މަޖީދިއްޔާގެ ޓީޗަރަކު ސަސްޕެންޑް ކުރުމާ ގުޅިގެން އުފެދުނު ހިތްހަމަނުޖެހުން ހައްލުކޮށްފި

މަޖީދިއްޔާ ސުކޫލް ދަރިވަރުންތަކެއް އެސުކޫލް ބޭރުގައި މަޑުކޮށްލައިގެން: -- ފައިލް ފޮޓޯ

މަޖިދިއްޔާ ސްކޫލުގައި ކިވަޔާ ދަރިވަރަކަށް ޓީޗަރަކު އަނިޔާ ކުރި މައްސަލައިގައި އެ ޓީޗަރު ސަސްޕެންޑް ކުރުމާއި ގުޅިގެން އެ ސްކޫލުގައި އުފެދުނު ހިތްހަމަނުޖެހުން ހައްލުކޮށްފައިވާ ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ބުނެފިއެވެ.

ގުރޭޑް 10ގައި ކިޔަވާ ދަރިވަރަކާއި ހިސާބު ކިޔަވައިދޭ ބިދޭސީ ޓީޗަރަކާ ދެމެދު މާރާމާރީ ހިނގާފައިވަނީ އާދިއްތަދުވަހުއެވެ. ނަމަވެސް އެ މާރާމާރީގެ ތަފްސީލް އަދި ވަނީ ލިބޭގޮތް ނުވެފައެވެ.

އެ ޓީޗަރު ސަސްޕެންޑް ކުރަން ނިންމުމާއި ގުޅިގެން މިއަދު މަޖީދިއްޔާ ސްކޫލުގެ ބައެއް ޓީޗަރުންވަނީ ކްލާސް ތަކަށް ނުގޮސް ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. އެ ޓީޗަރުން ބޭނުންވީ އެޑިޔުކޭޝަން މިނިސްޓްރީގެ އޮފިޝަލުންނާއި ބައްދަލުކޮށް ކަންބޮޑުވުންތައް ހިއްސާ ކުރާށެވެ.

ޓީޗަރުންގެ ހިތްހަމަ ނުޖެހުންތަކާ ގުޅިގެން މިއަދު އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކެރެޓަރީ މުހައްމަދު ސައީދާއި އެ މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކްޓިވް ޝެރީނާ އަބްދުއްސަމަދު ވަނީ މަޖީދިއްޔާ ސްކޫލަށް ވަޑައިގެން މުވައްޒަފުންނާއި ބައްދަލު ކުރައްވައިފައެވެ.

އެ ބައްދަލުކުރެއްވުމަށްފަހު ސައީދު ވިދާޅުވީ، އެ މައްސަލަ ހައްލުކޮށްފައިވާ ކަަމަށާއި ހިތްހަމަނުޖެހުން ފާޅުކުރި ޓީޗަރުންވެސް އަނބުރާ ކްލާސްތަކަށް ވަޑައިގެންފައިވާ ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއްވައެވެ.

comment ކޮމެންޓް