ހައްޔަރުކުރި ކުރީގެ ފުލުހުން ގޭބަންދަށް ބަދަލުކޮށްފި

ސަރުކާރު ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހުން ----

ކުއްލިނުރައްކަލުގެ ހާލަތުގެ ދަށުން ހައްޔަރުކޮށް، ބަންދުގައި ބައިތިއްބާފައި ތިބި ކުރީގެ ފުލުހުންގެ ޝަރީއަތް ނިމެންދެން ގޭބަންދަށް ބަދަލުކޮށްފިއެވެ.

ވެރިކަން ވައްޓާލަން އުޅުނުކަމުގެ ތުހުމަތުގައި ހައްޔަރުކުރި ފުލުހުން މިހާރު ވަނީ ވަޒީފާއިން ވަކިކޮށްފައެވެ. އެ ފަރާތްތައް ގޭބަންދަށް ބަދަލުކޮށްފައިވަނީ އިއްޔެ ކުރިއަށް ގެންދިޔަ ކްރިމިނަލް ކޯޓުގެ ޝަރީއަތުގައެވެ.

ގޭބަންދަށް ބަދަލުކުރީ ސުވޮޓްގެ ކުރީގެ ކޮމާންޑަރު ސައިފް ހުސެއިނާއި ސްޓޭޝަން އިންސްޕެކްޓަރު ފާއިޒް މުހައްމަދާއި ސާޖަންޓް އަހުމަދު އާސިމާއި ސާޖަންޓް އަލީ ރިޝްވާނާއި ސާޖަންޓް އަބްދުﷲ ރިޔާޒާއި ކޯޕްރަލް އަލީ ނަސީރާއި ކޯޕްރަލު ހަސަން ނަސީރާއި ކޯޕްރަލު މުހައްމަދު ޝާމިން އެވެ.

ކުރީގެ އަށް ފުލުހުން ގޭބަންދަށް ބަދަލުކޮށްފައި ވަނީ 30 ދުވަހުގެ މުއްދަތަށެވެ. އަދި 30 ދުވަސް ހަމަވުމުން މުއްދަތު އިތުރުކުރުމަށް ކޯޓަށް ހާޒިރުކުރަން ޖެހެއެވެ.

ވެރިކަން ވައްޓާލަން އުޅުމުގެ އިތުރުން އިތުރު ބަޔަކާއި ބައިވެރިވެގެން، ގާނޫނީ ގޮތުން އުފެދިފައިވާ ސަރުކާރު ގާނޫނާ ހިލާފަށް ބަދަލުކުރަން މަސައްކަތްކޮށް، ސަލާމަތީ ބާރުތަކާ ދެކޮޅަށް ނުކުމެ ޣައިރު ޤާނޫނީ އެއްވުންތަކެއްގެ ތެރެއިން، އަމަން ބަލަހައްޓަން ތިބި ފުލުހުންނާ މެދު މާރާމާރީ ހިންގައި ސަލާމަތީބާރުތަކާ މެދު ރައްޔިތުންގެ އިތުބާރު ގެއްލުވާލަން މަސައްކަތް ކުރި ކަމުގެ ތުހުމަތު ވެސް އެ ފުލުހުންގެ މައްޗަށް ކުރެއެވެ.

comment ކޮމެންޓް