އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރުންނަށް ނަސްރަތުއާއި މަންސޫރު

އެމްޓީސީސީގެ ބޯޑުގައި 2018 ވަނަ އަހަރު އާންމު ހިއްސާދާރުން ތަމްސީލުކުރަން އިންތިޚާބުކުރި ޑިރެކްޓަރު މަންސޫރު ޒުބައިރު (މ)---ސަން ފޮޓޯ/ މުހައްމަދު އަފްރާހްއެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ ގެ ތެރެއިން---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

އެމްޓީސީސީގެ ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ދެ ޑިރެކްޓަރުންގެ ގޮތުގައި ނަސްރަތު މުހައްމަދާއި މަންސޫރު ޒުބައިރު، ހިއްސާދާރުންގެ އަޣުލަބިއްޔަތުން ހޮވައިފިއެވެ.

ރޭ ހޮޓެލް ޖެންގައި ބޭއްވި އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާ 2017ގައި އާންމު ހިއްސާދާރުންގެ ތެރެއިން ޑިރެކްޓަރު ކަމަށް އެ ދެބޭފުޅުން ހޮވާފައިވަނީ ޖަލްސާގައި ބައިވެރިވި 501 ހިއްސާދާރުންގެ އަޣުލަބިއްޔަތުންނެވެ.

އާންމު ހިއްސާދާރުން ތަމްސީލުކުރާނެ ޑިރެކްޓަރު ކަމަށް ނަސްރަތު މުހައްމަދު ހޮވާފައިވަނީ ބައިވެރިވި 467 ހިއްސާދާރުންގެ ވޯޓުންނެވެ. އަދި މަންސޫރު ޒުބައިރު ހޮވާފައިވަނީ ޖަލްސާގައި ބައިވެރިވި 410 ހިއްސާދާރުންގެ ވޯޓުންނެވެ. ދެބޭފުޅުންނަކީވެސް 2017 ވަނަ އަހަރުގައި ބޯޑުގައި އާންމު ހިއްސާދާރުން ތަމްސީލުކުރައްވަން ތިއްބެވި ދެ ޑިރެކްޓަރެކެވެ.

އެމްޓީސީސީގެ ބޯޑުގައި 2018 ވަނަ އަހަރު އާންމު ހިއްސާދާރުން ތަމްސީލުކުރަން އިންތިޚާބުކުރި ޑިރެކްޓަރު ނަސްރަތު މުހައްމަދު---ސަން ފޮޓޯ/ މުހައްމަދު އަފްރާހް

މީގެ ކުރިން އެމްޓީސީސީގެ ބޯޑުގެ ޑިރެކްޓަރުންގެ އަދަދަކީ 10އެވެ. ދިހަ މެމްބަރުންގެ ބޯޑުގައި، އާންމު ހިއްސާދާރުން ތަމްސީލުކުރާ ޑިރެކްޓަރުންގެ އަދަދަކީ ހަތަރެކެވެ.

އެހެން ނަމަވެސް މިދިޔަ އަހަރު އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގައި، ބޯޑު ޑިރެކްޓަރުންގެ އަދަދު ވަނީ 10އިން ހަތަކަށް މަދުކޮށްފައެވެ. މީގެ އިތުރުން މިދިޔަ އަހަރު އެމްޓީސީސީގެ ހިއްސާގެ ރައިޓްސް އިޝޫ ކުރުމުގެ ސަބަބުން ކުންފުނީގެ ޝެއާ ސްޓްރަކްޗަރަށް ބަދަލު އައުމާ ގުޅިގެން، އެކުންފުނީގައި އާންމު ހިއްސާދާރުން ތަމްސީލުކުރާނީ ދެ ޑިރެކްޓަރުންނެވެ. ސަރުކާރު ތަމްސީލުކުރާނީ ފަސް ޑިރެކްޓަރުންނެވެ.

އެމްޓީސީސީގެ މިހާރުގެ ޝެއާ ސްޓްރަކްޗަރަށް ބަލާއިރު، ކުންފުނީގެ 64.20 ޕަސަންޓު ހިއްސާ އޮންނަނީ ދިވެހި ސަރުކާރުގެއެވެ. އަދި ކުންފުނީގެ 4.65 ޕަސަންޓު ހިއްސާ އޮންނަނީ ސަރުކާރުގެ ކުންފުނި، މޯލްޑިވްސް ނޭޝަނަލް ޝިޕިންގް ލިމިޓެޑަށެވެ.

އާންމު ހިއްސާދާރުން ކޮންޓްރޯލުކުރަނީ ކުންފުނީގެ 31.15 ޕަސަންޓު ހިއްސާއެވެ.

ރޭގެ ޖަލްސާގައި ވަނީ މި އަހަރު އެ ކުންފުނި އޮޑިޓް ކުރުމުގެ މަސައްކަތް ކުރާނެ ފަރާތެއްވެސް ހިއްސާދާރުންގެ އަޣުލަބިއްޔަތުން ހަމަޖައްސައިފައެވެ. އެގޮތުން އެ ކުންފުނީގެ އޮޑިޓްފާމެއްގެ ގޮތުގައި ހަމަޖައްސާފައިވަނި މިދިޔަ އަހަރުވެސް އެ ކުންފުނި އޮޑިޓްކޮށްފައިވާ ކޭޕީއެމްޖީއެވެ. ކޭޕީއެމްޖީއަށް އެ ކުންފުނި އޮޑިޓް ކުރުމަށް ހަވާލުކުރަން ނިންމާފައިވަނީ 381600 ރުފިޔާ އަށެވެ.

comment ކޮމެންޓް