ކުޑަހެންވޭރު ބަލިކޮށް، ގްރޫޕްގެ އެއްވަނަ ޓީމުގެ ގޮތުގައި ސިފައިން ސެމީއަށް

ދެވަނަ ޑިވިޝަންގައި ސިފައިންގެ ކްލަބާއި ޕީކޭ ވާދަކުރި މެޗުގެ ތެރެއިން --- ފޮޓޯ/ އެފްއޭއެމް

ކުޑަހެންވޭރު ޔުނައިޓެޑްވެސް ބަލިކޮށް، ގްރޫޕް ސްޓޭޖުގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، އެއްވަނަ ޓީމުގެ ގޮތުގައި ދިވެހި ސިފައިންގެ ކްލަބު (ޑީއެސްީ) ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.

މާފަންނު އެއް ނަންބަރު ޓާފްގައި އިއްޔެ ކުޅުނު މެޗު ސިފައިން ކާމިޔާބުކުރީ 1-0ގެ ނަތީޖާއަކުންނެވެ.

އިއްޔެ ކުޅުނު މެޗުގައި ސިފައިންގެ ޓީމުގެ ހަމައެކަނި ގޯލް، މެޗުގެ 85 ވަނަ މިނެޓުގައި އެޓީމަށް ކާމިޔާބުކޮށްދިނީ ވަލިޔެޔޭވް ރިނާއެވެ. އޭނާ ވަނީ ސިފައިންގެ ޓީމުން އެންމެ ފަހުން ބީޖީއާ ދެކޮޅަށް ކުޅުނު މެޗުގައި ހެޓްރިކްވެސް ހަދައިފައެވެ.

އިއްޔެގެ މެޗުން ބަލިވި ކުޑަހެންވޭރަށް އަދި ސެމީގެ ފުރުސަތެއް ނުގެއްލެއެވެ. އެހެން ނަމަވެސް އެޓީމަށް ޖެހޭނީ މާދަމާ ބީޖީ ސްޕޯޓްސް ކްލަބާއި ކްލަބް ޕީކޭ ވާދަކުރާ މެޗުގެ ނަތީޖާއަށް މަޑުކުރާށެވެ.

މިހާތަނަށް ގްރޫޕް އެކެއްގައި ޕީކޭ ދެ މެޗު ކުޅެފައިވާ އިރު، އެޓީމަށް ލިބެނީ ތިން ޕޮއިންޓެވެ. ފައިދާ ގޯލެއް ނެތެވެ. ކުޑަ ހެންވޭރުން ތިން މެޗު ކުޅުނު އިރު، އެޓީމަށް ލިބެނީ ތިން ޕޮއިންޓާއި ފައިދާ ދެ ގޯލެވެ.

ގްރޫޕްގެ އެއްވަނައިގައި ސިފައިންގެ ކްލަބު އޮތީ ތިން މެޗުން ނުވަ ޕޮއިންޓާ އެކުގައެވެ. އެޓީމަށް ވަނީ ގްރޫޕްގެ އެއްވަނަ ޔަގީން ވެފައެވެ.

އެފްއޭއެމް ދެވަނަ ޑިވިޝަންގެ މެޗެއް ދެން އޮންނާނީ މާދަމާ އެވެ. އެ މެޗުގައި ވާދަކުރާނީ ގްރޫޕް އެކެއްގެ ބީޖީއާއި ޕީކޭއެވެ.

މިއަހަރުގެ ދެވަނަ ޑިވިޝަންގައި އަށް ޓީމު ވާދަކުރާ އިރު، މުބާރާތް ކުރިއަށްދާނީ ދެ ގްރޫޕަކަށް ބަހާލައިގެންނެވެ. ކޮންމެ ގްރޫޕެއްގައި ހިމެނޭނީ ހަތަރު ޓީމެވެ.

ގްރޫޕް ދޭއްގައި ހިިމެނޭ ޖޭޖޭ ސްޕޯޓްސް ކްލަބާއި ދަ ގޭންގްވެސް ސެމީ ޔާގީން ކޮށްފައިވާ އިރު، އެ ގްރޫޕްގެ އެއްވަނަ ޓީމު ޔަގީން ވާނީ ގްރޫޕް ސްޓޭޖުގެ ފަހު މެޗުތަކުންނެވެ.

comment ކޮމެންޓް