އަތޮޅަށް ރައީސް ޔާމީން ކޮށްދެއްވާފައިވާ މަސައްކަތުގެ އަގުވަޒަންކޮށް، ރާއްޖޭގެ އަތޮޅުތަކަކުން އެންމެ ގިނަ ވޯޓް ދެވޭނެ އަތޮޅުތަކަކަށް އެ ހަތަރު އަތޮޅު ވާންޖެހޭ ކަމަށެވެ.