ވޭސްޓް މެނޭޖުމަންޓް ސެންޓަރެއް ހެދުމަށް ބޭނުންވާ ބިން ހިއްކުމަށް އެމްޓީސީސީގެ މަހާ ޖައްރާފު ކ. ތިލަފުށީގައި ބަނދަރުކޮށްފިއެވެ.
އެމްޓީސީސީގެ އޮފިޝަލަކު ސަން އަށް ވިދާޅުވީ، ތިލަފުށީގައި ވޭސްޓް މެނޭޖުމަންޓް ސެންޓަރު ގާއިމް ކުރުމަށް 15 ހެކްޓަރުގެ ބިން ހިއްކާނެ ކަމަށެވެ. ހަފްތާއެއްހައި ދުވަހުގެ ތެރޭ މަސައްކަތް ފެށޭނެ ކަމަށާއި މަސްދުވަހުގެ ތެރޭގައި ބިން ހިއްކައި ނިމޭނެ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.
ތިލަފުށި ތަރައްގީ ކުރުމަށް އޭޑީބީގެ އެހީގައި 126 މިލިއަން ޑޮލަރުގެ މަޝްރޫއެއް ހިންގަން ނިންމާފައިވާކަމަށް އެންވަޔަރަންމެންޓް މިނިސްޓަރު ޠާރިޤު އިބްރާހިމް ވެސް ވަނީ މީގެ ކުރިން ވިދާޅުވެފައެވެ.
އެންވަޔަރަންމެންޓް މިނިސްޓްރީގައި ޖެނުއަރީ މަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަދައްކަވަމުން މިނިސްޓަރު ޠާރިޤު ވިދާޅުވީ މި މަޝްރޫއު ކުރިއަށް ގެންދާނީ ފިޔަވަހިތަކަކަށް ބަހާލައިގެން ކަމަށެވެ. އެގޮތުން ތިލަފުށީގެ ބިން ހިއްކައި، ވޭސްޓް މެނޭޖުމެންޓް ސެންޓަރެއް ގާއިމްކުރާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ. މި މަޝްރޫއުގެ ދަށުން ވޭސްޓް ޓްރާންސްފާ ސެންޓަރެއް ގާއިމް ކުރާނެ ކަމަށް ވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.
އެމްޓީސީސީ އިން 36 މިލިއަން ޑޮލަރު ހަރަދުކޮށްގެން ހަދާފައިވާ މަހާޖައްރާފު ބަނދެފައި ވަނީ އައިއެޗްސީއާ ހަވާލުކޮށްގެން ޗައިނާގެ ނަންޓޮން ރެއިންބޯ މެރިން ޓެކްނޮލޮޖީ ބޯޓު ޔާޑުގައެވެ. އައިއެޗްސީ އަކީ ނެދަލޭންޑްސްގެ ކުންފުންޏެކެވެ.
މަހާޖައްރާފު އެންމެ ފުރަތަމަ ހިއްކާފައިވަނީ ހދ. ކުޅުދުއްފުށީގެ އެއާޕޯޓު އަޅަން ހަމަޖެހިފައިވާ ބިމެއެވެ. އޭގެ ފަހުން ށ. ފުނަދޫ އެއާޕޯޓު އަޅާ ބިމާއި ށ. ކޮމަންޑޫގެ ބިން ހިއްކާފައިވެއެވެ.