ދުބާއީގައި ކުރިއަށްދާ އޭޓީއެމް ފެއާގައި މަޓާޓޯގެ ޓްރެވަލް އެޖެންޓް ގައިޑް ނެރެފި

ދުބާއީގައި ކުރައަށްދާ އޭޓީއެމް ފެއާގައި މަޓާޓޯގެ ޓްރެވަލް އެޖެންޓް ގައިޑް ނެރުން -- ފޮޓޯ/މަޓާޓޯ

ދިވެހި ޓްރެވަލް އެޖެންޓުން ޕްރޮމޯޓް ކުރަން ހާއްސަ ފުރުސަތު ތަކާއެކު، މޯލްޑިވްސް އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓްސް އެންޑް ޓްއާ އޮޕަރޭޓާސް (މަޓާޓޯ)ގެ "ޓްރެވަލް އެޖެންޓް ގައިޑް" ނެރެފި އެވެ.

މަޓާޓޮއިން އެ ގައިޑް ނެރެފައި ވަނީ، ޔޫއޭއީގެ ދުބާއީގައި މި މަހުގެ 22 ވަނަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް ކުރިއަށް ގެންދާ، ފަތުރުވެރިކަމުގެ އެންމެ ބޮޑު ފެއާ، އެރެބިއަން ޓްރެވަލް މާކެޓު (އޭޓީއެމް)ގައެވެ.

އޭޓީއެމްގައި "ޓްރެވަލް އެޖެންޓް ގައިޑް" ނެރެ ދެއްވީ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު އެވެ.

މަޓާޓޯއިން ބުނީ މަޓާޓޯއިން ނެރުނު އެ ގައިޑަކީ، ޓްރެވަލް އޭޖެންޓުނަަށް ހާއްސަކޮށްގެން ނެރުނު ފުރަތަމަ ގައިޑް ކަމަށެވެ. އަދި އޭގެ އެހީގައި ދިވެހި ޓުއާ އޮޕަރޭޓަރުންނާއި ޓްރެވަލް އެޖެންޓުންނަށް ގިނަ ފުރުސަތު ތަކެއް ލިބިގެންދާނެ ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

ބޭރުގެ ގިނަ ފެއާތަކެއްގައި ބަހާ ގޮތަށް ނެރެފައިވާ އެ ގައިޑް އަހަރަކު އެއްފަހަރު ނެރެން ހަމަޖެހިފައިވާ ކަމަށް މަޓާޓޯއިން ބުންޏެވެ. އަދި އެގައިޑުގައި އިޝްތިހާރު ކުރަން ދިވެހިންނަށް ހިލޭ ފުރުސަތު ލިބޭނެ ކަމަށްވެސް މަޓާޓޯއިން ބުންޏެވެ.

މަޓާޓޯއަކީ ރާއްޖޭގެ ފަތުރުވެރިކަން ބޭރުގެ މާކެޓް ތަކުގައި ކުރިއެރުވުމަށް ގިނަގުނަ މަސައްކަތް ތަކެއް ކުރަމުން، ގިނަ ފެއާ ތަކެއްގައި ބައިވެރިވަމުން އަންނަ ޖަމިއްޔާއެކެވެ. އަދި ރާއްޖޭގެ ފަތުރުވެރިކަމަށް ހާއްސަކޮށް މަޓާޓޯ ޓްރެވަލް އެވޯޑުގެ ނަމުގައި ކޮންމެ އަހަރަކުވެސް އެ ޖަމިއްޔާއިން އަންނަނީ އެވޯޑު ދެމުންނެވެ.

comment ކޮމެންޓް