Sun Online
މިރޭ ބޭއްވި އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި އެކުންފުނީގެ ހިއްސާދާރު އިބްރާހިމް މުއްތަލިބު ވަހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ
މިރޭ ބޭއްވި އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާގައި އެކުންފުނީގެ ހިއްސާދާރު އިބްރާހިމް މުއްތަލިބު ވަހަކަ ދައްކަވަނީ -- ސަން ފޮޓޯ/ ފަޔާޒު މޫސާ

އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ޑިރެކްޓަރުން ހޮވަން ސަރުކާރަށް ވޯޓުލެވޭގޮތް ހަދައިފި

މާހިލް މުހައްމަދު
ލިޔުނީމާހިލް މުހައްމަދު

އެމްޓީސީސީގެ އާންމު ހިއްސާދާރުން ތަމްސީލުކުރުމަށް ޑިރެކްޓަރުންގެ ބޯޑަށް އިންތިޚާބުކުރާ ދެ ޑިރެކްޓަރުން ހޮވުމުގައި ދިވެހި ސަރުކާރަށް ވެސް ވޯޓުލެވޭ ގޮތަށް އެކުންފުނީގެ ހިންގާ ގަވައިދަށް މިރޭ އިސްލާހު ގެނެސްފިއެވެ.

މިރޭ ބޭއްވި އެމްޓީސީސީގެ ޚާއްސަގޮތުން ކުރާ އާންމު ޖަލްސާއަށް ހާޒިރުވި ގިނަ އަދަދެއްގެ އާންމު ހިއްސާދާރުން މިރޭ ވަނީ އެ އިސްލާހާ ގުޅިގެން ނުރުހުން ފާޅުކޮށްފައެވެ.

ހުށަހެޅި އިސްލާހުތަކުގެ ތެރޭގައި، ހިންގާ ގަވައިދުގެ 72 ވަނަ މާއްދާ އުނިކުރުމަށް އޮތެވެ. އެ މާއްދާގައި ބުނެފައިވަނީ، "އާންމު ހިއްސާދާރުންގެ ތެރެއިން އިންތިހާބުކުރާ ޑިރެކްޓަރުން ހޮވާނީ ހަމައެކަނި އާންމު ހިއްސާދާރުން ހިމެނޭގޮތަށް ނެގޭ ވޯޓުގެ ނަތީޖާ ދައްކާ ގޮތަކަށެވެ،" މިހެންނެވެ.

މި މާއްދާ އުނިކުރުމަށާއި، ބައެއް އެހެން އިސްލާހުތަކާ އެކުގައި ހުށަހެޅި ގަރާރު މިރޭ ފާސްވެގެން ދިއުމާ އެކު، އެމްޓީސީސީގެ އާންމު ހިއްސާދާރުންގެ ތަމްސީލުކުރުމަށް އިންތިޚާބުކުރާ ޑިރެކްޓަރުންނަށް ސަރުކާރަށް ވެސް ވޯޓުލެވޭނެއެވެ. ދިވެހި ސަރުކާރުގެ 47.8 ޕަސަންޓު، އަދި ސަރުކާރުގެ ކުންފުންޏެއް ކަމުގައިވާ މޯލްޑިވްސް ނޭޝަނަލް ޝިޕިންގް ލިމިޓެޑުގެ 7.5 ޕަސަންޓު ހިއްސާ އެމްޓީސީސީގައި އޮވެއެވެ.

އެމްޓީސީސީގެ ހިއްސާދާރުންގެ އާންމު ޖަލްސާތަކުގައި ވޯޓު ލާން އޮންނަނީ އަތް އުފުލައިގެން، ކޮންމެ މީހަކީ އެއް ވޯޓު ގޮތަށެވެ. އެހެން ނަމަވެސް ކުންފުނީގެ 10 ޕަސަންޓު ހިއްސާ ތަމްސީލުކުރާ ފަރާތަކުން ހުށަހަޅައިފިނަމަ، ހިއްސާގެ އަދަދުން ނުވަތަ ޕޯލް އުސޫލުން ވޯޓު ލެވޭނެއެވެ. އެގޮތަށް ބަލާނަމަ، ދިވެހި ސަރުކާރުގެ ހިއްސާ ތަމްސީލުކުރައްވާ އެންމެ ބޭފުޅަކަށް ދެލައްކައަށް ވުރެ ގިނަ ވޯޓު އެއްފަހަރާ ލެވޭނެއެވެ.

ހިންގާ ގަވައިދުގެ 72 ވަނަ މާއްދާ އުނިކުރުމާ ގުޅިގެން ހިއްސާދާރުން ކަންބޮޑުވުން ފާޅުކޮށް، ބުނެފައިވަނީ މިއީ މެޖޯރިޓީ ހިއްސާގެ ބޭނުން ނާޖާއިޒު ގޮތުގައި ބޭނުންކޮށް، މެޖޯރިޓީ ހިއްސާދާރުގެ ހައިސިއްޔަތުން ދިވެހި ސަރުކާރުން އާންމު ހިއްސާދާރުންގެ ހައްގަށް އަރައިގަތުން ކަމަށެވެ.

"ސަރުކާރުން އަތުލައިގަތީ ކުންފުނީގެ 44.7 ޕަސަންޓު ހިއްސާދާރުންގެ ރައިޓްސް. ސަރުކާރުން ހަ ޑިރެކްޓަރުންނާއި މެނޭޖިންގް ޑިރެކްޓަރާއި ޗެއާމަން އައްޔަނުކުރަނީ. ސަރުކާރުގެ ކޮންޓްރޯލުގައި ހުރިހާ ކަމެއް އޮންނަ އިރު، އަޅުގަނޑުމެންނަށް ދެ ޑިރެކްޓަރުން އައްޔަނުކުރުމުގެ ރައިޓްސް ތިޔަ ނެންގެވީ،" ޕޯލް އުސޫލުން ސަރުކާރުގެ އެމްޓީސީސީގެ ހިއްސާދާރު، އަދި ރައްޔިތުންގެ މަޖިލީހުގެ ފަރެސްމާތޮޑާ ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް މުއްތަލިބު ޖަލްސާގައި ވިދާޅުވިއެވެ.

އެމްޓީސީސީގެ ޚާއްސަގޮތުން ބާއްވާ އާންމު ޖަލްސާގައި އެކުންފުނީގެ ޗެއާމަން އަހްމަދު ނިޔާޒް ވާހަކަދައްކަވަނީ --- ސަން ފޮޓޯ/ ފަޔާޒު މޫސާ

ޖަލްސާގެ ރިޔާސަތުގައި ހުންނެވި ކުންފުނީގެ ޗެއާމަން އަހްމަދު ނިޔާޒު މިކަމާ ގުޅޭގޮތުން ވިދާޅުވީ ކޮންމެ ހިއްސާދާރަކަށްވެސް ވޯޓުލުމުގެ ހައްގު އޮންނާނެ ކަމަށެވެ. އަދި ފާސްވެގެން ދިޔަ އިސްލާހުގެ ދަށުން އެ ހައްގު ލިބޭނެ ކަމަށާއި، ވަކި ހިއްސާދާރަކަށް ވޯޓު ލުމާއި ނުލުމުގެ ފުރުސަތު ތަފާތުވެގެން ނުދާނެ ކަމަށެވެ.

ރައްދުގައި މުއްތަލިބު ވިދާޅުވީ، ސަރުކާރުން އައްޔަނުކުރާ ޑިރެކްޓަރުންނާ މެދު އާންމުންވެސް ވޯޓުލެވޭ ގޮތަށް އެކަން ކޮށްފިނަމަ އާންމު ހިއްސާދާރުން ތިބޭނީ ހިތްހަމަޖެހިގެން ކަމަށެވެ،

އެކަމާ ގުޅޭގޮތުން މުއްތަލިބު އިތުރަށް ސާފުކޮށްދިނުމަށް މަސައްކަތް ކުރެއްވުމުގެ މަސައްކަތް ކުރަނިކޮށް، ކުންފުނީގެ ޗެއާމަން ނިޔާޒު މިރޭގެ ޖަލްސާ ނިންމައިލެއްވީއެވެ.

އެމްޓީސީސީގެ ހިއްސާގެ މޫނުމަތީ އަގު ދަށްކޮށް، ރައިޓްސް އިޝޫކުރުމަށް އަސާސީ ގަވައިދަށް ހުށަހަޅާ އިސްލާހަކާއި، ޑިރެކްޓަރުންގެ އަދަދު 10 އިން ހަތަކަށް ދަށްކުރުމަށް ހިންގާ ގަވައިދަށް ހުށަހެޅި އިސްލާހުތައް، ސީއެމްޑީއޭގެ ލަފާގެ މަތިން މިރޭގެ ވޯޓުން އިސްތިސްނާ ކޮށްފައިވެއެވެ.

infinity loading...
×
DB released 01.